ގޭތެރޭގަ ޖެހޭ މައްސަލަތަކުގަ އަޅުގަނޑު ކުށްނުކުރާކަން އެނގިހުރެވެސް ފިރިމީހާ އަބަދު ކުށްވެރިކުރަނީ އަޅުގަނޑު! ޙައްލެއް ބޭނުން!: ކިޔުންތެރިއެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ގޭތެރޭގަ ޖެހޭ މައްސަލަތަކުގަ އަޅުގަނޑު ކުށްނުކުރާކަން އެނގިހުރެވެސް ފިރިމީހާ އަބަދު ކުށްވެރިކުރަނީ އަޅުގަނޑު! ޙައްލެއް ބޭނުން!: ކިޔުންތެރިއެއް

"ގޭތެރޭގަ މައްސަލަތައް ޖެހުމުން ފިރިމީހާއަށް އަޅުގަނޑުހުރީ ޙައްޤުގޮތުކައިކަން އެނގިހުރެވެސް އަބަދުވެސް ކަންކަން ނިންމަނީ އަޅުގަނޑާއި ދެކޮޅަށެވެ. އަޅުގަނޑު ގާތުގައި ބުނަނީ އަޅުގަނޑަށް ފުރިހަމއަށް އިތުބާރުކުރާ ކަމަށާއި ނަމަވެސް މަޞްލަޙަތަށްޓަކައި އެމީހުންގެ ކުރިމަތީގައި އަޅުގަނޑު ކުށްވެރިކުރަނީ ކަމަށެވެ. 

އަޅުގަނޑަކަށް އެގޮތެއް ކަމަކު ނުދެއެވެ. އިންޞާފު ބޭނުންވެއެވެ. ޙައްލު ބޭނުންވެއެވެ. ވީމާ ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯއެވެ؟"

ކިޔުންތެރިޔާ ފާހަގަކޮށްފައިވާ މައްސަލައަކީ ވަރަށް ގިނައިން ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. ވަރަށް ގިނަ އަނބިން ކުރާ ޝަކުވާއެކެވެ. މިބާވަތުގެ މައްސަލަތަކާއި ގުޅިގެން މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

"ގޭތެރޭގައި ޖެހޭ މައްސަލަތައް ޙައްލުކުރުމުގައިވެސް ކުށްވެރިވާ މީހާ ފާހަގަކޮށް އެކަން އެމީހަކަށް އަންގައިނުދެވޭނަމަ އެދެވެނީ އިންޞާފުން ބޭރުވެގެންނެވެ. ކުށްވެރިވަނީ އަނބިމީހާކަމަސްވީނަމަވެސް އަދި މައިމީހާކަމަށްވީނަމަވެސް މައްސަލަ ނިންމަންޖެހޭނީ ޢަދުލަށެވެ. ނޫންނަމަ އެވެވެނީ އަނިޔާވެރިއެވެ. އަނިޔާވެރިވީމާ އެކުރެވެނީ ބޮޑު ފާފައެކެވެ."  

ޢަދުލުވެރިވުމުގެ މުހިންމުކަމާއިމެދު ޑރ. ޝަހީމް ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ.

"އަދުލުވެރިކަމަކީ އެއާމެދު ކީރިތި ޤުރުޢާންގައި ވަރަށްބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ސުންނަތުގައިވެސް އިންތިހާއަށް އެކަމާމެދުގައި ބާރު އަޅުއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުގައިވަނީ ޤިޔާމަތްދުވަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނެތް ދުވަހުގައި ހަތް ބައަކަށް މާތްﷲ ހިޔާވަހިކަން ދެއްވަވާ ކަމަށެވެ!

އޭގެ ތެރެއިން އޭގެ ތެރެއިން އެންމެ ފުރަތަމަ ބައަކީ އަދުލުވެރިކަމާއެކުގައި ޙުކުމްކުރެއްވި މީހާއެވެ. "އަދުލުވެރި ވެރިމީހާ. އަދުލުވެރި ފަނޑިޔާރު."

"މިއީ ﷲ ސުބްޙާނަހޫ ވަތައާލާގެ ޙަޟުރަތުގައި ނުހަނު މަތިވެރި މަޤާމެއް ލިބިގެންވާ ބައެއް. އަޅުގަނޑުމެންނަށް އާންމުކޮށް ފެންނަ ނުވަތަ އަޑުއިވޭ އިރުގައި މިއިވެނީ އަދުލުވެރިވާންޖެހޭނީ ހަމައެކަނި ފަނޑިޔާރުގޭގެ ވާހަކަކަމަށް.

އަދުލުވެރިކަމަކީ މިދުނިޔެވެސް މާތްﷲ ޤާއިމްކުރައްވާފައިމިވަނީ އަދުލުވެރިވެލައްވާފައިމިވަނީ އަދުލުވެރިކަމުގެ ހަމަތަކުގެ މަތީގައި. މާތްﷲ ރަސޫލުބޭކަލުން ފޮނުއްވީ، މާތްﷲ ފޮތްތައް ބާއްވާލެއްވީ އަދުލުވެރިވުމަށް. މީސްތަކުންގެ މެދުގައި އަދުލުވެރިކަން ޤާއިމްކުރެއްވުމަށް ގޮވާލައްވަމުން. ކިރީތި ޤުރުޢާންގެ އަލްހަދީޘް ސޫރަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ " ތިމަން ﷲގެ ރަސޫލުން ހެކިތަކާއެކު ތިމަން ﷲ ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް ތިމަންﷲ ފޮތް ބާއްވާލެއްވީމެވެ. އަދި އަދުލުވެރިކަމުގެ ތިލަފަތް، އެހެނީ މީސްތަކުން އަދުލުވެރިކަމުގެ މަތީގައި ޤާއިމްވެ ތިބުމަށްޓަކައެވެ."

މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަވަނީ އަދުލުވެރިކަމުގެ މުހިއްމުކަން. އަދުލުވެރިކަމުގެ މަތިވެރިކަން."

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

 

 

 

މިއަދު އޮންލައިން