އަންހެން ދަރިފުޅުގެ ސަބަބުން ސުވަރުގެއަށް ދަތުރުކުރާނެ ސަވާރީއާ މަގު ދެއްކެވީމަވެސް ތިބާ ނަރަކައަށް ވަންނަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަންހެން ދަރިފުޅުގެ ސަބަބުން ސުވަރުގެއަށް ދަތުރުކުރާނެ ސަވާރީއާ މަގު ދެއްކެވީމަވެސް ތިބާ ނަރަކައަށް ވަންނަނީހެއްޔެވެ؟

އެންމެ ފުރަތަމަ އެޒަމާނަށް ބަލައިލަމާ ހިނގާށެވެ! އަނހެންދަރިއަކު ލިބިއްޖެނަމަ ދިރިހުއްޓައި ވަޅުލަނީއެވެ. އެކަންކުރަނީވެސް އެންމެ ނުބައިކަން ބޮޑު ގޮތަށެވެ. 

ދަރިފުޅު ލިބުމުން ޅަފަތުގައި ވަޅުލާނަމަ އެކުއްޖާއަށް ވާނުވާއެއް ނުއެނގުނީހެވެ. ދެރަވާކަށްވެސް ނުއެނގުނީހެވެ. ނަމަވެސް ވަޅުލަނީ ޢުމުރުން 10 12 ވަންދެން ގެންގުޅެ ކަންކަން ވިސްނޭވަރުވުމުންނެވެ. އެންމެ އަނިޔާވެރިގޮތުގައެވެ. 

މިފަދައިން ކަންކަންކުރަމުން ޒަމާނުގައި އިސްލާމް ދީން އައިސް ބުނެދިނީ ކީކޭހެއްޔެވެ؟ މީސްތަކުންނަށް ދިނީ ކޮންފަދަ ރަނުގެ ފުރުޞަތެއް ހެއްޔެވެ؟ ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ލައްވަވާފައިވަނީ އަންހެންދަރިންނަކީ މީހާ ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައެއް ކަމުގައެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ގެންގުޅެ ތަރުބިއްޔަތުކޮށްފިނަމައެވެ. 

މިކަން އެނގިތިބެމެ މިއަދު އަންހެންދަރިން ލިބުމުން ޢަމަލު މިކުރެވެނީ ކިހިނަކުންހެއްޔެވެ؟ ނިކަންވިސްނައިލަބަލާށެވެ! ބައެއް މައިންބަފައިން އެދަރިފުޅު ހަދަނީ ގެއަށް ޙަރާމް ފައިސާ ވައްދާ މެޝިނަކަށެވެ. ﷲ ހުއްދަކުރެއްވެވި ގޮތާއި ޚިލާފަށް ހެދުން އަޅުވައި ޒީނަތްތެރިކުރުވައިގެން ބާޒާރަށް ނެރެ ވިއްކަނީ ނޫންހެއްޔެވެ؟ 

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެ ދަރިފުޅުގެ ސަބަބުން ސުވަރުގެއަށް ދަތުރުކުރާނެ ސަވާރީއާއި މަގު ދެއްކެވީމައިވެސް ދަރިންވެސް ގޮވައިގެން މައިންބަފައިން ނަރަކައަށް ވަންނަނީ ނޫންހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހަަމަ މުސްލިމް މުޖުތަމަޢުތަކުގައި މިއަދު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. ތިބާ ދަރިފުޅު ހިލޭ ފިރިހެނުންނާއިއެކު އެކަހެރިވެ އުޅުމުގެ ފުރުޞަތު ތިއަދެނީ އެކަމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއްކަން ހަމަ ނުއެނގޭތީ ހެއްޔެވެ؟ އެކަމުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެކަން ހަމަ ނުއެނގޭތީ ހެއްޔެވެ؟

ޝައްކު ކުރުމެއް ނެތެވެ. ޔަޤީންކުރާށެވެ! ތިބާދޭ ފުރުޞަތެއްގެ ތެރެއިން ހިނގާ ހުރިހާ ކަންކަމުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ. އެދުވަހުން އެކުވެރި ކުދިން އެގޮތަށް އުޅޭތީ ދަރިފުޅުވެސް އުޅޭހިތްވާތީ ފުރުޞަތުދިނީކަމަށް ބުނެގެން ސަލާމަތެއް ނުވެވޭނެއެވެ. އެކުވެރި ހުރިހާ ކުދިން ކުރިނަމަވެސް ދުނިޔޭގެ އެންމެން އެކަންކުރިނަމަވެސް ފާފައެއްވާނީ ހަމަ ފާފައަކަށެވެ. އެކަމުގެ ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. 

ވީމާ އެމީހަކު ބޭނުންވާ ގޮތަކަށް އެމީހަކު ޢަމަލުކުރާށެވެ! ސުވަރުގެއާއި ނަރަކަ ހައްދަވައި އެމީހަކު ވަންނަން ބޭނުންވާ ތަނަކަށް ވަނުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ވީމާ އެމީހަކު ވަންނާނެ ތަނެއް ނިންމާނީ އެމީހެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން