ނަމާދު ވަޤުތުތަކާއި ބައްދަލުކުރަންވީ ބަންގީގެ އަޑުއިވުމުން ސިއްސައިގެންދާ އުޞޫލަކުން ނޫނެވެ. ބަންގީގެ އަޑަށް ސިއްސައިގެން ދާން ނުޖެހޭނެ ގޮތަށެވެ. އެއީ ކުރިއާލައި އެކަމަށް ވަގުތު ހުސްކޮށްގެން ހުރުމެވެ. ބަންގިއަށް މަރުޙަބާކިޔަން ތައްޔާރުވެގެން ހުރުމެވެ.
މިހާރަކަށް އައިސް ވަރަށް ގިނަ މީހުން އެމީހުންގެ ފޮނުތަކަށް އެޕްތައް އަޅައި ބަންގީގެ 10 ވަރަކލަށް މިނިޓްކުރިން ވަޤުތު ގާތްވެއްޖެކަން އެނގޭނެ ގޮތް އެބަހަދައެވެ. މިއީ ކުރަން ވަރަށް ރަނގަޅު ފައިދާވެސް ހުރިކަމެކެވެ.
މުހިންމީ 10 މިނިޓް، 5 މިނިޓެއް ނޫނެވެ. އެއަޑު އިވުމުން ވުޟޫކޮށްގެން މިސްކިތަށް ދެވޭހައި ވަޤުތު އޮއްވައި އެލާޓްލިބުމެވެ. އެހެނީ ބޭނުންވެގެން މިއުޅެނީ ބަންގީގެ ކުރިން މިސްކިތަށް ދިއުމެވެ. ޖަމާޢަތުގެ ނަމާދަށް އިމާމް މީހާއާއިއެކު ޙަރަމްބަނުމުގެ އިތުރުން ބަންގިގޮވާއިއރު މިސްކިތުގައި ހުރެ ބަންގިއަށް ޢިޖާބަދޭ މީހަކަށްވާށެވެ. ބަންގިދުޢާވެސް ކިޔައި އެކަމުގެ ޘަވާބުވެސް ހޯދާށެވެ. އިހުސުންނަތްވެސް ކުރާށެވެ.
ފުރިހަމަ ގޮތުގައި ނަމާދެއް ކުރެވުނުކަމަށް އަހުރެން ދެކެނީވެސް އެކަމުގެ ހިތްހަމަޖެހުން އަހުރެންނަށް ލިބެނީވެސް ބަންގިގޮވާއިރު މިސްކިތުގައި ހުރެވިއްޖެނަމައެވެ. އަހުރެން ޤަބޫލުކުރަނީ ނަމާދަށް ލޯބިކުރާ މީހުންގެ ގޮތަކަށްވާންޖެހޭނީ އެގޮތްކަމެވެ.
ދުވަހުގެ އެންމެ މުހިންމު އެޕޮއިންޓްމަންޓްތަކަކީ ކޮންމެ ދުވަހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެހެން ހުއްޓި ހުންނަން ޖެހޭ 5 ވަގުތު ކަމުގައި ހަދާށެވެ! އެއަސްވުރެ ވަކިން ބޮޑަށް ފައިދާކުރާނެ އެޕޮައިންޓްމަންޓެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން