އަނބިދަރިންނަށް ނުބައިބަސްބުނާ މީހުންގެ ކުރިއެރުން ﷲ "ބްލޮކް"ކުރައްވަވާނެ! ބުނެވޭ އެންމެ ނުބައި ބަހެއްގެ އަސަރު އެމީހުންގެ މުޅި ޢުމުރަށް ހަރުލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަނބިދަރިންނަށް ނުބައިބަސްބުނާ މީހުންގެ ކުރިއެރުން ﷲ "ބްލޮކް"ކުރައްވަވާނެ! ބުނެވޭ އެންމެ ނުބައި ބަހެއްގެ އަސަރު އެމީހުންގެ މުޅި ޢުމުރަށް ހަރުލާނެ!

ޚާއްޞަކޮށް އެމީހާގެ އަނބިދަރިންނަށް އަދި މައިންބަފައިންނަށް އަދި ޢާންމުކޮށް އެއްވެސް މީހަކަށް ނުބައިބަސްތައް ބުނެ އެމީހުންގެ ހިތުގައި ޖައްސުވާނަމަ އެމީހެއްގެ ކުރިއެރުން ﷲ ތަޢާލާ "ބްލޮކް" ކުރައްވަވާނެއެވެ. މިބުނާ ބަހުގެ މާނައަކީ އެމީހާ ކުރިއަރައިގެންދާން ކުރާ މަސައްކަތްތަކަށް ހުރަސް އަޅުއްވަވާނެ ކަމެވެ.. 

އެއީ އެމީހުންނަކީ އެންމެ ބޮޑެތި އަނިޔާވެރިންކަމުގައިވާތީއެވެ. އަނިޔާވެރިންނަށް ނަޞްރުނުދެއްވަވާނެތީއެވެ. އަނިޔާވެރިންނަށް ދުނިޔެމަތީގައި ވަޤުތީ ކުރިއެރުމެއް ލިބުނަސް ޙަޤީޤީ ކުރިއެރުމެއް ނުލިބޭނެއެވެ. 

މީސްތަކުންނޭވެ! ދުލަކީ އެގުނަވަނަކާއިމެދު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ގުނަވަނެވެ. ދުލުން ނުބައިބަސްތައް ބުނުމުގެ ސަބަބުން މުވައްޒިފުންގެ ހިތުގައި ނަފްރަތުކަން އެފެދި މަސައްކަތަށް ފަރުވާކުޑަކުރުމުން ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެގެންދެއެވެ. ތަނަވސް މީހުން ފަޤީރުވެގެންދެއެވެ. ޢާއިލާތައް ރޫޅިގެންދެއެވެ. މުޖުތަމަޢުތައް ބައިބައިވެއެވެ. މިކަންކަމަކީ ދުނިޔެމަތީގައި ކުރިމަތިލާންޖެހޭ ކަންކަމެވެ. ޢާޚިރަތުގައި ކުރިމަތިލާންޖެހޭނެ ކަންކަން އަދި ކުރިއަށް އޮތުމާއިއެކުގައެވެ. 

ކަނޑިންކުރާ ޒަޚަމްތަކަށް ފަރުވާކޮށް ފަސޭހަވުމުން އެކަމުގެ ހަނދާންތައް ފިލައިގެންދިއަ ނަމަވެސް ދުލުން ބުނާ ނުބައިބަސްތަކުގެ ސަބަބުން ހިތަށްލިބޭ ޒަޚަމްތައް ފިލުވައިލުމަކީ އެހައިފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ކުރީ ޒަމާނުގައި ބުނެއުޅުނީ ތީރުދޫކޮށްލުމުން އެމީހާގެ ބާރުކެނޑިގެންދާކަމަށެވެ. މިޒަމާނުގައި ބުނަންޖެހެނީ ބަޑީގެ ވަޒަން ފޮނުވައިލުމުން އެމީހާ (ފޮނުވައިލިމީހާ)ގެ ބާރުކެނޑިގެންދާ ކަމަށެވެ. ޔަޤީންވާ ކަމަކީ ދުލުން ބުނާ ބަސް ބުނުމަށްފަހު އެމީހާގެ ބާރު ކެނޑިގެންދާ ކަމެވެ. ބަސް ބުނުމަށްފަހު އެއީ ނުބުނާ ބަހަކަށް ހަދަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. 

ދުލުން ބުނެވޭ އެންމެ ނުބައި ބަހެއްގެ އަސަރު މުޅި ޢުމުރަށްވެސް އެބަހުރެއެވެ. އެތައްހާސް ފަހަރަކު މާފަށް އެދުނަސް މާފުކުރިޔަސް އެކަން ހިތުން ފިލުވައިލުން ފަސޭހަކަމަކަށްނުވާތީއެވެ. މިއީ ބަސްބުނި މީހާއަށް ލިބޭ ކޮންފަދަ ބޮޑު ދެރައެއްތޯއެވެ؟

ދުލުން ނުބައިބަސްބުނާ މީހާގެ އާޚިރަތް މާބިރުވެރިއެވެ. އެހެނީ އެންމެ އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންޖެހޭނެ ސަބަބަކީ އެމީހާގެ ދުލެވެ. ދުލާއި ޖިންސީ ގުނަވަން ރައްކައތެރިކޮށްފި މީހާ ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެކަމަށް ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. 

ވީމާ ކުރިއަރައިދާން އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެމީހާގެ ދުލުން ބުނާ ބަސްތަކަށް ސަމާލުކަންދޭށެވެ. އަނެކާގެ ހިތުގައި ޖެހިދާނެ ފަދަ ބަސްތައް ނުބުނާށެވެ. ދެދުނިޔޭގައިވެސް ކާމިޔާބު މީހަކަށް ވެވޭނީ އެއިރުންނެވެ. 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން