އަނބިމީހާ ރަހަބެލީމާ ފަކުރުގަނެ ސައިތަށި މޫނަށް ހޫރާލާ ފިރިން އަނބިމީހާގެ ތުންފަތުގަ އަނގަޖަހަނީ ކީއްވެ؟ އެއިރު ކުޅު ނުހުންނާނީތަ؟

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާ ރަހަބެލީމާ ފަކުރުގަނެ ސައިތަށި މޫނަށް ހޫރާލާ ފިރިން އަނބިމީހާގެ ތުންފަތުގަ އަނގަޖަހަނީ ކީއްވެ؟ އެއިރު ކުޅު ނުހުންނާނީތަ؟

ބައްދަލުވާ ބައެއް އަންހެނުން ވަރަށް ދެރަވެފައި އެބަ ބުނެއެވެ. ފިރިމީހާއަށް ގިރައިދިން ސައިތަށީގެ ރަހަބަލައިލިތަން ފެނުމުން އެއީ ސައިތަށްޓަށް ކުޅުޖެހުން ފަދަ ކަމެއް ކަމަށް ދެކެގެން އެބަ އެއްޗެތި ގޮވައެވެ. އެއީ ނަޖިސް ޢަމަލެއް ކަމަށް ބުނެ އެބަ ކުށްވެރިކުރެއެވެ. އަދި އެވަރަކުންވެސް ފުއްދައެއް ނުލައެވެ. ސައިތަށި ގެންގޮސް ބެހެއްޓީމާ މޫނަށްވެސް އެބަޖަހައެވެ. 

މިފަދަ ޢަމަލުތައްކުރާ ފިރިންނާއި ސުވާލެއްކޮށްލަން ބޭނުންވެއެވެ. ނިކަން ބުނެދީބަލާށެވެ! ސައިގިރި ސަމުސަލުން ސައިކޮޅެއްނަގާފައި ތުންފަތުގައި ޖައްސައިލުމަށްފަހު އެސަމުސާ ނުދޮވެ ސައިތަށްޓަށްލީތީ ނުވަތަ ޖޯޑުގައި އަނބިމީހާ ތުންޖަހައިލީތީ ތިއަހައިވަރަށް ފަކުރުގަންނައިރު އަނބިމީހާގެ ތުންފަތުގައި އަނގަޖަހަނީ ކީއްވެގެން ހެއްޔެވެ؟ ތުންފަތުގައި އަނގަޖަހައި ހުންނަ ކުޅުތައް ބޮނީ ކީއްވެގެން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަނބިމީހާ އާއި ފިރިމީހާ އާއި ދެމީހުންގެ މެދުގައި އޮންނަ ގުޅުމަކީ މާ ވަރުގަދަ ގުޅުމަކަށް ހަދަންޖެހޭނެއެވެ. ރުޅިއަންނަން ބޭނުންވެފައި ހުރުމުން ކަމަކަސްނުވާ ޒާތުގެ ކަންކަން ކަމަކަށް ހަދައި ބޮޑުނުކުރާށެވެ. ކޮންމެ ކަމެއްގައިވެސް ދެމީހުންގެ މެދުގައި އެކުވެރިކަން ބަދަހިކުރަން މަސައްކަތްކުރާށެވެ. 

އަދި ކީއްހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް ލަވައި ކާންދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަން ކުރެވޭނީވެސް ވަރަށް ބޮޑަށް ލޯބިވާ ދެމަފިރިއަކަށެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ލޯބި އިތުރުވެގެންދަނީއެވެ. 

ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން އިތުރުވަމުން މިދަނީ ލޯބިއިތުރުކުރަން މަސައްކަތްނުކުރެވޭތީއެވެ. ބަލަންވީ މައްސަލައެއް އުފައްދާނެ ގޮތަކަށް ނޫނެވެ. ބަލަންވީ ލޯބިއިތުރުކުރެވޭނެ ކަންކަން ކުރެވޭތޯއެވެ. ޒަވާޖީ ޙަޔާތަށް ޚަރީފް މޫސުން އަޔަނުދޭށެވެ. އަބަދުވެސް ބަހާރުމޫސުމުގައި ތިބެން ގަދައަޅައި މަސައްކަތްކުރާށެވެ. ދިރިއުޅުމާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރަން ކުރާ މަސައްކަތްތަކާއިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން