މީހަކު ﷲ ގެ މަގުގައި ސާބިތުވުމުން މީހުން ކުރާ ފުރައްސާރައަށް ނުބަލާށެވެ! އެއިން ކޮންމެ ފުރައްސާރައަކުން ވެސް ތިބާއަށް އާޚިރަތް ދުވަހު ކުރާނީ ފައިދާއެވެ. ވީމާ މީހުން ކުރާ ފުރައްސާރައަށް ނުބަލާށެވެ!
އެންމެ މުހިންމު ފަރާތަކީ ﷲ ތަޢާލާއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ފުދި އިތުރުވީއެވެ! ވީމާ މީހަކު ބުނާ ބަހަކަށް، ނުވަތަ ކޮށްފާނެ މަލާމާތަކަށް ނުވަތަ ކުރިން ކުރެވިފައި އޮތް ކަމެއް ބޭޒާރުކޮށްލައިފާނެ ކަމަށް ބިރުން ﷲ ތަޢާލާގެ މަގާއި ދުރުނުވާށެވެ! ދެ ދުނިޔެ ހާޞިލުކުރެވޭނީ އެއިރުންނެވެ!
ވީމާ ކުރިން ކުރެވިފައިވާ ފާފައެއް ބޭޒާރުކޮށްފާނެ ކަމަށް ލަދުނު ފަސްނުޖެހޭށެވެ! ތައުބާވުމުން މިހާރު އެކަން ﷲ ތަޢާލާ ވާނީ އެއީ ތިބާއަށް ކުރެވުނު ހެޔޮ އަމަލަކަށް ބަދަލުކޮށް ދެއްވަވައިފައެވެ! އިން ޝާ ﷲ.
ވީމާ ކުރިން ކުރެވިފައި އޮތް ފާފަފައެއް ބޭޒާރުކުރުމުން ނުވަތަ ބޭޒާރުކޮށްލައިފާނެ ކަމަށް އެއްވެސް ވަރަކަށް ދެރަވެ ފަސް ނުޖެހޭށެވެ! އެކަމުން ހުރިހާ ގެއްލުމެއް ވެސް ލިބޭނީ އެކަން ކުރި މީހަކަށެވެ!
ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން ފުރައްސާރަކުރާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. އެއީ ރަސޫލް (ﷺ)ގެ ޒަމާނުން ފެށިގެން މިއަދާއި ހަމައަށްވެސް އެކަން ހިނގަމުން އަންނަގޮތެވެ! އަދި ދުނިޔެ ފެށުނީންސުރެވެސް އެކަން ހިނގަމުން އަންނަ ގޮތެވެ!
މީހަކު އޭނާގެ ޢމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގުގައި ސާބިތުވާނަމަ އޭނާއަށް ކުރިން ކުރެވިފައި ހުރި ކުށްތަކުގެ ވާހަކަ ދައްކައި ލަދުގަންނަވަން މަސައްކަތްކުރާ ބައަކު އަބަދުވެސް ތިބޭނެއެވެ! އެއީ އެމީހާ އިޞްލާޙްވުމަށް ހުރަސް އެޅުމަށެވެ! އެކަން އެކުރަނީ ޝައިޠޯނާގެ ބައިވެރިންނެވެ. ޝައިޠޯނާގެ ބައިވެރިން އަބަދުވެސް ދުނިޔޭގައި އުޅޭނެއެވެ. އެއީ ނެތި ހުސްވެގެންދާނެ ބައެއް ނޫނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން