ފާފަކުރެވުނަސް އެމީހަކު ބޭނުންވާ ކަންކަމަށް ﷲ ގެ ޙަޟްރަތުގަ އެދެން ފަސްނުޖެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ފާފަކުރެވުނަސް އެމީހަކު ބޭނުންވާ ކަންކަމަށް ﷲ ގެ ޙަޟްރަތުގަ އެދެން ފަސްނުޖެހޭށެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަދި އަވަހާރަވުމެއްނުވާ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލުކުރައްވާށެވެ! އަދި އެކަލާނގެއަށް ޙަމްދާއެކު، ތަސްބީޙްވިދާޅުވާށެވެ! އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި އެކަލާނގެ ފުދެއެވެ." (އަލްފުރްޤާން: 58) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެކަލާނގެއަށް ޙަމްދުރުމަށާއި ތަސްބީޙް ކިޔުމަށެވެ. އަދި މީސްތަކުންނަށް ކުރެވިފައިވާ ފާފަތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ކަމަށެވެ. 

އަބަދުވެސް ވިސްނަންވީ ކަމަކީ އިންސާނާއަށް ފާފަކުރެވޭނެކަމާއި ކުރެވޭނެ މިންވަރު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެވެ. ދުނިޔެއަށް މީހާ ފޮނުއްވެވުމުގެ މާކުރިން އެކަލާނގެ ދެނެވޮޑިގެންވާ ކަމެވެ. ވީމާ ނިކަމެތިކަން އިޙްޞާޞްކުރަންވީ ފާފައެއް ކުރެވިފައި އޮވެގެނެއް ނޫނެވެ! ނިކަމެތިކަން އޙްޞާޞްކުރަންވީ ފާފައެއް ކުރެވުމުން ތައުބާ ނުވެވި ހުރެވޭކަމެވެ. 

މިއާޔަތުގައި ﷲ ތަޢާލާ ހިތްވަރު ދެއްވަވާފައި އެވަނީ ތައުބާވެ ﷲ ތަޢާލާއަށް ޙަމްދުކުރުމަށެވެ! ތަސްބީހް ކިޔައި ހެޔޮ ޢަމަލުކުރުން ގިނަކުރުމަށެވެ. ވީމާ އަހަރެމެން ކޮންމެ މީހަކަށް ކޮންމެ ކަމެއް ބޭނުންވި ނަމަވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ! ހިތާމައާއި ހިތްދަތިކަން މެދުވެރިވާ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ! ކިތަންމެ ބޮޑު މުޞީބާތެއް މެދުވެރިނިނަމަވެސް ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! 

އެހެނީ އަހަރެމެން އުފެއްދެވީވެސް ﷲ ތަޢާލާއެވެ! އަހަރެމެންގެ ބޭނުންތައް ފައްދަވައި ދެއްވެވޭނީ ވެސް ހަމަ އެކަނި ﷲ ތަޢާލާއަށެވެ! އެއީ އެހެން ބައަކަށް ނުވަތަ މީހަކަށް ކޮށްދެވޭނެ ކަންކަމެއް ނޫނެވެ! 

މިރޭ ވެސް ތަކުރާރުކޮށް ބުނެލާނަމެވެ! ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނީ ފާފަ ކުރެވުނީތީއެއް ނޫނެވެ! ކުރެވުނު ފާފައަށް ތައުބާ ނުވެވުނީތީއެވެ! ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެކަން އެނގޭއިރުވެސް ތައުބާ ނުވެ ހުއްޓައި މަރު އައިސް ބައްދަލުކޮށްފި ނަމަ އެވެ!

ބައެއް މީހުންނަށް ކަންކަން މެދުވެރިވުމުން ﷲ ތަޢާލާއަށް ދަންނަވަން ފަސްޖެހެވެއެވެ. އެއީ ކުރެވިފައިވާ ފާފަތައް ގިނަވުމުން ތައުބާވެ އިތުރަށް ހެޔޮ ޢަމަލުތައް ކުރުމަށްފަހު ނޫނީ ދަންނަވަން ޖެހިލުންވާތީއެވެ! ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫންކަން މިބަޔާންކުރި އާޔަތުން އެނގިގެންދެއެވެ.  އަދި ބުނަންހެއްޔެވެ؟ ތިމާއަށް ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުމަކީވެސް ފާފަކުރެވުމާއި މީހާ ދުރުހެލިކޮށްދޭ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން