ބަލީގެ ޝިފާއަށް ވިޔަސް، ވިޔަފާރި ކުރިއަރުވަންވެސް، މައްސަލަތައް ޙައްލުކުރަންވެސް، އެދުނު ކޮންމެ ބޭނުމެއް ފުއްދަވައި ދެއްވަވާ ދުޢާ!: އިބްން ޢައްބާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ބަލީގެ ޝިފާއަށް ވިޔަސް، ވިޔަފާރި ކުރިއަރުވަންވެސް، މައްސަލަތައް ޙައްލުކުރަންވެސް، އެދުނު ކޮންމެ ބޭނުމެއް ފުއްދަވައި ދެއްވަވާ ދުޢާ!: އިބްން ޢައްބާސް

އިބްން ޢައްބާސް ވިދާޅުވެފައިވަނީ "މިދުޢާ ނޫނީ ދުޢާ ކުރި ކޮންމެ ބޭނުމެއް ފުއްދަވައި ދެއްވަވާ ދުޢާއެއް އެނގިވަޑައިގެންފައި ނެތް" ކަމަށެވެ. މިމޭރުމުން ވިދާޅުވެ ކޮންމެ ކަމަކަށް އެދިގެން ދިއަޔަސް މީސްތަކުންނަށް ވިދާޅުވަނީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމަށެވެ.

ބައެއް މީހުން ވަރަށް ގިނައިން ސުވާލު ކުރެއެވެ. އެވެނި މިވެނި ކަމެއް ތިމާ ބޭނުންވެއެވެ. މިކަމަށް އެދި ކުރަން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިހެއްޔެވެ؟ އެކަމަށް ދުޢާއެއް ބުނެދީބަލާށެވެ! ވަކި ޚާއްޞަ ދުޢާއެއް އެނގިފައި ނެތްކަމަށް ބުނެފި ނަމަ ބައެއް މީހުން ރުޅިވެސް އައުދެއެވެ.

ވަރަށް ގިނަ ކަންކަމަށް އެދި ކުރަންވީ ދުޢާތައް ކީރިތި ޤްރްއާނުންނާއި ރަސޫލް (ﷺ)ގެ ސުންނަތުން އެނގެން ހުރި ނަމަވެސް "ތިމަންނަ މިއުޅެނީ އިންޓަރވިޔުއަކަށް ދާށޭ. އިންޓަރވިޔުން ފާސްވުމަށް ކުރަން ރަނގަޅު ދުޢާއެއް ދީބަލާށޭ. ތިމަންނައަށް މިއުޅެނީ އެއާލައިނަކުން ޓިކެޓެއް ނުލިބިގެންނޭ. އެކަމަށް ޚާއްޞަ ދުޢާއެއް ދީބަލާށޭ" ބުނެފި ނަމަ ދޭނެ ވަކިން ޚާއްޞަ ދުޢާއެއް ނެތިދާނެއެވެ. ނަމަވެސް ތިމާ އެދޭ ކަންކަން ހިންމަވައިދެއްވެވުން އެދި ކުރާނެ ދުޢާ އެބަހުއްޓެވެ. އެފަދަ ދުޢާއެއް ކުރެވިދާނެއެވެ.

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَتَهُ وَسِرَّهُ

O Allah! Forgive me all my sins, great and small, the first and the last, those that are apparent and those that are hidden. [Muslim 1:350]

މި ދުޢާއަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެގެންވާ ދުޢާއެކެވެ. ދުޢާގައި އެކުލެވިގެންވާ މާނައީ: "ޔާ ﷲ! މިއަޅާގެ ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! ކުދި ، ބޮޑު، އެންމެ ކުރިން އަދި އެންމެފަހުން ކުރެވުނު އަދި ސިއްރުގައިވާ ފާފަތަކާއި ފައުޅުވެފައިވާ (ފައުޅުގައި ކުރެވުނު) ފާފަތައްވެސްމެއެވެ."

ތިމާއަށް ވަކި ކަމަކަށް ބޭނުންވުމުން އެކަމަކަށް އެދި ދުޢާ ކުރަންވީއެވެ! ހަމަ އެމީހަކު ވާހަކަ ދައްކައި އުޅޭ ދޫ ފަސޭހަ ބަހަކުން ދުޢާކުރަންވީއެވެ. ނަމަވެސް ދުޢާ ކުރަންވާނީ ހުއްދަ ކަންކަމަށެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަކަށް އެދި ދުޢާކޮށްގެން ނުވާނެއެވެ.

އިބްން ޢައްބާސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވި ނަމަވެސް އަދި ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ބަލިމަޑުކަމަކުން ސަލާމަރްވުމަށް ވެސް ކުރަން އޮތް އެންމެ ރަނގަޅު ދުޢާއަކީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ކުރަން ހުރި ދުޢާތަކެވެ. ފާފަތައް ފުއްސަވައި ދެއްވެވެން އެދި ދުޢާ ކުރުމުން ހުރިހާ ބޭނުންތަކެއް ފުދިގެންދާނެއެވެ.

އެއްވެސް މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިފިނަމަ އުޑުން ވާރޭ ވެއްސަވާ ފަދައިން އެމީހަކަށް ރަހްމަތްފުޅުތައް ލިބެންފަށާނެއެވެ. އެއިރުން އެމީހަކަށް މީސްތަކުންގެ ލޯބިވެސް ލިބޭނެއެވެ. އެދޭ ކަންކަން ހިންމަވައި ދެއްވަވާނެއެވެ.

ކޮންމެ ކަމަކަށް އެދި ދުޢާ ކުރުމުގެ ކުރިންވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެހެނީ ކުރިންވެސް ބަޔާންކުރި ފަދައިން އެންމެ ފުރަތަމަކަމަކީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ.

ވީމާ ކުރާނެ ޚާއްޞަ ދުޢާއެއް ނުލިބިގެން ކަންބޮޑުނުވާށެވެ! މަސައްކަތް ކުރަންވީ ތަޤްވާވެރިކަން އިތުރުރުކުރުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތް މަތީގައި ހުރެގެން ދުވަސްތައް ހޭދަކުރާށެވެ! ދުލުން ބުނާ ބަސްތަކާއި ކުރާ އަމަލުތައް ސީދާ ކުރާށެވެ! އެގޮތުގައި ސާބިތުވެ ހުރެ ބޭނުންވާ ކޮންމެ ކަމަކަށް އެދިވެސް ވީހައި ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިިއެކު ދާނީ ކަންކަން ކާމިޔާބުވަމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން