ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.
"އަހަރެމެންނަށް ހަރު ތަކެތި ކެވެނީ ދަތް ހުރި ދުވަހުއެވެ. ދެން ޖެހެނީ މުގުރައިގެން ކާށެވެ! އަޅުކަންވެސް ފުރިހަމައަށް ކުރެވޭނީ ގައިގެ ބާރު ހުންނަ ދުވަސްތަކުގައެވެ. ފަހުން މިއޮންނަނީ ގުދު ނުވެވިފައެވެ. ރުކޫޢު ނުކުރެވިފައެވެ. ސަޖިދަވެސް ނުކުރެވިފައެވެ. ވީމާ ގައިގަ ބާރު ހުރި ދުވަހު ވީހައި ގިނައިން އަޅުކަންކޮށް ބަލިކަށިވާ ދުވަހަށް ޖަމާކުރާށެވެ!"
މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ޙިކުމަތްތެރި ބަސްކޮޅެކެވެ. މުސްކުޅިވީމާ ގިނައިން އަޅުކަންކުރަން މަޑުކޮށްގެން ހުއްޓާ އެއިގެކުރިން ދިމާވާ ކަމެއްގެ ސަބަބުން ކޮންމެ ފަދަ ގޮތެއްވެސް މެދުވެރިވެދާނެއެވެ. އެނދުން ނުތެދުވެވިވެސް ހިނގައިދާނެއެވެ. މިހުންނަނީ އެނގޭ ކަންކަމެއް ނޫނެވެ.
ބުނަން މަސައްކަތްމިކުރަނީ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭނެ ވާހަކައެވެ. ވީމާ ގައިގަ ބާރުހުރި ދުވަހު ވީހާ ގިނައިން އަޅުކަންކޮށް ޖަމާކޮށްލަން މަސައްކަތްކުރާށެވެ. މުސްކުޅިވާ ދުވަހު ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް ހިތާމަކުރަން ނުޖެހޭނީ އެއިރުންނެވެ. ޒުވާން ޢުމުރުގައި ތިބާ އިޚްލާޞްތެރިވެއްޖެނަމަ އެކަން ﷲ ދެނެވޮޑިގެންވެއެވެ. އެކަން ހަނދާނުގައި ބަހައްޓާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން