އެންމެ ފައިދާހުރި ގޮތަކީ ބައިވެރިޔާވިޔަސް މާފަށް އެދެންދެން ނުހުރެ މާފުކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ފައިދާހުރި ގޮތަކީ ބައިވެރިޔާވިޔަސް މާފަށް އެދެންދެން ނުހުރެ މާފުކުރުމެވެ!

ދެމަފިރިންގެ ތެރެއިންވެސް ހެޔޮކަން ބޮޑީ ކުރިން މާފުކުރާ މީހާއެވެ! މާފުކުރަން އިސްނެގި މީހާއެވެ! މާފަށް އެދެންދެން މާފު ނުކޮށް ލަސްކުރުމުން އެދަނީ ތިމާއަށް ހުރި ޘަވާބުން ބައެއް ގެއްލިގެންނެވެ.  

ވީމާ ހިނދުކޮޅަކަށްވިޔަސް މަޑުނުކޮށް އަވަހަށް މާފުކޮށް ވީހައި ގިނަ ޘަވާބު ލިބިގަންނަން މަސައްކަތްކުރާށެވެ. 

ކުރިމަތިވާ ކޮންމެކަމަކީ މާފުކުރަން އެހައި ފަސޭހަކަމަކަށްނުވެދާނެއެވެ. ހިތަށްލިބޭ އަނިޔާ ބޮޑުވީމައެވެ. އެނޫން ގޮތަކުންވެސް ލިބޭ ގެއްލުން ބޮޑުވީމައެވެ. މާގިނައިން ކަރުނަ އޮހޮރަންޖެހުނީތީއެވެ. 

ކޮންމެ ކުށަކަށްވެސް މާފުކުރުމުގެ ކުޅަދާނަކަން ލިބިގެންވުމަކީ އެންމެ ބާރުގަދަ، އެންމެ ހިތްވަރުގަދަ މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. މާފުކުރުމަކީ ދުރަވުމެއް ނޫނެވެ. ބަލިވުމެއް ނޫނެވެ. މާފުކުރުމަކީ ގަދަވުމެވެ. 

ދެން އޮތީ ދެމަފިރިންގެ މެދުގައި ޖެހޭ ބޮޑެތި މައްސަލަތަކެވެ. މައްސަލައިގެ ބާވަތުން އެކުގައި އިތުރަށް ދިރިއުޅެވެން ނެތްނަމަ ރަނގަޅަށް ވިސްނައި އަޅަންޖެހޭ ފިޔަވަޅެއް އަޅާށެވެ. ނަމަވެސް ކުރި ކުށަށް މާފުކޮށް އެކަމުން ލިބެން އޮތް ޘަވާބުދޫކޮށްނުލާށެވެ. 

ކިތަންމެ ބޮޑު ފާފައެއް ކުރެވުނުނަމަވެސް ތައުބާވުމުން ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާކަން ހިތްމައްޗަށް ގެންނާށެވެ. މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންވެސް ކުރަން އޮތް ކަމެކެވެ. ވީއިރު އެވަރުގެ ފައިދާހުރިކަމެއް ނުކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން