އިބިލީސް އެންމެ ގިނައިން މީސްތަކުންނަށްދޭ ލަނޑަކީ ހެޔޮ ޢަމަލުކުރަން ހަނދުމަނެތިކޮށްލުވުމެވެ. އެއްވެސް މީހަކަށް ހަނދާން ނެތިގެން އަޅުކަމެއް ނުކުރެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވައެވެ.
އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭ އަޅުކަމަކީ ނަމާދެވެ. ނަމާދުވެސް ހަނދާން ނެތިގެން ނުކުރެވިއްޖެނަމަ އޮތީ ޤަޟާ ކުރުމެވެ. ޤަޟާކުރުމުން ޤަބޫލުފުޅު ކުރައްވަވަތެވެ. އަދި އެނޫން ކަންކަންވެސް މީހާއަށް ހަނދާންނެތިގެން ނުކުރެވިއްޖެނަމަ ޢަޛާބެއް ނުދެއްވަވައެވެ.
އަޅުކަމާއި ދިރިއުޅުމުގެ މުހިންމު ކަންކަން ކުރަން ހަނދާން ނެތޭ އެންމެ ބޮޑުސަބަބަކީ އިބިލީހެވެ. ދެމަފިރިން އެކަކު އަނެކަކަށްކޮށްދޭންޖެހޭ ކަންކަންވެސް އިބިލީސް ހަނދާން ނައްތުވާލައެވެ. އެއީ އެކަމުގެ ސބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެއްސުވުމަށެވެ. ރުޅިއެރުވުމަށެވެ. އެކަން ތަކުރާރުވަމުން ގޮސް ޒުވާބަށް ބަދަލުވެ ދެމީހުން ވަކިވާ ހިސާބަށް ދުއްވައިލުމެވެ.
ދެމަފިރިއަކު ލޯބިން ދިރިއުޅޭނަމަ ޝައިޠޯނާ ވަރަށް ދެރަވާނެއެވެ. އެދެމަފިރިން ދުރުކުރުވަން ޚާއްޞަ ޝައިޠޯނުން ޢައްޔަނުކޮށްގެން ޚާއްޞަ ޓާސްކެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ. ދެމަފިރިން ދުރުކުރެވިއްޖެނަމަ އުފާފައުޅުކޮށް ޕާޓީ ބާއްވާނެއެވެ. އެކަންކުރުވި ޝައިޠޯނަށް އިނާމުވެސް ދޭނެއެވެ.
ވީމާ ދެމަފިރިންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ހަނދާން ނެތޭނަމަ ލިޔެގެންވެސް، ފޯނާއި ލެޕްގައި ނޯޓުކޮށްގެންވެސް ހަނދާންކުރަން މަސައްކަތްކުރަންވާނެއެވެ. އެކަން މެދުވެރިވާނަމަ އަޢޫޛްކިޔުން ގިނަކޮށް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.
އަދި ނަޞޭޙަތެއްގެ ގޮތުން ބުނެލާނަމެވެ. ދެމަފިރިންކުރެ މީހަކަށް ހަނދާން ނެތިގެން ކަމެއްކޮށް ނުދެވިއްޖެނަމަ މާފުކުރާށެވެ. ރުޅި ނާންނާށެވެ. އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިންކަން ވިސްނުމަށް ގެންނާށެވެ.
މީގެ މާނައަކީ ފަރުވާކުޑަކުރަން ހިތްވަރުދިނުމެއް ނޫނެވެ. ފަރުވާކުޑަކުރުމަކީ ހަނދާންނެތެން މެދުވެރިވާ ސަބަބެކެވެ. ވީމާ ދެމަފިރިންވެސް އެކަމަށް ވިސްނައި އަނެކާގެ ބޭނުންތަކަސް ފަރުވާތެރިވާން މަސައްކަތްކުރަންވާނެއެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ހަނދާންނެތުމަކީ މުޅިން ތަފާތު މައްސަލައެކެވެ. މިދެއްކީ ފަރުވާ ބަހައްޓަން މަސައްކަތްކުރާއިރުގައިވެސް ހަނދާންނެތޭނަމަ އެކަމުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން