ޢަލީ އިޙްޞާން ފިރާޤް
جابر بن عبدالله رضى اللّـه عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ސުވަރުގޭގެ އަހުލުވެރިންނަށް ގޮވޭހުށީ އެބައިމީހުންގެ ނަމުންނެވެ. އާދަމުގެފާނު ފިޔަވައެވެ. އެކަލޭގެފާނަށް ގޮވޭހުށީ ކުންޔަތުގެ ނަންފުޅުކަމުގައިވާ އަބޫމުޙައްމަދުގެ ނަންފުޅުންނެވެ.]
{ ابن كثير، البداية والنهاية/ ابن عدي، الكامل في الضعفاء}
މި ޙަދީޘަކީ ޞައްޙަ ޙަދީޘެއްނޫނެވެ. މިއީ باطل موضوع ޙަދީޘެއްކަމުގައިވެސް ޢިލްމުވެރިން ކަނޑައަޅުއްވައިފައިވެއެވެ. އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައިވެސް މިއީ ޟަޢީފު ރިވާޔަތެއްކަމުގައި ވިދާޅުވެފައިވެއެވެ.
عبد الله بن عَمرو رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
إِنَّ المَلاَئِكَةَ قَالَتْ: يَا رَبَّنَا، أَعْطَيْتَ بَنِي آدَمَ الدُّنْيَا يَأْكُلُونَ فيهَا ويَشْرَبُونَ ويَلْبَسُونَ، ونَحْنُ نُسَبِّحُ بِحَمْدِكَ، ولاَ نَأْكُلُ ولاَ نَشْرَبُ ولاَ نَلْهُو، وكَمَا جَعَلْتَ لَهُمُ الدُّنْيَا فَاجْعَلْ لَنَا الآخِرَةَ. قال: لاَ أَجْعَلُ صَالِحَ ذُرِّيَّةِ مَنْ خَلَقْتُ بِيَدَيَّ كَمَنْ قلتُ لَهُ: كُنْ فَكَانَ { رواه الطبراني في "المعجم الكبير" (13 / 658) }
މާނައީ: [ހަމަކަށަވަރުން މަލާއިކަތުން ދެންނެވިއެވެ. އޭ އަޅަމެންގެވެރިރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އާދަމުގެދަރީންނަށްޓަކައި ދުނިޔެ ދެއްވައިފީމުއެވެ. އެތަނުގައި އެބައިމީހުން ކައިބޮއެ ފޭރާންލާ ހަދައެވެ. ނަމަވެސް އަޅަމެން އިބަރަސްކަނލާގެއަށް ތަސްބީޙާ ކިޔާ ޙަމްދުކޮށް އުޅެމުއެވެ. ކެއުމެއް ބުއިމެއް މުނިފޫހިފިލުވުމެއް ނެތް ގޮތުގައެވެ. އިބަރަސްކަލާނގެ އެބައިމީހުންނަށް ދުނިޔެ ދެއްވިފަދައިން އަޅަމެންނަށް އާޚިރަތް ދެއްވާނދޭވެ. މާތްﷲ ވަޙީ އެބޭކަލުންނަށް ވަޙީ ކުރެއްވިއެވެ. [ތިމަންރަސްކަލާނގެ އަތްޕުޅުން ހެއްދެވި އާދަމުގެފާނުގެ ޞާލިޙު ދަރިފަސްކޮޅަށް އެސުވަރުގެ ވާރުތަކޮށްދެއްވާހުށީމެވެ. އެކަލޭގެފާނު ހެއްދެވުންވަނީ ކަމެއްވުމަށް އިރާދަކުރައްވައި އެކަމަކަށް ވާށޭ ވަޙީކުރެއްވުމުން އެކަމެއްވެ ފުރިހަމަވާ ފަދައިންނެވެ.]
މިއީވެސް ޞައްޙަ ޙަދީޘެއް ނޫނެވެ. ޟަޢީފު ޙަދީޘެކެވެ. މި ޙަދީޘްތައް މިތަނުގައި ބަޔާން މިކުރީ މިއީ ޟަޢީފު ރިވާޔަތްތަކެއްކަން ބަޔާން ކުރުމުގެ ނިޔަތުގައެވެ.
ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އާދަމުގެފާނަށް އެކުރެވުނުކުށެއް ކުރެވުމަށްފަހު މާތްﷲ ގެ ޙަޟްރަތުގައި ދެންނެވިއެވެ. އަޅުގެވެރި ރަސްކަލާކޯއެވެ. މުޙައްމަދުގެފާނުގެ ޙައްޤުގައި މިއަޅާއަށް މާފުކޮށްދެއްވާނދޭވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނަށް މުޙައްމަދުގެފާނު އެނގިވަޑައިގަތީ ކިހިނެއްތޯއެވެ. ތިމަންރަސްކަލާނގެ އަދި އެކަލޭގެފާނު ނަހައްދަވަމެވެ.
އާދަމުގެފާނު ދެންނެވިއެވެ. އަޅުގެވެރިރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އަތްޕުޅުން މިއަޅާ ހައްދަވާ އިބަރަސްކަލާނގެ ރޫޙުފުޅުން މިއަޅާއަށް ފުމެލެއްވުމުން މިއަޅާ އިސްއުފުއްލަވައިލިހިނދު ޢަރްޝުގައި لا إله إلا الله ، محمد رسول الله މިފަދައިން ލިޔެވިގެންވާތީ މިއަޅާ ދުށީމެވެ. އެހނދު އިބަރަސްކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މަޚްލޫޤުގެ ނަންފުޅުފިޔަވައި އެހެންނަމެއް ނުވާނެކަން މިއަޅާއަށް އެނގުނެވެ.
މާތްﷲ ވަޙީ ކުރެއްވިއެވެ. އޭ އާދަމުއެވެ. ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ތިމަންރަސްކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މަޚްލޫޤެވެ. އެކަލޭގެފާނުގެ ޙައްޤުގައި ދެއްވުމަށް އެދިވަޑައިގެން ދެންނެވިހިނދު ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ފާފަފުއްސަވައި ދެއްވައިފީމުއެވެ. މުޙައްމަދުގެފާނު ނުވާނަމަ ތިމަންރަސްކަލާނގެ ކަލޭގެފާނު ނުހެއްދެވީމުހެވެ. { رواه الحاكم}
މިދެންނެވި ޙަދީޘަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ޙަދީޘެކެވެ. އެ ޙަދީޘަށް ނިސްބަތްކޮށް ބައެއް ކަހަލަ މަދަހަވެސް ހަދައިފައިވެއެވެ. ނަމަވެސް މި ޙަދީޘަކީ ދަލީލު ނަގަން ހެޔޮވާވަރު ޙަދީޘެއް ނޫނެވެ. ވަރަށް ޟަޢީފު ޙަދީޘެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ މާތް ރަސޫލާއަށް ނިސްބަތްކޮށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ. މައުޟޫޢު ޙަދީޘެވެ.
އިމާމު ޙާކިމު ވިދާޅުވެފައިވަނީ މި ޙަދީޘްގެ ސަނަދު ޞައްޙަކަމުގައެވެ. ނަމަވެސް އެކަމަށް އިޢުތިރާޟު ކުރާ ޢިލްމުވެރިން ވަރަށް ގިނައެވެ. އެގޮތުން އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ. އެއީ موضوع ޙަދީޘެކެވެ. އެ ޙަދީޘްގެ ރާވީންގެ ތެރޭގައިވާ عبد الرحمن އަކީ ޟަޢީފު ރާވީއެކެވެ. ހަމައެހެންމެ އެ ޙަދީޘްގެ ރާވީންގެ ތެރޭގައި ހިމެނޭ عبد الله بن مسلم الفهري އަކީވެސް ކާކުކަން ނޭނގޭ މީހެކެވެ. އިމާމު ذهبي، ميزان الاعتدال ގައިވެސް އެއީ ބާތިލު ރިވާޔަތެއްކަމުގައި ވިދާޅުވެފައިވެއެވެ. الحافظ ابن حجر، لسان الميزان ގައި އިމާމު ޛަހަބީ މިދެންނެވި ވާހަކައަށް އިޤުރާރުވެލައްވައިފައިވެއެވެ.
އައްޝައިޚުލް އަލްބާނީ އޭނާގެ السلسلة الضعيفة ގައިވެސް އެއީ موضوع ޙަދީޘެކަމުގައި ވިދާޅުވެފައިވެއެވެ.