އެމީހާގެ ގޭތެރެއިން ހިތްހަމަޖެހުން ނުލިބޭ މީހާ ދާނީ ދެދުނިޔޭގަ ބަނގުރޫޓުވަމުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެމީހާގެ ގޭތެރެއިން ހިތްހަމަޖެހުން ނުލިބޭ މީހާ ދާނީ ދެދުނިޔޭގަ ބަނގުރޫޓުވަމުން-!

ބޯހިޔާވަހިކަމެއް ލިބިފައިވާ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހާއަށް ލިބިފައިވާ ބޯހިޔާވަހިކަމުގެ ތެރެއިން ހިތްހަމަޖެހުން ހޯދުމަށެވެ. ޚާއްޞަކޮށް ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު އެކަމަށް ވަކިންބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

ކާމިޔާބު މީހަކަށްވުމަށް ބޭނުންވާ 3 ކަންތައް ރަސޫލް ޙަދިޘްފުޅުކުރެއްވެވިއިރު 2 ވަނަ ކަމެއްގެ ގޮތުން ފާހަގަކުރައްވާފައިވަނީ އަމިއްލަ ގޭތެރެއިން ހިތްހަމަޖެހުން ލިބޭމީހަކަށްވުމެވެ. 

ކުރަންޖެހޭ ބައިވަރު އަޅުކަންތައް ހުއްޓައި މިފަދަ ބަސްފުޅެއް ޙަދީޘްފުޅުކުރެއްވެވުމުން އެކަމުގެ މުހިންމުކަމުގެ ބޮޑުކަން އެނގިގެންދެއެވެ. އަމިއްލަ ގޭތެރެއިން ހިތްހަމަޖެހުން ހޯދޭ މީހަކަށް ނޫނީ އަނބިދަރިންނަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެއެވެ. އަނބިދަރިންނާއި އަޅައެއް ނުލެވޭނެއެވެ. ގޭގައި ހުންނަ ތިމާއަށް ކުރަންޖެހޭ ކަންކަމެއް ނުކުރެވޭނެއެވެ. 

މިހާރަކަށް އައިސް ހިތްހަމަޖެހުން ހޯދުމުގެ ނަމުގައި ގެއިން ބޭރުގައި ގިނަ ވަޤުތުތަކެއް ގިނަބައަކު އެބަހޭދަކުރެއެވެ. މީސްމީހުންނާއިއެކު ވަޤުތުތައް އެބަ ހޭދަކުރެއެވެ. އެވަޤުތުތަކުގައި ހެޔޮކަމެއް އޮންނާނީ ނުކުރެވިފައެވެ. ގިނައިން ދެއްކޭނީ ބޭކާރު ވާހަކަތަކެވެ. އެކަމުގެ ސަބަބުން މީހާ އެދަނީ ފާފަވެރިވަމުންނެވެ.

ފާފަވެރިވުމުގެ އިތުރުން ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރާނަމަ އަތުން ބޭކާރު ޚަރަދުތައްކުރަންޖެހެއެވެ. ނަތީޖާއަކަށްވަނީ އެމީހާގެ އަނބިދަރިންނަށް ޚަރަދުކުރަންހުންނަ ފައިސާކޮޅު ބޭކާރު ގޮތުގައި ހޭދަކުރެވި އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭން ދަތިވުމެވެ. 

އެއިރު އަނބިދަރިން ގޭގައި ތިބެގެން އިންތިޒާރުކުރަނީ ތިބާއަށެވެ. އެމީހުން ތިބެނީ ހިތްދަތިކަންމަތީގައެވެ. ތިބާގެ އަޅައިލުމާއި ލޯތްބަށް އިންތިހާއަށް ބޭނުންވެގެންނެވެ. އެކަންކަމަށް އެދިއެދިއެވެ. ވީމާ އެމީހުން ހިތްދަތިކުރުވާފައި ތިބާ ގެއިން ބޭރުގައި ވަޤުތު ހޭދަކުރުމުން ތިބާއަށް ލައްނަތް ނުލައްވަވާނެ ކަމަށް ހީނުކުރާށެވެ.

މިމައުޟޫއަށް ގިނަގިނައިން ވާހަކަދައްކަން މިޖެހެނީ މިއީ ޢާއިލީ މައްސަލައަކަށްވުރެ މާބޮޑު މައްސަލައަކަށްވެފައިވާތީއެވެ. ޢާއިލާތައް ރޫޅުމުގެ ސަބަބުން މުޖުތަމައުތަކުގައި އޮތް އެންމެ ބޮޑު މައްސަލަކަމަށްވެފައިވާތީއެވެ. މިމައްސަލަ ޙައްލުކޮށްގެންނޫނީ އުފާވެރި ދިރިއުޅުމެއް ހޯދެން ނެތުމުންނެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން