ބައިވެރިޔާއަށް ހަރުކަށި، ނުބައިބަސްތައް ބުނެވޭނަމަ އެކަން ހުއްޓާލަން އެންމެ ފަސޭހަވާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބައިވެރިޔާއަށް ހަރުކަށި، ނުބައިބަސްތައް ބުނެވޭނަމަ އެކަން ހުއްޓާލަން އެންމެ ފަސޭހަވާނެ މަގު-

ފުރަތަމަ ކަމަކީ އިސްލާމް ދީނަށް ބަލައިފިނަމަ އެއްވެސް މީހަކަށް ހަރުކަށި، ނުބައިބަސްތައް ބުނުމެއް ނެތެވެ. އެއީ ކުރެވޭ ފާފައެކެވެ. ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާއަށް އެފަދަ ބަސްތައް ބުނެގެން ނުވާނެއެވެ. އެހެނީ އޭނާ އެވަނީ ތިބާގެ ޙިމާޔަތާއި ރައްކައުތެރިކަމުގައެވެ. އޭނާއަށް ހެޔޮކޮށް ހިތުމަކީ ތިބާގެ މައްޗަށް ވާޖިބުވެގެންވާ ކަމަކެވެ. 

އެހެންކަމާއިއެކުވެސް ތިމާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމަށްވުމުން އަނބިންނަކީ ތިމާއަށްވުރެ މާދަށުދަރަޖައިގައި ތިބޭ ބައެއްކަމަށް އެބަ ޤަބޫލުކުރެވެއެވެ. ވީމާ ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނުމަކީވެސް ތިމާއަށް ލިބިގެންވާ ޙައްޤެއް ކަމަށް އެބަ ޤަބޫލުކުރެވެއެވެ. ނަމަވެސް މިއީ މުޅިން ނުބައި ވިސްނުމެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަނެކާއަކީ ތިމާ މުސާރަދީގެން ގެންގުޅޭ ނޯކަރެއކަމުގައިވީނަމަވެސް އޭނާއަށްވެސް ބުނަންޖެހޭނީ ޙައްޤު ބަހެވެ. ބަސްބުނަންޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. 

މިފަދަ ނުބައި އާދަތައް ހިފިފައިތިބޭ މީހުން އެކަމުން ސަލާމަތްވާން އޮތް އެންމެ ފަސޭހަގޮތަކީ އަނެކާގެ އަގުވަޒަންކުރުމެވެ. ވީމާ ވިސްނައިލާށެވެ. ތިމާއަށް ހަރުކަށި، ނުބައި ބަސްތައް މިބުނެވެނީ ތިމާ ފަދައިން ﷲ ތަޢާލާގެ އަޅަކަށް ކަމެވެ. ތިމާ ބުނާ ބަސްތައް މަލާއިކަތުން ފަތުގައި ލިޔުއްވަވާނެ ކަމެވެ. 

ދެވަނައަށް ވިސްނައިލަންވީ ﷲ ތަޢާލާގެ އަޅަކަށް ނުބައިބަސްތައް ބުނެ ހިތުގައި ޖެއްސުމުން ﷲ ތަޢާލާ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިކުރައްވަވައިފިނަމަ ދެން ތިމާއަށް ޖެހޭނެ ޙާލާއިމެދުގައެވެ. 

މިސާލަކަށް ތިބާ ތިބާގެ އަނބިމީހާއަށް ނުބައިބަސްތައް ބުނެ އަނިޔާވެރިވެ ހިތުގައި ޖައްސުވާފައި ދޫކޮށްލީއެވެ. އޭނާއަށް މާހެޔޮލަފާ ބައިވެރިއަކު ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ﷲ ތަޢާލާ ތިބާ ނިކަމެތިކުރައްވަވައި ހިތްދަތިކުރައްވަވައިފިނަމަ ތިބާއަށް އުފާވެރިކަން ހޯދައިދެވޭނީ ކާކަށް ހެއްޔެވެ؟ އަތުގައި ފައިސާހުރިމީހަކު ބިލިއަނުން ފައިސާ ޚަރަދުކުރިނަމަވެސް ﷲ ތަޢާލާ އެމީހަކަށް ހިތްދަތިކަން ކުރިމަތިކުރައްވަވައިފި މީހަކަށް އުފާވެރިކަން ލިބޭނެ އެއްވެސް މަގެއް ނެތެވެ. ނުވެސް އޮންނާނެއެވެ. 

ވީމާ ޢަމަލުތައް އިޞްލާޙްކުރަން އެދޭ މީހާ މިބުނި ކަންކަމަށް ވިސްނައިލާށެވެ. އިޞްލާޙްވެވޭނީ އެމީހަކު އަމިއްލައަށް ވިސްނައި އިޞްލާޙްވާން މަސައްކަތްކުރުމުންނެވެ. ހެޔޮ ނިޔަތުގައި އިޞްލާޙްވާން މަސައްކަތްކޮށްފި މީހަކަށް އެކަމަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން