"ކޮންމެ ދުވަހަކު މިފެންނަނީ އެތައް ބައަކު މަރުވެގެން ވަޅުލެވޭތަނެވެ. އެއިގެ ތެރޭގައި ތިމާގެ ޣާތް މީހުންވެސް އެބަހިމެނެއެވެ. ޖަނާޒާތަކުގައިވެސް ބައިވެރިވަމުއެވެ. ސުވާލަކީ ޖަނާޒާތަކުގައި ބައިވެރިވުމުން ތިމާއަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟
ޖަނާޒާތަކުގައި ބައިވެރިވުމުން ތިމާއަށް ފިލާވަޅެއް ލިބި ތަޤްވާވެރިކަން އިތުރުނުވާނަމަ ކޮންމެ ދުވަހަކު ހިނގަމުން މިދާ ކަންކަމަށް ވިސްނައިލެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ޖަނާޒާއެއްގައި ބައިވެރިވެފައި އެނބުރިދާއިރު ކަންތައްތަކެއް ނުވިސްނޭނަމަ އެމީހާގެ ވިސްނުމުގައި ކޮންމެވެސް މައްސަލަތަކެއް އެބަ އުޅެއެވެ.
މީސްތަކުންނޭވެ! ކޮންމެ ދުވަހަކު ހިނގަމުން މިދާ ކަންކަމަށް ވިސްނާށެވެ! ޢިބްރަތް ޙާޞިލްކުރާށެވެ! މިއަދު ތިބާ ތިއަ ބައިވެރިވަނީ އެހެން މީހެއްގެ ޖަނާޒާގައެވެ. ދެން ބޭއްވޭނީ ތިބާގެ ޖަނާޒާ ނޫންކަން އެނގެނީ ކިހިނަކުންހެއްޔެވެ؟
މަރުވާ މީހުންގެ ދަފްތަރު ބަލާށެވެ. މަރުނުވަނީ ކޮން ޢުމުރެއްގެ މީހެއްޔެވެ؟ މަރުވާނީ ޢުމުރުން ދުވަސްވެ މުސްކުޅިވުމަކުން ނޫންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އުފަންވުމަށްފަހު އެންމެ ގާތީ މަރުވުމެވެ. އަދި އެންމެ ބޮޑު ޔަޤީންކަމެއް އޮތީވެސް މަރުވާނެކަމާއިމެދުގައެވެ.
މިހުރިހާ ކަންކަމަކީ އެންމެންވެސް ދަންނަ ޙަޤީޤަތްތަކެވެ. ނަމަވެސް ޣާފިލްވެވެނީއެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ވަރަށް ގިނަ ދުވަހު ދުނިޔޭގައި ހުރެވިދާނެކަމަށް ޤަބޫލުކުރެވެނީއެވެ. އެއީ މީހަކަށް ވިސްނޭނެ އެންމެ ގެއްލުން ބޮޑު ވިސްނުންކަމުގައި ނުނީ ނުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން