ދުނިޔޭގަ އަމިއްލައަށް ދެލޯ ކަނުކޮށްގެން އުޅޭ މީހުންގެ ތެރެއިން ވެއްޖެނަމަ ގާތީ ނަރަކައަށް ވަންނަން ޖެހުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދުނިޔޭގަ އަމިއްލައަށް ދެލޯ ކަނުކޮށްގެން އުޅޭ މީހުންގެ ތެރެއިން ވެއްޖެނަމަ ގާތީ ނަރަކައަށް ވަންނަން ޖެހުމެވެ!

އެއްވެސް މީހަކީ އެމީހެއްގެ ދެލޯ ކަނު މީހަކަށްވުމަކަށް ނުއެދޭނެއެވެ! ނަމަވެސް އަމިއްލަ ލޮލަށް ކޮންމެ ދުވަހަކު ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައި އެކަންކަމަށް ނުވިސްނާ މީހުންނަކީ އަމިއްލައަށް ދެލޯކަނުކޮށް ބުއްދީގެ ބޭނުން ނުހިފާ މީހުން ކަމުގައި ނުވާނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލައަށް ދެލޯކަނުކޮށް ބުއްދީގެ ބޭނުން ނުހިފައި ދުނިޔޭގައި އުޅެމުން ސުވަރުގެ ލިބުމަށް އުންމީދުކުރިނަމަވެސް އެކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ވީމާ މޮޅު ވާހަކަދައްކަން ވަގުތު ހޭދަނުކުރާށެވެ! ފުރަތަމަ ކަމަކަށް ހެޔޮ އަމަލުކުރުން ގިނަކުރާށެވެ! ޢަމަލުކުރަމުން މޮލުވާހަކަދައްކާށެވެ! ކިތަންމެ ގިނައިން މޮޅު ވާހަކަ ދެއްކި ނަމަވެސް ހެޔޮ ޢަމަލު ނުކުރާނަމަ އެމީހާ އެވަނީ މަގުން ކައްސާލައިފައެވެ. ފޭލްވެފައެވެ. ފާސްވާނީ ހެޔޮ ޢަމަލުތައް ގިނަކުރި މީހެކެވެ! 

ދުނިޔޭގެ ދަހިވެތިކަމުގައި އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެމީހުންގެ މުޅި ޙަޔާތް ވޭތރިކުރަމުން ގެންދާއިރު ހިތާމައަކީ އެމީހުންނަށް ކޮންމެ ދުވަހަކު ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވޭ ކަމެވެ. 

މީހެއްގެ ޢުމަރަކީ 60 އަހަރު ކމަށް ބަލާށެވެ! އެއަށްވުރެވެސް މަދުކޮށްލާށެވެ! 50 އަހަރުކަމަށް ބަލާށެވެ! އުމުރުން 50 އަހަރުވާއިރު ކިތަންމެ މީހުންގެ ޖަނާޒާގައި ބައިވެރިވެވިފައި ހުންނާނެ ހެއްޔެވެ؟ ޖަނާޒާގައި ބައިވެރިނުވެވުނު ނަމަވެސް ދުނިޔެ ދޫކޮށް ދިއަ ކިތައް މީހުންގެ ކަންކަން ތިމާގެ އަމިއްލަ ލޮލަށް ފެނި ތަޖުރިބާ ކުރެވިފައި ހުންނާނެ ހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ބޮޑެތި އެތައް މިލިއަނަރުންނާއި އެތައް ބިލިއަނަރުން މަރުވަމުންދާއިރު ދުނިޔެއިން ދަމުން އެމހުންނާއިއެކުގައި ގެންދެވުނީ ކޮން އެއްޗެއްހެއްޔެވެ؟ ހަމަ އެކައްޗެއްވެސް ގެންދެވުނު ހެއްޔެވެ؟ ނުގެންދެވޭކަން އެބަ ޔަޤީންކުރެވެއެވެ. 

ގެންދެވޭ ހަމައެކަނި އެއްޗަކީ އެމީހާ ކުރި އަމަލުތަކެވެ. ނުބައި އަމަލުތަކާއި ހެޔޮ އަމަލުތަކެވެ. ކޮންމެ މީހަކުވެސް ދަނީ ނުބައި ނަމަވެސް ރަނގަޅު ނަމަވެސް އެމީހަކަށް ކުރެވުނު ހުރިހާ ޢަމަލުތަކެއް ހިފައިގެންނެވެ. ﷲ ތަޢާލާއަށް އިމާން ނުވާ މީހުން ޤިޔާމަތް ދުވަހާއި މީޒާން ޤަބޫލު ނުކުރި ނަމަވެސް އަހަރެމެން މުސްލިމުން މިތިބީ ޤިޔާމަތް ދުވަހާއި އަހަރެމެން ދުނިޔޭގައި ކުރި އެންމެހައި ޢމަލުތަކެއް ޤިޔާމަތް ދުވަހު މީޒާނުގައި ކިރަންޖެހޭނެކަން ޤަބޫލުކޮށްގެންނެވެ. 

ނިކަން ބުނެބަލާށެވެ! މިކިޔައިދިން ކަންކަމަށް ވިސްނަނީ ތިއަބައިމީހުންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ދުނިޔެއިން ވަކިވެގެންދާއިރު ހެޔޮ އަމަލެއް ނޫނީ ނުގެންދަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟ ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތުގައި "ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފުސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢަޤާބް) އެ ނަފްސެއްގެ މައްޗަށްވެއެވެ..." މިފަދައިން ވަޙީ ކުރައްވަވާފައިވާކަން ނުއެނގެނީ ކާކަށް ހެއްޔެވެ؟ عقاب މިބަހުގެ މާނައަކީ ޢަޛާބެވެ. 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން