ކޮންމެ ކަމަކަށް އެދި ދުޢާކުރި ނަމަވެސް ހަމައެކަނި ދުނިޔަވީ ބޭނުމުގެ ވާހަކައިން ދަންނަވައި ނިންމައިނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮންމެ ކަމަކަށް އެދި ދުޢާކުރި ނަމަވެސް ހަމައެކަނި ދުނިޔަވީ ބޭނުމުގެ ވާހަކައިން ދަންނަވައި ނިންމައިނުލާށެވެ!: މުފްތީ މެންކް

ދުނިޔަވީ ބޭނުމަކު ދުޢާކުރިނަމަވެސް ހަމައެކަނި އެވަރުން ފުއްދައިނުލާށެވެ! ފާފަފުއްސަވައިދެއްވެވުމަށާއި އާޚިރަތަށް އެދި ދުޢާކުރަންވާނެއެވެ.

ކޮންމެ މުސްލިމަކީ ވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެތައް ކަމަކަށް އެދި ދުޢާކުރަމުން ގެންދާ މީހެކެވެ. އެމީހަކަށް ދަތިވެފައިވާ ކަންކަން ހިނަމަވައި ދެއްވެވުން އެދިއެވެ. ވަޒީފާއަށް އެދިއެވެ. ރިޒުޤަށް އެދިއެވެ. އެވެނި މިވެނި ކަމެއް ހިންމަވައި ދެއްވެވުން އެދިއެވެ.

ދުޢާކުރުމުގައި ގިނަބައަކަށް ހަނދާން ނެތެނީ ފާދފަތައް ފުއްސަވައި ދެއްވެވުމަށާއި އަދި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. ޢާޚިރަތް ދުވަހުގައި ކާމިޔާބު ލިބިގެންވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. ގިނަ ބައަކު ދުޢާ ކުރަނީ ހަމައެކަނި ދުނިޔަވީ ބޭނުންތަކަށް އެދިގެންނެވެ.

މިއީ އެއްގޮތަކަށްވެސް ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ! ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އެދުޢާގައި ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދެންވާނެއެވެ. އަދި އާޚިރަތް ދުވަހު ކާމިޔާބުލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމަނުއްވަވައި ދެއްވެވުމަށް އެދިދަންނަވަންވާނެއެވެ!

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވަވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!" އާމީން

މިދުޢާއަކީ ވަރަށް ޢާންމު ދުޢާއެއް ކަމަށް ބަލައި ދުޢާއަށް ފަރުވާ ކުޑަނުކުރާށެވެ! ކޮންމެ ކަމަށް އެދިގެން ދުޢާކުރިނަމަވެސް ފަހަތުން ނުވތަ ކުރިން މިދުޢާކުރާށެވެ! އެހެނީ އެނެމެ މަތިވެރިވެގެންާ ދުޢާއަކީ މިދުޢާއެވެ. އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަންކަން މިދުޢާގައި ހިމެނިގެންވާ ކަމަށްޓަކައެވެ.

އެހެނީ ދުނިޔަވީ ބޭނުން ނުފުދުނު ނަމަވެސް އެއީވެސް ރަޙްމަތަކަށްވެދާނެއެވެ. ނަމަވެސް ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ނުހިމެނިއްޖެ ނަމަ އެއީ އެމީހަކަށް ލިބިގެންދާނެ އެންމެ ބޮޑު ދެރަ ކަމުގައި ނޫނީ ނުވާނެއެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން