ޒަވާޖީ ޙަޔާތުގަ ކުރިމަތިވި ހިތި ތަޖުރިބާ ކޮނޑުޖަހައިގެން ހިނގަން އުޅޭ މީހަކަށް ކުރިއަކަށް ނުދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޒަވާޖީ ޙަޔާތުގަ ކުރިމަތިވި ހިތި ތަޖުރިބާ ކޮނޑުޖަހައިގެން ހިނގަން އުޅޭ މީހަކަށް ކުރިއަކަށް ނުދެވޭނެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އުފާވެރި ދިރިއުޅުމެއް ނުއުޅެވިގެން މިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ޒަވާޖީ ޙަޔާތުގައި އޭނާއަށް ކުރަންޖެހުނު ހިތި ތަޖުރިބާތައް ކޮނޑުޖަހައިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. 

ބައެއް މީހުން ބޭނުންވަނީ ގެއްލުންދިން ބައިވެރިޔާގެ ބަދަލުހިފާށެވެ. އަނެއްބައަކު ވިސްނަނީ ކުރިން ކުރަންޖެހުނު ހިތި ތަޖުރިބާތައް އަބަދުވެސް ކުރަންޖެހޭނެ ކަމަށެވެ. އެހެންވެ ހިނިތުންވެލާނެ ވަޤުތެއް އެމީހުންނަކަށް ނުލިބެއެވެ. އަބަދުވެސް ތިބެންޖެހެނީ ހާސްވެ ކަންބޯޑުވުމުގެ ތެރޭގައެވެ. 

ކާމިޔާބު ދިރިއުޅުމެއް ބޭނުންވާނަމަ ޖެހޭނީ މާޒީ، މާޒީއަށް ދޫކޮށްލާށެވެ. މުސްތަޤްބަލަށް ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ. މާޒީގެ ބޭނުން ހިފަންޖެހޭނީ އެންމެ ކަމަކަށެވެ. އެއީ ތަޖުރިބާ ޙާޞިލުކުރުމަށެވެ. ވީމާ ފުރަތަމަވެސް ވިސްނަންވީ މާޒީގައި ތިމާއަށް އެފަދަ އަނިޔާއެއް ލިބުނީ ކީއްވެގެންކަމާއިމެދުގައެވެ. އެކަމުގައި ތިމާގެ ކުށަކީ ނުވަތަ އިހްމާލަކީ ކޮބައިތޯއެވެ. އެކަންކަން ދެނެގަތުމަށްފަހު އެކަންކަން އިޞްލާޙްކުރާށެވެ.

ދެން އޮތީ ތިމާގެ އެއްވެސް ކުށެއް، އަދި އިހްމާލެއްވެސް ނެތި އަނިޔާތަކެއް ނުވަތަ ގެއްލުންތަކެއް ލިބުމެވެ. އެހެންކަމަށްވާނަމަ ޤަބޫލުކުރަންވީ ތިމާގެ ކުށެއް، އިހްމާލެއް ނެތި އެފަދަ ދެރައެއް ތިމާއަށް ލިބުނީ ތިމާއަށް ދެއްވަވަން އޮތް ނިޢްމަތް މާބޮޑުވީމައިކަމެވެ. ކުރިއަށްވުރެ މާއުފާވެރި ޙަޔާތެއް ދެއްވަވަންކަމެވެ. 

މާޒީގައި ބައިވެރިއަކު ތިމާއަށް ދެރައެއް ދީފައި އޮތުމަކީ އެންމެން ތިމާއަށް ދެރަދޭނެ ކަމަށް ޤަބޫލުކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. އެހެނަސް ބައެއް މީހުން މާޒީއަށް ބަލައި ދެވަނަ ބައިވެރިޔާއަށް ފިއްތުންތައް ކުރިމަތިކުރުވަން ހަދައިގެން ދެވަނަ ބައިވެރިޔާ ތިމާ ދޫކޮށްލާފައި ދުރަށްދާ ހިސާބަށް ކަންކަން އެބަ ދަތިކުރުވައެވެ. 

އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ. ދެވަނަ ބައިވެރިޔާއާއިއެކު ފަށާޙަޔާތާއިމެދު ދެކެންޖެހޭނީ މުޅިން އައު ޙަޔާތެއްގެ ގޮތުގައެވެ. މުސްތަޤްބަލް އުފާވެރިކުރަން މަސައްކަތްކުރަންވާނީ ފުރިހަމަ އިތުބާރާއިއެކުގައެވެ. ނޫންނަމަ ކުރިމަތިވާނީ ދެންމެ މިބުނި ފަދަ ޙާލަތެވެ. އުފާވެރިކަމުގެ ބަދަލުގައި ކުރަންޖެހޭނީ ހިތާމަތަކެވެ. 

އަނހެނަކު ނަމަވެސް އަދި ފިރިހެނަކުނަމަވެސް މިކަންކަމުގައި ޢަމަލުކުރަންޖެހޭނީ އެއްގޮތަކަށެވެ. އެއްވެސް ޙާލެއްގައި މިބުނަނީ އިމެއް ނެތި ހުރިހާ ކަންކަން ދޫކޮށްލާ ވާހަކައެއް ނޫނެވެ. ކޮންމެ ކަމެއްގައި އިންތަކެއްވެއެވެ. އިސްލާމް ދީނުގައި އެއިންތައް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ވީމާ މިބުނަނީ އެއިންތަކުގެ ތެރެއިން ކަންކަން ކުރާވާހަކައެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ކޮންމެ އިމަކީވެސް މީސްތަކުންގެ ފައިދާއަށްޓަކައި ބަޔާންވެގެންވާ އިންތަކެވެ. ވީމާ އެއިންތައް ދޫކޮށްލުމެއް ނެތެވެ. އޮތީ ހިފެހެއްޓުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން