ދެމަފިރިން މައްސަލަޖެހުނީމާ ކަންކުރަންވީ މޮޅު ގޮތް ބުނެދޭނެ މީހުން ވަރަށް ގިނައިރު ނިކަމެތިކަމެއް ލިބިއްޖެނަމަ ލޮލަށް ފެނިލާނެ މީހަކުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދެމަފިރިން މައްސަލަޖެހުނީމާ ކަންކުރަންވީ މޮޅު ގޮތް ބުނެދޭނެ މީހުން ވަރަށް ގިނައިރު ނިކަމެތިކަމެއް ލިބިއްޖެނަމަ ލޮލަށް ފެނިލާނެ މީހަކުވޭތަ؟

ކޮންމެ ކަމެއްގައި ކުރިއަށްދާން ބޭނުންވި ނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުން ތިމާ ކުރިއަށް މިދަނީ ރަނގަޅު މަގުގައިކަން ކަށަވަރުކުރާށެވެ! މީހަކު ދައްކާހައި މަގަކުން ކުރިއަށް ނުދާށެވެ! ކުރިއަށް މިދެވެނީ ހަމަ ރަނގަޅު މަގުގައިކަން އަމިއްލަ ނަފްސަށް ޔަޤީންކުރާށެވެ!

މީހުން ދައްކާ ވާހަކަތަކަށް ވިސްނާށެވެ! އެއިން ތިމާއަށް ކުރާނީ ހަމަ ފައިދާކަން އަމިއްލައަށް ކަނޑައަޅާށެވެ! މީހަކު ކަމެއް ކުރަން ބުނެފިނަމަ ކަމެއްކުރަންވީ ގޮތް ބުނެދީފިނަމަ އެކަމަކާއިމެދު ފުންކޮށް ވިސްނައި ފިކުރުކުރާށެވެ!

އެމީހަކަށް ކުރެވޭ ކޮންމެ ކަމެއްގެ ވެސް ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ! ނުބައިކޮށް ކަމެއް ކުރެވއްޖެ ނަމަ ދެރަ ލިބޭނީ ވެސް އެމީހަކަށެވެ. ފާފައެއް ކުރެވިއްޖެ ނަމަ ފާފަވެރިވާނީ ވެސް ތިމާއެވެ. މިއިން އެއްވެސް ޙާލަތެއްގައި އެހެން މީހެއްގެ ބޮލުގައި ކަންކަން އަޅުވައިގެން ކުރާނެ އެއްވެސް ފައިދާއެއްވެސް ނުއޮންނާނެއެވެ.

ޚާއްޞަކޮށް ދެމަފިރިންގެ ކަންކަމުގައި ގޮތް ނިންމާއިރު މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ! މީހުން ދައްކާ ވާހަކަތައް ޤަބޫލުކޮށް ޢަމަލުކޮށްގެން ނުވާނެއެވެ! ކަމެއް ކުރިމަތިވެގެން ގާތް ބައެއްގެ ލަފާ ހޯދަންޖެހިގެން ހޯދި ނަމަވެސް ޢަމަލުކުރަންވާނީ އަމިއްލައަށް އެކަމަކާއިމެދު ފުންކޮށް ވިސްނުމަށްފަހުގައެވެ.

އެހެނީ އެޅޭ ފިޔަވަޅުގެ ސަބަބުން ނިކަމެތިކަމެއް ލިބިއްޖެނަމަ ލޮލަސް ފެނިލާނެ މީހަކުވެސް ނުހުންނާނެއެވެ. ކަމެއްކޮށްދޭންޖެހިދާނެތީ ގިނަ މީހުން ބަލާނީ ލޮލަސް ނުފެނި އަނގައިންވެސް ނުބުނެ އުޅެވޭތޯއެވެ!

މީހުންގެ ވިސްނުން ކޮންމެ ކަމެއްގައި ބޭނުންކުރަންޖެހޭނަމަ އެކަމުން އެނގެނީ އަމިއްލަ ކަންކަމަށް ވިސްނަން ވަގުތު ނުދެވޭކަމެވެ. އަމިއްލަ ދިރިއުޅުމަށް ފޯކަސް ނުކުރެވޭ ކަމެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވިސްނަން ވަގުތުދޭންޖެހޭނެއެވެ.

އެހެން މީހުންގެ ފައިވާނުގަ ހިނގަން އުޅޭ މީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ނުފެންނާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ. ފައިތިލައިގެ ބޮޑުމިން އެއްވަރު ނަމަވެސް ކޮންމެ ދެމީހެއްގެވެސް ފައިތިލައިގެ ހުރިހާ މިންތައް އެއްވަރުނުވާނެތީއެވެ! އެމީހަކަށް އެންމެ ހެޔޮވަރުވާނީ ހަމަ އެމީހާގެ ފައިވާނެވެ!

އަދި އެއްވާހަކަ ބުނެލާނަމެވެ! ކަންކަމުގައި ގޮތް ކިޔައިދޭނެ މީހުން ވަރަށް ގިނަވާނެއެވެ! ނަމަވެސް ކަމެއް ޖެހުމުން އަމިއްލަ އެދުމެއް ނެތި ހެޔޮ އެދިގެން އެހީތެރިވެދޭނެ މީހުން ވަރަށް މަދުވާނެއެވެ! އެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ!

ﷲ ތަޢާލާ ބުއްދީގެ މަތިވެރި ނިޢްމަތް ދެއްވެވީ މިކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން