ސިހުރާ ޖުވާކުޅުން ފަދަ ކަންކަމަށް ބޭނުންކުރާ ސިމްބޮލް، ލޯގޯތައް ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ސަމާލުވެލައްވާށެވެ! ސިހުރުވެރިން ބޭނުންކުރާ ނިޝާނެއް ބޭނުންކުރުމަކީ ވެސް ބޮޑު ފާފައެކެވެ!
މިހާރަކަށް އައިސް ކުރާ ކޮންމެ ކަމަކަށް އަދި ކޮންމެ މީހަކަށް ވެސް ޚާއްޞަ "ސިމްބޮލް" ނުވަތަ ނިޝާނެއް ބޭނުން ކުރުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. މިއީ ވަރަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. އެހެނީ ވިސްނާ ނުލައި ބައެއް މީހުން ސިހުރުގެ ސިމްބޮލް ތައްވެސް އެބަ ބޭނުންކުރެއެވެ.
އެއީ ވަރަށް ނުބައިކަންބޮޑު ކަމެކެވެ. އެހެނީ އެއިރުން އެ ކުރެވޭ ކަމަކީ ސިހުރު ޕްރަމޯޓްކުރުމެވެ. ސިހުރަކީ ހުރިހާ ގޮތަކުންވެސް މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. ދުރުހެލިވާން ޖެހޭ އެއްޗެކެވެ. ސިޙުރަށް ﷲ ތަޢާލާ ވަނީ ލައްނަތް ލައްވަވައިފައެވެ. ވީމާ ސިމްބޮލްގެ ގޮތުގައި ސިހުރުވެރިން ބޭނުންކުރާ ނިޝާނެއް ބޭނުންކުރުން ވާނީ ބޮޑި ފާފައަކަށެވެ.
އިސްލާމް ދީނުގެ އެންމެ ބޮޑު އެއް މުޢްޖިޒާތަކީ އަދި އެހެން ދީންތަކާއި ހުރި އެންމެ ބޮޑު ތަފާތަކީ އިސްލާމް ދީނުގައި އެއްވެސް "ސިމްބޮލް" އެއް ނުވާކަމެވެ. އެހެން ކޮންމެ ދީނެއްގައިވެސް އެދީނުގެ ސިމްބޮލް ހުރެއެވެ.
މުސްލިމުން ބޭނުންކުރާ ހަނދުފަޅިއަކީވެސް ދީނީ ސިމްބޮލްއެއް ނޫނެވެ. އަދި އެއީ ދީނީ ގޮތުން އެއްވެސް ދަރަޖައެއް ލިބިގެންވާ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ޘަޤާފީ ގޮތުން ބޭނުންކުރެވޭ އެއްޗެކެވެ. ވީމާ މިސްކިތެއްކަން އަންގައިދޭން ކޮންމެހެން ހަނދުފަޅިއެއް ބަހައްޓާކަށް ނުޖެހެއެވެ. މުންނާރެއް ހުރެ ބަންގިގޮވުމުންނާއި ބޭރުގައި ނަންބޯޑެއް ބެއިންދުމުން ފުދޭނެއެވެ. އެހެނީ ރަސޫލް (ޞޢވ) އަދި ޞަޙާބީންގެ ޒަމާނުގައި މިސްކިތެއްކަން އަންގައިދޭން ހަނދުފަޅި ނުވަތަ އެފަދަ ނިޝާނެއް ބޭނުންފުޅު ކުރައްވަވާފައެއް ނުވެއެވެ.
އަހަރެމެން ވިސްނައިލަން ޖެހޭނީ ޢިލްމްވެރިންގެ ބަސްފުޅުތަކަށެވެ. ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މީހުންނާއި ސަލާމްކުރަން އަތްހޫރުމެއްވެސް ނެތެވެ. މުސްލިމުންގެ ސަލާމަކީ ތަފާތު ސަލާމެކެވެ.
ޢިލްމުވެރިން އެގޮތަށް ވިދާޅުވަނީ ސަލާމްކުރަން އަތްހޫރައި ހެދުމަކީ ނަބާރާއިންގެ ޘަޤާފަތަކަށްވާތީ އެހެން ދީންތަކުގެ ޘަޤާފަތަށް އަމަލުކުރުމަކީ އޮތްކަމެއް ނޫން ކަމަށް ބަޔާންކުރެއްވުމުގެ ގޮތުންނެވެ. މުސްލިމުންނަކީ ވަކި ޘަޤާފަތެއް އޮތް ބައކަށްވާތީ އެހެން ދީންތަކުގެ ސިފަތަކުން ދުރުވުމަށް ބާރުއެޅުއްވުމަށެވެ.
- ޝައިޚް ހަމްޒާ ޔޫސުފް