ގެދޮރު ވިއްކައިގެން ނަމަވެސް ދައްތަގެ ފުރާނަ ސަލާމަތްކުރަން ހޭދަކުރި މީހަކަށް ކުރު މުއްދަތެއްގަ މާލެއިން 2 ގޯތި ގަނެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ގެދޮރު ވިއްކައިގެން ނަމަވެސް ދައްތަގެ ފުރާނަ ސަލާމަތްކުރަން ހޭދަކުރި މީހަކަށް ކުރު މުއްދަތެއްގަ މާލެއިން 2 ގޯތި ގަނެވުނު ގޮތުގެ ވާހަކަ-

"އަޅުގަނޑުމެންގެ ދޮށީ ބޭބެއަކީ ތަނަވަސްކަންހުރި މީހެކެވެ. ނަމަވެސް ޢާއިލާގެ މީހަކު ކަމަކު ދިއަ ނަމަވެސް އޮންނަނީ ފަސްޖެހިފައެވެ. އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުމެންނަށް އެހީނުވާތީއެއް ނޫނެވެ. ޞަދަޤާތްކޮށްފިނަމަ ފަޤީރުވެދާނެކަމަށް އޭނާ އެގަންނަ ބިރުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ. މިޙާލަތުގައި ބޭބެއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟"

ކިޔުންތެރިޔާގެ ތިއަ ސުވާލުގެ ޖަވާބުގައި ބުނަނައޮތީ ބޭބެއަށް ވިސްނައިދޭން މަސައްކަތްކުރުމަށެވެ. އެބާވަތުގެ ވިސްނުން ހުންނަ މީޙުންގެ ގާތުގައި ޤިޔާމަތްދުވަހު ދެއްވަވާނެ ޘަވާބުގެ ވާހަކަ ދެއްކުމަށްވުރެ ފައިދާކުރާނީ ދުނިޔޭގައި މަންފާ ލިބޭކަމުގެ ވާހަކަދެއްކުމުންނެވެ.

އެހެންވީމާ ފުރަތަމަމަ ކަމަކަށް ބޭބެއަށް އެފަދަ "ދަހި" މީހުންނަށް މިވާހަކަ ޙިއްޞާކޮށްލައްވާށެވެ! އެއްވެސް ކިޔުންތެރިއެއްގެ އެފަދަ މީހަކު ހުރިނަމަ ޙިއްބާކޮށްލައްވާށެވެ. އެކަމުން އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ

އަހަރެންނަކީ މާތް ﷲ އަހަރެންގެ ފެންވަރުން ތަނަވަސްކަން ދެއްވަވާފައިވާ މީހަކީމެވެ. އެކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޙަމްދުކުރަމެވެ. މާތް ﷲ ދެއްވެވި ނިޢްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަމެވެ.

މީގެ ހައަކަ އަހަރުކުރިން އަހަރެންގެ ދައްތައަކަށް ވަރަށް ބޮޑު މުޞީބާތެއް ކުރިމަތިވިއެވެ. ވަރަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވިއެވެ. އެކަމުން ދައްތަ ސަލާމަތްކުރެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރީމެވެ. އަތްމަތި އެކުގައި ހުސްވި ނަމަވެސް ހެޔޮކަމަށް ޤަބޫލުކޮށްގެން އެކަމަށް ކުރިމަތިލައި މަސައްކަތްފެށީމެވެ. ބަލީގެ ބޮޑުކަމުން އެކަން ކުރިއަށް ގެންދިއައީ ވިޔަފާރި ހުސްވެއްޖެ ޙާލަތެއްގައި އަމިއްލަ ގެދޮރު ވިއްކަން ޖެހުނު ނަމަވެސް އެކަން ކުރަންވެސް ތައްޔާރުވެގެންނެވެ.

އިންސާނުންނަށް ކުރެވޭނީ މަސައްކަތެވެ! އަތުގައި ހުރިނަމަ ކުރެވޭނީ ހޭދައެވެ! އެކަން އަހަރެން ކުރީމެވެ! ރާއްޖެއިން ބޭރުގައި ބާއްވައިގެން އަހަރެއްހައި ދުވަހު ކުރިމަސައްކަތުން ބަލި ރަނގަޅުވި އިރު އަހަރެންގެ އަތުން ވަނީ އެތައް މިލިއަނުން ރުފިޔާއެއް ހޭދަވެފައެވެ. އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ. ހަމައެކަނި ހިތާމައަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ދައްތައަށް އޮންނަން ޖެހިފައިވާ ކަމެވެ. އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ނަމަވެސް ރާއްޖެ ގެނެސް މިގެންދަނީ އަމިއްލަ ދަރިއެއް ފަދައިން ބަލަހައްޓަމުންނެވެ.

މިވާހަކަ މިކިޔައިދެނީ އެންމެ ބޭނުމަކުއެވެ. މާތް ﷲ ގެ މަގުގައި ހޭދަކުރުމުން އުނިނުވާކަމާއި ނިޢްމަތް އިތުރުކޮށްދެއްވަވާކަން ބުނެދީ އެކަމަށް އެހެން މީހުންނަށް ހިތްވަރު ދިނުމަށެވެ. އެހުރިހާ ޚަރަދުތަކެއް ކުރުމުންވެސް އެންމެ ރުފިޔާއެއްވެސް އަތުން އުނިވިކަމެއް ނުފެނެއެވެ. ގެދޮރު ވިއްކަން ޖެހުނު ނަމަވެސް އެންމެ ރަނގަޅުކަމަށް ޤަބޫލުކޮށްގެން ކަންކަން ކުރުމުން އެއިގެ ފަހުން މިހާރު ވަނީ މާލެއިން އިތުރު 2 ގޯތިވެސް ގަނެވިފައެވެ!

މިމަޢުލޫމާތުކޮޅު މިއަދުނޫހާއި ޙިއްޞާ މިކުރީ މިފަދަ ބައެއް ލިޔުންތައް މިއަދުނޫހުން ފެންނާތީ މާތް ﷲ ގެ ރަޙްމަތަށް އެދިގެން ހޭދަކުރުމުން ނިޢްމަތް އިތުރުކޮށްދެއްވަވާކަމުގެ ޔަޤީންކަން އަމިއްލަ ތަޖުރިބާއިން މީސްތަކުންނަށް އަންގައިދިނުމަށެވެ. އެކަމަށް ހިތްވަރު ދިނުމަށެވެ!

(މިއީ މިއަދުނޫހުގެ އަހުލުވެރިއަކު ހިއްޞާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

 

މިއަދު އޮންލައިން