މިދުޢާއަކީ އެންމެ ގިނައިން އަޑުއިވޭ އެއދުޢާއެވެ. އެންމެ ގިނަ ބައަކު އެންމެ ގިނައިން ކުރާވެސް އެއްދުޢާއެވެ. އެހެންވެ ދުޢާއަށް ދޭންޖެހޭ ސަމާލުކަން ގިނަބައަކު ނުދެއެވެ. އަބަދު އަޑުއިވޭތީ ފަރުވާކުޑަކޮށްލެވެނީއެވެ.
ނަމަވެސް ދުޢާގެ ޙަޤީޤީ މާނައަށް ބެލިނަމަވެސް އެނގިގެންދާނީ މިދިޢާގައި ނުހިމެނޭ އެއްވެސް ކަމެއް ނެތްކަމެވެ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
މިދުޢާ ކުރާއިރު وَقِنَا عَذَابَ النَّارِ ތަކުރާރުކޮށްގެންވެސް ކުރެއެވެ.
ދުޢާގެ މާނައީ " (އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ)"
(އަލ ބަޤަރާ: 201)
ބުނަން މަސައްކަތްމިކުރަނީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ހެޔޮކަން ﷲ ތަޢާލާ ދެއްވަވައިފިނަމަ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުނިވާނެ އެއްވެސް ކަމެއް ނުއޮންނާނެ ވާހަކައެވެ. އެއިގެ ފަހަތުން މިއަންނަނީ ކޮންމެ މީހަކަށްވެސް ހުރިހާ ކަންކަމަށްވުރެ މުހިންމުކަން ބޮޑު ކަންތަކެވެ. އެއީ ނަރަކައިގެ ޢަޛާބުން ސަލާމަތްކުރެއްވެވުމެވެ.
ވީމާ ޖުމުލަ ގޮތެއްގައި މީހަކަށް ބޭނުންވާނެ ހުރިހާ ކަންކަން މިދުޢާގައި ވަނީ ހިމެނިގެންނެވެ. މިހެން ބުނީމާ ސުވާލަކުކޮށްފާނެއެވެ. އަހަރެން މިއުޅެނީ ދަރިއަކަށް ބޭނުންވެގެންނެވެ. ދަރިއަކު ދެއްވެވުން އެދޭ ވާހަކައެއް މިދުޢާއަކު ނެތެވެ. އަހަރެންގެ ޖަވާބަކީ އެވާހަކަވެސް އެބައޮތެވެ. "ދުނިޔޭގައި ހެޔޮކަން" ދެއްވެވުމަށް އެދުމުން ދުނިޔެއިން އެމީހާ ބޭނުންވާ ހުރިހާ ކަންކަން ހިމެނިގެންދިއައީއެވެ. އެއްވެސް ކަމެއް އިސްތިސްނާވުމެއް ނެތިއެވެ. ވީމާ ދަރިއެއްގެ ކުރިއަށް ބޭނުންވާ ހެޔޮލަފާ އަންތބަކު ލިބުންވެސް އެދިއައީ ހިމެނިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން