ބައިވެރިޔާ ދެކެ އަޞްލު ލޯބިވަންތަ؟ ބައިވެރިޔާ ތިބާދެކެ އަޞްލު ލޯބިވޭތަ؟ ޔަޤީންކޮށްލަން މަސައްކަތް ކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބައިވެރިޔާ ދެކެ އަޞްލު ލޯބިވަންތަ؟ ބައިވެރިޔާ ތިބާދެކެ އަޞްލު ލޯބިވޭތަ؟ ޔަޤީންކޮށްލަން މަސައްކަތް ކޮށްލަމާ!

އިބުން ޢަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މީހަކު ދެކެ ޙަޤީޤީ ލޯބި ވެވިއްޖެ ނަމަ އެމީހާ ބޭނުން ނުވާ އެއްވެސް އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ." މާނައަކީ އެމީހާ ކުރަން ބޭނުން ނުވާ ނުވަތަ ނުރުހޭނެ އެއްވެސް ކަމެއްވެސް ނުކުރާނެކަމެވެ! "ލޯބި" ލަފުޒެއްގެ ގޮތުގައި މާނަކުރާނަމަ ލޯބީގެ މާނައަކީ ފުހޭ އެއްޗެވެ! އެހެނީ މީހަކު ދެކެ ޙަޤީޤީ ލޯބި ވެވިއްޖެ ނަމަ އެހެން ހުރިހާ މީހުންގެ މަތިން ހަނދާންނެތިގެންދާނެއެވެ! ވަކި ކަމަކަށް ލޯބިވެވިއްޖެނަމަ އެހެން ހުރިހާ ކަންކަން ހަނދާންނެތިގެންދާނެއެވެ! ހުރިހާ ސަމާލުކަމެއް ހުންނާނީ އެމީހަކަށެވެ! އެކަމަކަށެވެ!

ﷲ ތަޢާލާ ދެކެ ޙަޤީޤީ ލޯބިވެވިއްޖެ ނަމަ މުޅިންވެސް ކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަންކަމެވެ. ރުހިވޮޑި ނުގަންނާނެ އެއްވެސް ކަމެއް ނުކުރާނެއެވެ! އެއީ ހަމަ ޔަޤީން ކަމެކެވެ. އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަމެއް ކުރާނެއެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެއެވެ! އަބަދުވެސް މަސައްކަތްކުރާނީ ﷲ ގެ ރުހިވޮޑިގަތުން އިތުރަށް ހޯދުމަށެވެ.

އަދި ކީއްހެއްޔެވެ؟ އޮޅުމަކުން އެފަދަ ކަމެއް ކުރެވުނު ނަމަވެސް އެކަމަކާއިމެދު ދެރަވެ ހިތާމަކޮށް ތައުބާވެ އިސްތިޣްފާރުކުރުމަށް އަވަސްވެގަންނާނެއެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ބައިވެރިޔާ ދެކެވެސް ޙަޤީޤީ ލޯބިވެވިއްޖެ ނަމަ ކަންކަން ހިނގާނީ ހަމަ މިފަދައިންނެވެ. އޭނާ ރުޅި އަތުވެދާނެ، ދެރަވެދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އޭނާގެ ރުހުން ހޯދަން ގަދައަލައި މަސައްކަތްކުރާނެއެވެ. އޮޅުމަކުން ކަމެއް ކުރެވުނު ނަމަވެސް މާފަށްވެސް އެދޭނެއެވެ!

އަހަރެމެންނަށް އާޚިރަތް ގެއްލިގެން މިދަނީ ﷲ ތަޢާލާ އަށް ލޯބިވާންޖެހޭ ވަރަށް ލޯބި ނުވެވޭތީއެވެ. ޙަޤީޤީ ލޯބި ނުވެވޭތީއެވެ. ޒަވާޖީ ޙަޔާތް ގެއްލިގެންދަނީ ބައިވެރޔާދެކެ ލޯބި ނުވެވޭތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން