މީހަކަށްނަމަވެސް ﷲ ގެ ދީނަށްވިޔަސް އަނިޔާވެރިވާން ﷲ ދޫކޮށް ނުލައްވަވާނެކަން އެކަލާނގެ ވަހީބަސްފުޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
މީހަކަށްނަމަވެސް ﷲ ގެ ދީނަށްވިޔަސް އަނިޔާވެރިވާން ﷲ ދޫކޮށް ނުލައްވަވާނެކަން އެކަލާނގެ ވަހީބަސްފުޅުން!

ﷲ ތަޢަލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (އިބްރާހީމް: 42) 

އަނިޔާވެރިން، އެމީހުންނަށް އެމީހުންނަށް އެންމެ މުހިންމުވާ ވަގުތު ﷲ ތަޢާލާ އެމީހުން ހިއްޕަވަތެވެ! އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ބާރު ކަނޑުއްވަވައި ނިކަމެތި ކުރައްވަވަތެވެ! އެމީހުންގެ ބާރުވެރިކަން ނެތިކުރައްވަވަތެވެ! ދުނިޔޭގެ ބޮޑެތި ބާރުތަކުގައި ކަންކަން ބަދަލުވަމުންދާ ގޮތުންވެސް މިފަދަ އެތައް މިސާލުތަކެއް ދަނީ އަބަދުވެސް ފެންނަމުންނެވެ! 

ބާރުގަދަ އެތައް ވެރިކަމެއް ވަނީ ލޮލުގެ އެސްފިޔަ ޖަހައިލަން ބޭނުންވާހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެތިކުރައްވަވައިފައެވެ. އެހައިމެ ފަސޭހައިން ވަނީ ބާރުގަދަ އެތައް ވެރިކަމެއް  ބަދަލުވެފައެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ފެންނަން ހުރި ކަންކަމެވެ! 

އަދި ކީއްހެއްޔެވެ؟ ދުނިޔޭގައި ބާރުގަދަވެގަނެގެން އުޅޭ އެތައް ބައަކު ﷲ ތަޢާލާ ވަނީ ހިއްޕަވައިފައެވެ. ނިކަމެތި ކުރައްވަވައިފައެވެ. މީސްތަކުންނަށް އެކަންކަން އަބަދުހެން އެގެންދަވަނީ ދައްކަވަމުންނެވެ. ޖައްބާރު ހެދިގެން އުޅޭ އެތައް ބައަކަށް ކުރިމަތިކުރައްވަވާ ކަންކަން މީސްތަކުންނަށް ދައްކަވަމުން އެގެންދަވަނީ ޢިބްރަތަކަށެވެ. 

އިންސާނުންނަށް ކުރެވޭނެ އެންމެ ބޮޑު އަނިޔާއަކީ ﷲ ތަޢާލާ ބާވައިލެއްވެވި އެކަލާނގެ ދީނަށް، އިސްލާމް ދީނަށް އަނިޔާކުރުމެވެ! އަހުރެން ދެކޭ ގޮތުގައި އިސްލާމް ދީނަށް އަނިޔާކުރުމަކީ ދީނުގެ ޙުކުމްތައް އެމީހަކު ބޭނުންވާ ގޮތަށް ބަދަލުކޮށް ދީނުގެ ޙުކުމްތަކަށް އިންކާރުކުރުމެވެ. އަދި އެންމެ ބޮޑު އަނިޔާއަކީ މުސްލިމުންނަށް ވަސްވާސްދީ ދީނުގެ ޙުކުމްތަކާއި ޚިލާފަށް ޢަމަލުކުރަން ބާރު އެޅުމެވެ!  

އެހެނީ މީހަކު ކާފިރުވުމުން އެކަން އޮތީ އެމީހަކަށެވެ! މީސްތަކުން ﷲ ތަޢާލާގެ ދީނުން ބޭރުކުރުވަން މަސައްކަތްކުރުމަކީ އެކަމުގެ އަސަރު އެތައް ބައަކަށް ކުރާނެ ކަމެކެވެ! އެއީ ކުޑަކުޑަ ކަމެއް ކަމަށް ހީނުކުރާށެވެ! އަދި އެފަދަ މީހުންނަށް ޢުޤޫބާތް ނުދެއްވަވައި ދޫކުރައްވަވާނެ ކަމަށް ހީނުކުރާށެވެ!  

"ނިކަން ވިސްނައިލަބަލާށެވެ! ދާދިފަހުން އެންމެ ކަޅު މީހަކަށް އަނިޔާކޮށް މަރައިލުމުން މުޅި އެމެރިކާ ވަނީ އެކަމާއި ދެކޮޅަށް ނުކުމެފައެވެ! ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކޮންމެ ދުވަހަކު މުސްލިމުން މަރަމުން ގެންދާއިރު މުސްލިމުންނަށް އެކަމަށް އެބަ ދެކޮޅު ހެދޭ ހެއްޔެވެ؟ މުސްލިމުން އެކަމާއި ދެކޮޅަށް ނުކުންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟"  

މިއީ ޑރ. ޔާސިރު ޤާދީ ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޝައިޚް ބަޔާންކުރައްވާފައި އެވަނީ މުސްލިމުންނަކީ އެމީހުންގެ އަޚުންގެ ޙިމާޔަތުގައި ނުކުންނަން ޖެހޭނެ ބައެއް ކަމެވެ.  

މުސްލިމުންނަކީ ޚާއްޞަކޮށް އިސްލާމް ދީނަށް އަނިޔާކުރާނަމަ އެކަންކަމާއި ދެކޮޅަށް ކެރިގެން ތެދުވެ، ނުކުންނަން ޖެހޭނެ ބައެކެވެ. އިސްލާމް ދީނަށް އަނިޔާކުރުން ހުއްޓުވަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ފަރުދީ ޒިންމާއެވެ! ދީނީ ވާޖިބެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން