ބައެއް ލަފުޒުތަކަކީ ޒަމާނާ އެކު ނެތިދާ ލަފުޒުތަކެކެވެ. އަނެއްބައި ލަފުޒުތަކަކީ ޒަމާނާ އެކު އެ ލަފުޒު ބޭނުން ކުރެވެމުން އައި މާނާ ނޫން އެހެން މާނައަކަށް ފުރޮޅިގެންދާ ލަފުޒުތަކެކެވެ. މީގެ މިސާލުތައް ދުނިޔޭގެ ހުރިހާ ބަހެއްގައި ވެސް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ދިވެހި ބަހަށް ބަލާއިރު، "ނަގޫބަޅު" މިއީ އިހުގެ ދިވެހި ބަހުގައި "ކުއްތާ"އަށް ކިޔައި އުޅުނު ބަހެކެވެ. އެހެނަސް، މި ޒަމާނުގައި އެ ލަފުޒު އެ ވަނީ ވަރަށް ހަޑިހުތުރު މާނައެއްގައި ބޭނުން ކުރެވޭ ބަހަކަށް ވެފައެވެ. ހަމަ އެ ގޮތަށް، އިނގިރޭސި ބަހުގައި ކުރީން "Gay" އަކީ "Happy" ނުވަތަ އެފަދަ މާނައެއްގައި ބޭނުން ކުރެވިފައިވާ ބަހެކެވެ. އެހެނަސް މިހާރު އެ ބަސް އެ ވަނީ މުޅީން އެހެން "އިޞްތިލާޙަކަށް" ނުވަތަ އެހެން "ޓަރމް"އަކަށް ނުވަތަ އެހެން މާނައަކަށް ބަދަލުވެފައެވެ. އަދި އިނގިރޭސި ބަސްފޮތްތަކުގައި ވެސް ކުރީން އެ ލަފުޒަށް ބޭނުންކޮށް އުޅުނު މާނަ ގެންނަނީ އެއީ "dated" ނުވަތަ އިހުގެ މާނައެއް ކަމާއި މިހާރު ބޭނުން ކުރެވޭ މާނައެއް ނޫން ކަމަށެވެ.
ވުމާ އެކު، ޒަމާނަށް އަންނަ ބަދަލާ އެކު މިފަދަ ބަސްތަކުގެ މާނައަށް އަންނަ ބަދަލުތަކަކީ ރިޢާޔަތްކުރާން ޖެހޭ ކަންކަމެވެ. ކުރީގެ މާނައިގައި އެ ބަސް ބޭނުން ކުރާން އުޅުމުން މީސްތަކުންގެ މެދުގައި އަރައިރުމަކަށް ގޮސް ޒުވާބަކަށް ދިޔުން ވެސް އެކަށީގެންވެއެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ