ރާއްޖެ ދެމިއޮންނާނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ކަމަށާއި އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ފުރުޞަތު ނުދޭނެ ކަމަށް ޤައުމުގެ ވެރިން ވިދާޅުވާތީ އެކަން ޙާޞިލްކުރެވޭނެ ނަމަ އެހެން އެއްވެސް ދީނަކަށް ރާއްޖެއާއި ކައިރިވެސް ވެވުނީސްތޯއެވެ؟
ރާއްޖޭގެ ވެރިން މިދެންނެވި މޭރުމުން ވިދާޅުވާ އަޑު އަބަދުވެސް އިވެއެވެ. ވެރިކަން ކުރެއްވި ހުރިހާ ވެރިންނާއި މިހާރުގެ ރައީސްވެސް އަބަދުވެސް އެހެން ވިދާޅުވެއެވެ. މިއަޑުތަކަކީ ދިވެހިންނަށް އަބަދުވެސް އިވޭއަޑުތަކެކެވެ.
ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ކުރިއެރުވުމުގެ ޤާނޫނީ ޒިންމާ އެންމެ ބޮޑަށް އެޅިފައިވަނީ ހޯމް މިނިސްޓަރުގެ ކިބައިގައެވެ. ފުލުހުންނާއި މަގުތަކާއި ޢާންމުތަންތަނާއި ނޫސްމަޖައްލާތަކާއި އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިފަރާތަކީ ޢަދާލަތުގެ ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ކަމުގައިވާތީއެވެ.
އެމަނިކުފާނަކީ އެންމެ ގިނައިން އެވާހަކަފުޅު ދައްކަވާ ބޭފުޅާއެވެ. "އިސްލާމްދީނުގެ މަތީގައި މި ޤައުމު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ" ކަމަށް ވިދާޅުނުވެ އެމަނިކުފާނު އެއްވެސް ޕޯޑިއަމަކުން ފައިބާވަޑައިނުގަންނަވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް އާއި ޝައިޚް އިމްރާން އެވިދާޅުވާ ބަސްފުޅު ރަނގަޅަށް ދެނެގަންނަން އެބަޖެހެއެވެ.
އެދައްކަވަނީ ޤައުމުގެ ވާހަކަ ކަމަށާއި ރައްޔިތުންގެ ވާހަކައެއް ނޫންކަން ޤަބޫލުކުރަންޖެހެއެވެ. ދިވެހި ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ބައިތިއްބަން މަސައްކަތްކުރުމުގެ ބަދަލުގައި ފިކުރުގައި މިންއަޅައި ޙައްޤު ފިކުރަކީ ބާޠިލްފިކުރު ކަމުގައި ޢަމަލީ ގޮތުން އެގެންދަވަނީ ދައްކަވަމުން ކަމަށްވާތީއެވެ. އިސްލާމް ދީން ހިމާޔަތްކުރުމުގެ ބަދަލުގައި މީސްތަކުން އިސްލާމް ދީނާއި ދުރުހެލިވާނެ ކަންކަމަށް މަގުފަހިކުރަމުންގެންދާލެއް ބޮޑުކަމުންނެވެ.
މިއީ އިސްލާމް ދީނަށް ލޯބިކުރާ ކޮންމެ ދިވެއްސަކުވެސް ވިސްނައި ހޭލުންތެރިވާންޖެހިފައިވާ އެންމެ ބޮޑު މައްސަލަކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް، ޢަމަލުކޮށްގެން ނޫނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ނުކުރެވޭކަން އެއީ މިއަދު ފެނިސާބިތުވާން އޮތް ކަމެކެވެ. ޢަމަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
އެކަމުގެ އެންމެ ފައުޅުކަންބޮޑު ދަލީލަކީ އިސްލާމް ދީނާއި މީސްތަކުން ދުރުވުމަށް ފުރުޞަތުލިބޭގޮތަށް ޤާނޫނުތަކަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކެވެ. ޤާނޫނުޢުޤޫބާތަށް މިހާރުވެސް ގެނެސްފައިވާ ބޮޑެތި ބަދަލުތަކެވެ. އެކަންކަމަށް ވިސްނައިލުމުން ސަރުކާރުގެ ވިސްނުމާއި ފިކުރުހުރިގޮތް އޮޅިގެން އުޅޭކަށް ނުޖެހޭނެއެވެ.