ދީނުގެ ކަންކަމުގަ އޮޅުންތައް އަރަމުން މިދަނީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާނުކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ދީނުގެ ކަންކަމުގަ އޮޅުންތައް އަރަމުން މިދަނީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާނުކުރާތީ!

"ދީނުގެ ކަންކަމުގަ އޮޅުންތައް އަރަމުން މިދަނީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާނުކުރާތީއެވެ. ޚިޔާލުތަފާތުވުން އުފެދޭ ކަންކަމުގައި ޢިލްމުވެރިންނާއި މަޝްވަރާކޮށް ޙައްލު ހޯދަން މަސައްކަތްނުކުރާތީއެވެ. 

އިސްލާމިކް މިނިސްޓްރީން އެމިނިސްޓްރީގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރިއިރު މިފަދަ މައްސަލަތަކެއް ނުނުކުމެއެވެ. ކަންބޮޑުވާންޖެހޭ ކަންކަމުގައި ޢިލްމުވެރިން އެއްކޮށް ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރެއެވެ. ޙައްލު ހޯދައެވެ. 

ޔޯގާގެ މައްސަލަވެސް އެހިސާބަށް ދިއައީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު އަދާނުކުރުމުންނެވެ. ޢިލްމުވެރިންނާއި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަން ބޭނުންވި ގޮތަށް ކަންކަން ކުރިއަސް ގެންދަން އެއްބާރުލުން ދިނީތީއެވެ.

މިފަދަ މައްސަލަތައް ޙައްލުކުރެވޭނީ އިސްލާމިކް މިނިސްޓްރީން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކޮށްގެންނެވެ. އިސްލާމިކް މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށްގެންނެވެ. އެކަމަކާއި ގުޅިގެން ބުނަންޖެހޭ ބަސް ބުނުމުގެ ހިތްވަރުލިބިގެންނެވެ."

މިއީ މިސަރުކާރަށް މިހާރުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ ޝައިޚަކު މީގެ 4 ދުވަސްކުރިން މިއަދުނޫހަށް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިވާހަކަތައް ތަފާތު ޢިބާރާތުން މިއަދުނޫހުގައި މިއަންނަނީ ޝާއިޢުކުރަމުންނެވެ. މީގެ 2 އަހަރުކުރިން ޝާއިޢުކުރި މިލިޔުމުގައިވެސް އެވަނީ ހަމަ މިފަދަ ވާހަކަތަކެވެ. އެއިރުވެސް އެފަދަ މޭރުމުން ބަސްބުނަންޖެހުނީ އިސްލާމިކް މިނިސްޓްރީގެ ހިންގުން ފޭލްވެ ﷲ ތަޢާލާގެ ޢަދާވާތްތެރިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހަމުން އަންނާތީއެވެ!

އިސްލާމް ދީން ފުހެލުމުގެ މަސައްކަތް ބާރު ސްޕީޑްގަ ހުރިއިރު އިސްލާމް މިނިސްޓްރީ ދެވަނަ ގިއަރުގަ ދުއްވައިގެން މިކަން ވާނެތަ؟

މިއަހަރު ފެށިގެން އައި ގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮތީ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވައި އިމާމްވެ ތަރާވީޙް ނަމާދާއި ދަމުނަމާދުކުރާނެ ހާފިޡުން ރާއްޖެ ގެންނަން ހޭދަކުރާ މައއްސަލައެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވަން ވަޤްފް ފަންޑަށް އަހަރަކު 6 މިލިއަނެއްހައި ރުފިޔާ ދަނީ ދައުލަތުގެ ބަޖެޓާއި ނުބެހި ލިބެމުންނެވެ. ޙާފިޡުން ގެންނަން ޚަރަދުކުރަނީ އަމިއްލަ ފަރާތްތަކުންނެވެ. އިސްލާމީ މަރުކަޒަށް ގެންނަ ޙާފިޡުން ގެންނާނެ ފައިސާ ޒަކާތު ފަންޑުގައި އަބަދުވެސް ހުރެއެވެ. ވީމާ އެކަމަށް ދައުލަތުގެ ބަޖެޓުން ހޭދަނުކޮށް ކުރެވޭނެ މަގުތައް އޮތީ ފެންނާށެވެ!

ކޮންމެއަކަސް ކޮރޯނާ ވައިރަސް ޢާންމުވުމުގެ ސަބަބުން މިއަހަރު މިސްކިތްތަކުގެ އާބާތުރަ ފިލުވަން އެއްވެސް ޚަރަދެއް ކުރާނެ ފުރުޞަތު ނުލިބުމުން އެއްވެސް ޚަރަދެއް ނުކުރެއެވެ. އަދި މިސްކިތްތައް ބަންދުކޮށްފައި ބަހައްޓަން ޖެހުމުން ހާފިޡުން ގެންނަން ވެސް ޚަރަދުކުރާކަށް ނުޖެހުނެވެ. އެހެންކަމާއިއެކުވެސް ފނިގެން މިދިއައީ މުޅި ޤައުމުގެ އިޤްޠިޞޯދު އެންމެ ބޮޑަށް އިނދަޖެހި ސަލާން ޖަހަން ޖެހުނު އަހަރުގެ ގޮތުގައެވެ.

މާތް ﷲ ދެއްވެވި މެސެޖް ވަރަށް ސާފެވެ! "އިޤްޠިޞާދު ވެސް އެހެން ކަންކަން ވެސް ކުރިއަރާނީ ތިމަން ﷲ ކުރިއެރުން ދެއްވެވުމުންނެވެ. ތަނަވަސްކަން ދެއްވެވުމާއި ނިކަމެތި ކުރެއްވެވުމުގެ ބާރު ލިބިވޮޑިގެންވަނީ ތިމަން ﷲ އަށެވެ!"

އަންނަ މަހު 15 ގައި ރާއްޖޭގެ ދޮރާށިތައް ހުޅުވައިލި ނަމަވެސް ކުރިއެރުން ލިބޭނީ ހަމައެކަނި މާތް ﷲ ދެއްވެވުމުންނެވެ. މިއީ ޔަޤީންކުރަންޖެހޭ ކަމެކެވެ. ކުރިއެރުން ހޯދަން ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ﷲ ގެ ދީން މަތިވެރިކުރުމެވެ. އެކަމުގައި މިފެންނަނީ ފަހަތުފައަށް ބުރަވަމުން އަންނަ ތަނެވެ. ﷲ ގެ ދީން މަތިވެރިކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭއިރު މިފެންނަނީ މުރުތައްދުވެ ﷲ ގެ ދީނާއި ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންވެސް ފަސްޖެހެމުން އަންނަ ތަނެވެ.

ފެނިގެން މިދިއައީ އެމްޑީއެންގެ ޝައިޠޯނީ ވަސްވާސްތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރޭނެ ކަމަށް ބުނި ތަފްޞީލީ ރިޕޯޓް ނުނެރެ އުޅެނިކޮށް އިތުރު ބައަކު އިތުރު ޝައިޠޯނީ ރިޕޯޓެއް ނެރުނު ތަނެވެ.

މިކަމުން އެނގިގެން މިދިއައީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތް ހުރީ ފިނިހަކު ސްޕީޑްގައި ކަމާއި ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ ﷲ ގެ ޢަދާވާތްތެރިންގެ މަސައްކަތް ހުރީ ރޮކެޓް ސްޕީޑްގައި ކަމެވެ.

މިއީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔްތްކުރަން ބޭނުންވާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ! ރާއްޖޭގެ ޤާނޫނު އަސާސީ ރާއްޖޭގައި ތަންފީޒުކުރަން ބޭނުންވާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިކަންކަމަށް އެކަށީގެންވާ ބަދަލުތައް ނުގެނެވި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވޭނެ ކަމާއިމެދު ސުވާލުތައް އުފެދިފައިވާތީއެވެ.

އުތެމަ ކިޔާ ބައަކު ނެރެގެން އުޅޭ ޝައިޠޯނީ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިހައިތަނަށް އެޅި ފިޔަވަޅެއް އޮޅުން ފިލުވަން ކުރިމަސައްކަތުގައި ފޯނަށް ޖަވާބު ނުލިބޭތީ އެކަން ވަނީ އޮޅުން ނުފިލައިފައެވެ. މިސްޓްރީން ކުރާ ކަންކަން ހާމަކުރަމުން ގެންދާ އެމިނިސްޓްރީގެ ޓްވިޓަރ އެކައުންޓުންވެސް އެފަދަ ކަމެއްގެ ވާހަކަ އެނގޭކަށް ނެތެވެ.

އެމްޑީއެން އިން ޝައިޠޯނީ ވަސްވާސްތައް ނެރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެކަމާއި ދެކޮޅަށް މަސައްކަތްތަކެއް ކޮށްފައެވެ. މައްސަލަ ފުލުހުންނަށްވެސް ހުށަހެޅީ އެމިނިސްޓްރީންނެވެ. ނަމަވެސް އުތެމަ މައްސަލައިގައި މިހައި ދުވަސްވާއިރުވެސް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ބަހެއް އަދި މިއަދުނޫހަށް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން