ޝުކުރު ނުކުރެވޭނަމަ ހުރި ބިރުވެރިކަން ނިކަން ދެކިބަލާށެވެ! ސަބަބު ޤުރްއާނުގަ މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޝުކުރު ނުކުރެވޭނަމަ ހުރި ބިރުވެރިކަން ނިކަން ދެކިބަލާށެވެ! ސަބަބު ޤުރްއާނުގަ މިއޮތީއެވެ!

ޝުކުރުވެރި ނުވެވޭ ސަބަބު ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

"ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރު ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ." (އަލްއަޢްރާފް: 17)

މީސްތަކުންގެ މައްޗަށް ޢަދާވާތެރިކަން ހައްދުފަހަނައަޅާފައިވާ، ﷲ ތަޢާލާ ލަޢްނަތް ލެއްވެވި އިބްލީސް ވަށައިގެން އައިސް ވަސްވާސްދެނީއެވެ. އެ ނުބައި ވަސްވާސްތަކަށް ހެއްލެވެނީއެވެ. އޭނާ އަކީ މީސްތަކުންނަށް ހުރި އެންމެ ބޮޑު ޢަދާވާތްތެރިޔާކަން އެނގޭއިރުވެސްމެއެވެ.

ވިދިގެން ވަޙީ ކުރައްވަވާފައި މިވަނީ ޝުކުރުވެރިވާ މީހުންނަށް ދެއްވަވާނެ ޖަޒާއެވެ!

"އެކަލާނގެ ވަޙީ ކުރެއްވިއެވެ. މަލާމާތް ލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލް، ތިއަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެއަށް ތަބަޢަ ވީ މީހުންނާއި، ތިއަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ."

(އަލްއަޢްރާފް: 18)

އެ ޖަޒާއަކީ ނަރަކައިގެ ދަރުގަނޑަކަށްވެ އަނދައަނދައި ނަރަކައިގައި އޮންނަން ޖެހުމެވެ.

"އެއުރެންގެ ތެރެއިން ކަލެއަށް ތަބަޢަ ވީ މީހުންނާއި، ތިއަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ." މިވަޙީ ބަސްފުޅުން އެނގިގެން މިދަނީ ޝުކުރު ނުކުރާ އަޅުންނަށް ހުރީ ނަރަކަ ކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢބްރަތް ޙާޞިލުކުރަންވީ މިފަދަ އާޔަތްތަކުންނެވެ. ޢިބްރަތް ޙާޞިލުކުރުމަކީ ހަމަ އެކަނި މިދެއްކި ވާހަކަ އަޑުއެހުމެއް ނޫނެވެ. ވިސްނައި ފިކުރުކުރުމެވެ. ޢަމަލުކުރުމެވެ. ޝުކުރުވެރިވުމެވެ. ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ!

އިންސާނުން އެކަންކަމަށް އެދި ބޭނުންވެގެން ﷲ ތަޢާލާއަށް ދަންނަވާ ކަންކމުގެ ތެރެއިން ފުއްދަވައި ހުރި ކަންކަން ކޮންމެ މީހަކަށްވެސް އިނގިލިން ގުނައިލެވިދާނެއެވެ. ނަމަވެސް އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް ގުނައި ޢަދަދުކުރުމަކީ އަދި އެކަމުގެ އަގު ކުރުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

މިސާލަކަށް އިވުމުގެ ޙިއްޞު ނަގާށެވެ! ތިބާ ބީރެއް ނުކުރައްވަވައެވެ. ނަމަވެސް ކޮންމެވެސް މިންވަރެއް އުނިކުރެއްވެވީއެވެ. އެކަން ކުރިން ހުރިވަރަށް އަނބުރައި ރުޖޫޢަކުރެވޭތޯ އަތުގައި ފައިސާހުރިނަމަ މިލިއަނުން ބިލިއަނުން ޚަރަދު ނުކުރަނީ ކާކުހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ބޮޑު ބައްޔެއް ވެއްޖެ ނަމަ އަތުގައި ހުރި ހުރިހާ މުދައުތަކާއި ގެދޮރު ނީލަންކިޔާފައިވެސް ޞިއްހަތު ސަލާމަތްކުރަން ބޭނުން ނުވަނީ ކާކުހެއްޔެވެ؟ ވީއިރު ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކުގެ އަގުކުރެވެން އެބައޮތްހެއްޔެވެ؟

ހިތާމައަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިނުވެވޭ ކަމެވެ! ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވައި ދެއްވެވުމަށްފަހު ހަމައެކަނި އެންމެ ކަމެއް ކުރަން އެންގެވުމުން އެކަން ނުކުރެވޭ ކަމެވެ. އެއީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ﷲ ތަޢާލާއަށް ޝުކުރުވެރި ވެވޭނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިވެވުނީހެވެ؟ ނުވެވެނީ ހަމަ ޝުކުރުވެރި ނުވެވޭތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން