ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެއް ނިމިގެންދާއިރު އެކަކުވެސް މިފަދައިން ދުޢާކުރިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެއް ނިމިގެންދާއިރު އެކަކުވެސް މިފަދައިން ދުޢާކުރިން ހެއްޔެވެ؟

ހުކުރު ދުވަސް އައުމުން ކުރާނެ ޚާއްޞަ ދުޢާއެއް އޮވޭތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

ހުކުރު ދުވަހުވެސް ކުރަންވީ ތިމާ އަބަދުވެސް ކުރަމުން އަންނަ ދުޢާތަކެވެ. ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވަވާފައިވާ ދުޢާތަކާއި ރަސޫލް ގެ ސުންނަތުން އެނގެންހުރި  ދުޢާތަކެވެ. އެހެނަސް އެވަރުން ފުއްދާލައިގެން ނުވާނެއެވެ! 

އެއާއިއެކު އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރާށެވެ! އެމީހަކަށް ދުޢާކުރަން ފަސޭހަބަހަކުން ދުޢާކުރާށެވެ. އެންމެ މުހިންމީ ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެއް ބައްދަލުކޮށް ނިމިގެންދާއިރު ވީހާގިނައިން ދުޢާކުރުމެވެ. 

ހުކުރު ވިލޭރެއާއި ހުކުރު ދުވަސްވެސް ނިމިގެންދިއުމުން ވިސްނާލާފައި  ނިކަން ބުނެބަލާށެވެ. ހަމަ އެކަކުވެސް އެންމެ ކުޑަމިނުން މިފަދައިން ނަމަވެސް ދުޢާ ކުރިން ހެއްޔެވެ؟ ނުކުރެވޭނަމަ އަންނަ ހުކުރު ދުވަހަށް ރައްކާކޮށްފައި ބާއްވާށެވެ! 

"ޔާ ﷲ! މިއަދަކީވެސް ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެކެވެ! އިނބަ ﷲ ގެ ޙެޔޮ

ރަޙްމަތްފުޅުން ފުރިގެންވާ ދުވަހެކެވެ. އަޅަމެންނަކީ ފާފަތަކުން ފުރި ފޯވެގެން ތިބި ބައަކީމުއެވެ! ޔާ ﷲ އަޅަމެންނަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވައި އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! 

ބޮޑެތިފާފަތަކާއި ކުދި ފާފަތައް އަޅަމެންނަށް ކުރެވުނީ އަޅަމެންގެ ނިކަމެތިކަމުންނެވެ! އިނބަ ﷲ އީ ނިކަމެތިންނަށް ރަޙްމް ކުރައްވަވާ ޣަފޫރުއްރަޙީމްއެވެ! އަޅަމެންނަށް ކުރެވިފައިވާ ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ވެސް ފުއްސަވައި ދެއްވަވާނދޭވެ! 

އަދި އަޅަމެންނަކީ ފާފަކުރެވުމުން ސަލާމަތްކަން ލިބިގެންވާ ބައަކު ކަމުގައި ލައްވަވައިދެއްވަވާނދޭވެ! އެއްވެސް ފާފައެއް ނުކުރުމަށް މިއަޅާ ގަދައަޅައި މަސައްކަތްކުރާނަމެވެ. އަޅާގެ އެ މަސައްކަތަށް މިއަޅާއަށް ސާބިތުކަން ދެއްވަވާނދޭވެ!

މިއަޅާ އާއި މިއަޅާގެ ޢާއިލާގެ އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވައި އަޅަމެންނަށް އިނބަ ﷲގެ ހެޔޮ ރަހްމަމަތް އިތުރުކޮށް ދެއްވަވާނދޭވެ! ޢާއިލާގައި ތިބި ނިކަމެތިން ފުދުންތެރިކުރައްވަވައި ދެއްވަވާނދޭވެ! ޢާއިލާގައި ތިބި ބަލި އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! އާމީން." 

- މަޢްލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން