ވާހަކަ ދެއްކުމުގެ ހިތްއެދޭ ލޯބިކަމަށް ބުނެއުޅެނީ ލޯބި އުފެދެނީ ހިތުގައިކަމަށްވާތީއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ހަމައެކަނި ލޯތްބެއް ނޫނެވެ. ނަފްރަތުކަންވެސް އުފެދެނީ ހަމަ ހިތުގައެވެ. ރަޙުމާއިމ ކުލުނު އުފެދެނީވެސް ހަމަހިތުގައެވެ. ހިތާމެދު ސަމާލުވާން ދީނުގައި އޮތީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.
އެންމެންވެސް މިއުޅެނީ ލޯބިވެރިއަކު ނުލިބިގެންނެވެ. ލިބުނު ބައިވެރިޔާވެސް ލޯބިނުވާތީއެވެ. މުޅި ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް އެކަމަކާއިމެދު އެންމެ ގިނަ ބައަކު ކަންބޮޑުވެ ހިތާމަކުރާ ކަމަށްވާނީ އެބައެއްގެ ކިބައިން އެމީހަކު ލޯބި ބޭނުންވާ މީހުންގެ ލޯބި ނުލިބުމެވެ!
ބައެއް މީހުން އެމީހުންގެ މުޅި ޢުމުރު ހޭދަކޮށްލަނީ ބޭނުންވާ ލޯބި ނުލިބިގެން އެކަމުގެ ހިތާމައިގައެވެ. އަނެއް ބައަކު ޢުމުރުގެ ބޮޑުބައެއް ހޭދަކުރަނީ ބޭނުންވާ ލޯބި ނުލިބިގެން އެކަމުގެ ހިތާމައިގައެވެ. ބޭނުންވާ ލޯބި ލިބިގެން ދުނިޔޭގައި އުޅޭ މީހުންގެ ނިޞްބަތް އެންމެ އިންސައްތައެއް ހަމަވާނެބާވައެވެ!
އަހުރެން މިއަދެނީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ހަށިގަނޑުގައިވާ ހިތް ތިމާ ދެކެ ލޯބިވޭތޯ ބަލައިލުމަށެވެ! އެކަމަށް ހަދަން ޖެހޭ ޓެސްޓް ވަރަށް ފަސޭހައެވެ!
ފުރަތަމަ ކަމަކީ ތިމާގެ ހަށިގަނޑަކީ ވެސް އަދި އެހަށިގަނޑުގައިވާ ހިތަކީވެސް ތިމާގެ އަމިއްލަ އެއްޗެއް ނޫން ކަމެވެ. އެއީ ﷲ ތަޢާލާގެ އަމިއްލަފުޅު މިލްކެއް ކަމެވެ. ދެން ބަލައިލަންވީ ތިމާގެ ހަސިގަނޑުގައިވާ ގުނަވަންތަކުން ކުރެވެނީ އެ ގުނަވަންތަކުގެ މިލްކްވެރި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތައްތޯއެވެ؟ އެގުނަވަންތަކުން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރަމުތޯއެވެ؟
ކުރެވޭނަމަ ހިތް ތިބާ ދެކެ ލޯބިވާނެއެވެ! ނުކުރެވޭނަމަ އެ ހިތް ތިބާ ދެކެ އެއްވެސް ލޯތްބެއް ނުވާނެއެވެ! މިއީ ހަމަ ސައްތައިން ސައްތަ ޔަޤީން ކަމެކެވެ.
ވީމާ އެހެން މީހުންގެ ކިބައިން ތިމާގެ ހިތް ބޭނުންވެގެން އުޅޭ ލޯބި ހޯދަން އެދޭމީހާ ފުރަތަމަ ކަމަކަށް އެހިތުގެ މިލްކްވެރި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދާށެވެ! އެއިރުން ތިބާ ތިއަ އެދޭ ހުރިހާ ލޯތްބެއްވެސް ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން