ބިރުވެތިވޭ! ކުރި ދުޢާ ޢިޖާބަކުރެއްވެވުމުން ﷲ މަތިން ހަނދުމަނައްތައިލުމުން އެވެވެނީ އެންމެ ބޮޑު ޣައްދާރަކަށް! ޢަޛާބް ގަދަފަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބިރުވެތިވޭ! ކުރި ދުޢާ ޢިޖާބަކުރެއްވެވުމުން ﷲ މަތިން ހަނދުމަނައްތައިލުމުން އެވެވެނީ އެންމެ ބޮޑު ޣައްދާރަކަށް! ޢަޛާބް ގަދަފަދަވާނެ!

ކަންކަން ބޮޑުވުމުން، ހިތްދަތިޙާލުގައި ޖެހުމުން، އަތްމަތިދަތިވުން އެންމެ ކުޑަމިނުން ލޯބިވެރިޔާ ލިބުން އެދިގެން ނަމަވެސް އެމީހަކު އެކަމަކަށް އެދި ދުޢާކުރުމުން އެދުޢާ ޢިޖާބަ ކުރެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނައްތާލައި އެކަލާނގެއަށް ނުކިޔަމަންތެރިވުމަކީ އެންމެ ބޮޑެތި ޣައްދާރުންގެ ސިފައެވެ. ނުބައިކަންބޮޑު ޣައްދާރަކު ނޫނީ އެކަމެއް ނުކުރާނެއެވެ.  

ހިތްމައްޗަށް ނިކަން ގެނެސްބަލާށެވެ! ތިބާ އަމިއްލައަށް މީހަކަށް، އެމީހާ އެދުނު ބޭނުން ފުއްދައިދިނީއެވެ. އަދި ތިބާ އަންނަނީ އެމީހާ އެދޭ ބޭނުންތަކާއި ނުއެދުނަސް އެމީހާއަށް ބޭނުންވާނެ ކަންކަން ފުއްދައިދެމުންނެވެ. އެފަދައިން ތިބާގެ މަދަދު ލިބިގެން އުޅޭ މީހަކު ތިބާއާއި ދެކޮޅުވެރިވެއްޖެނަމަ ތިބާ އެކަމުގައި ދެކޭނީ ކިހިނަކުންހެއްޔެވެ؟  

ދެން ނިކަން ވިސްނައިލަބަލާށެވެ! ތިބާ އުފައްދަވައި ދުނިޔެއަށް ފޮނުއްވަވައި ތިބާއަށް ބޭނުންވާ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވަވަމުން ގެންދަވާ ﷲ ތަޢާލާގެ ޙަޟްރަތުން ތިބާ އިތުރަށް އެދޭ ކަންކަންވެސް ހިންމަވައިދެއްވެވުމުން ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ހަނދާން ނައްތާލައި ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަކީ އެންމެ ބޮޑު ޣައްދާރުވުން ކަމުގައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟  

ތިބާ އެހީތެރިކަން ފޯރުކޮށްދިން މީހަކު ތިބާއަށް ޣައްދާރުވުމުން އެމީހަކާއި ތިބާ ގުޅުން ކަނޑައިލާނެއެވެ. އިތުރަށް އެހީތެރިއެއްވެސް ނުވާނެއެވެ. ނަމަވެސް ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުން ތިބާ ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވީނަމަވެސް ތިބާއަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވައެވެ. ރިޒްޤް ދެއްވަވައެވެ. ދުޅަހެޔޮ ޞިއްޙަތެއްވެސް ދެއްވަވައެވެ. ދެންވެސް ތިބާ އެދޭ ކަންކަން ހިންމަވައި ދެއްވަވައެވެ. އެއީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާގެ ކަމުގައިވާތީއެވެ.

ނަމަވެސް ވިސްނާށެވެ! ދުނިޔޭގައި ތިބާއަށް ދެއްވެވި ނިޢްމަތްތައް ދެއްވެވުމުން ތިބާ އެކަލާނގެއަށް ޣައްދާރުވެފައި ޤިޔާމަތް ދުވަހުން ސަލާމަތްވެވޭނެކަމަށް ހީވެސްނުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭނެ ވަޤުތައް ބިރުވެތިވާށެވެ.  

އަހަރެމެންނަށް އޮތީ އަބަދުވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. ދުޢާ ޢިޖާބަ ކުރެއްވެވުން ފަދަ ޚާއްޞަ ނިޢްމަތެއް ދެއްވަވައިފިނަމަ އޮތީ ﷲ ތަޢާލާއަށް އިތުރަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާން ކުރަން އޮތްކަމަކީ ހަމައެކަނި "ޝުކުރު އަލްޙަމްދުލިﷲ" ދުލުގެކުރިން ބުނުމެއް ނޫނެވެ. ޢަމަލުތަކުން އެކަން ދެއްކުމެވެ. ހެޔޮ ޢަމަލުތައްކުރުމާއި ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެހެން ނޫންނަމަ ތިބާ ހިމެނިގެންދާނީ އެންމެ ބޮޑެތި ޣައްދާރުންގެ ތެރެއިންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން