ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މިދުޢާ ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މިދުޢާ ކުރާށެވެ!

ޝައިޠޯނާ އެއިގެ އަޞްލު ސިފައިގައި އައިސް މީހުންނާ ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ސިފަ ބަދަލުކޮށްގެން މާތް މީހެއްގެ ސިފަ ޖެހިގެން، ހެޔޮލަފާ މުސްކުޅިއެއްގެ ސިފަ ޖެހިގެން، މާތް ޢިލްމުވެރިއެއްގެ ސިފަޖެހިގެން ނުވަތަ އެނޫންވެސް ބައެއް ސިފަސިފައިގައި އައިސް މީހުންނާ ވާހަކަ ދައްކާފައި ހުރިކަން އެއީ ސާބިތުވާ ކަމެކެވެ. 

ޒަކާތަށް ޖަމާކޮށްފައި ހުރި ތަކެތިން ވައްކަންކުރަން 3 ރޭ އިންސާނެއްގެ ސިފައިގައި އައިސް އަބޫހުރައިރަތުގެފާނާއި ވާހަކަ ދެއްކިކަން އެއީ ޙަދީޘުފުޅުން ސާބިތުވާން އޮތް ކަމެކެވެ. 

އިންސާނުންގެ ލޮލަށް ޝައިޠޯނާ ފެނުމަކީ ޢާންމުކޮށް ހިނގާ ކަމެއް ނޫނެވެ. ޝައިޠޯނާ މީހަކު ނުވަތަ ބައަކު ލައްވައި ފާފަކުރުވަން ބޭނުންވުމުން އެބައެއްގެ ހިތަށް ވަސްވާސްދޭނީއެވެ. ހިތް އެކަމަށް ޝައުޤުވެރިކުރުވާނީއެވެ! ވީމާ ފުރަތަމަ ކަމެއްގެ ގޮތުން އަހަރެމެން ކުރަންޖެހޭ ކަމަކީ އެމީހާގެ ހިތް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކުރުވުމެވެ. 

ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ! ފާފަކުރެވެނީ އެކަން ކުރަން ޝައުޤްވެރިވެވުމުންނެވެ! ޝައުޤްވެރިވެވެނީ އެކަމަށް ޝައިޠޯނާ ވަސްވާސް ދިނުމުންނެވެ! ވީމާ ފާފަކުރުން ދޫކޮށްލައި އިޞްލާޙްވުމަށް އެދޭމީހާ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ. 

ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަންވީ ދުޢާތައް ކީރިތި ޤުރްއާނުން ފެންނަން އެބަހުއްޓެވެ! އެއިގެ ތެރެއިން އެއް ދުޢާއަކީ: 

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ 

އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަމްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ." (އަލްމުއްމިނޫން: 97)

އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އެއީ އެއްވެސް ކަމެއް ޙާޞިލުކުރުމަށްޓަކައި ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެއެވެ. ތިމާގެ ޢަމަލުތަކުން އެކަން ދައްކަންވާނެއެވެ. އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. ދުޢާކުރުމާއި ވާގިއެދުން އޮތީ އެއިގެފަހުންނެވެ. ނުވަތަ ފަހަތުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން