ދަރިފުޅު: މަންމާއެވެ! މިއަދު ހަވީރު ޒަހޫގެ ޕާޓީ އޮންނާނެއެވެ. ކުދިން ވަރަށް އަގުބޮޑު ހަދިޔާތައްވެސް ގެންދާނެއެވެ. ކޮއްކޮ ގެންދާނެ އެއްވެސް އެއްޗެއް މަންމައަށް ގަނެދެވޭނެ ހެއްޔެވެ؟
މަންމަ: ދަރިފުޅާ ދެރަނުވާށެވެ! ދަރިފުޅު ދޭ ހަދިޔާއަށްވުރެ އަގުބޮޑު ހަދިޔާއެއް ހަމަ އެއްކުއްޖަކަށްވެސް ނުގެންދެވޭނެއެވެ.
ހަވީރު ޕާޓީއަށްދާން އޮތް ގަޑިޖެހިއްޖެއެވެ. ދަރިފުޅު ގޮވައިގެން މަންމަ ހިނގައިގެންފިއެވެ. ދަރިފުޅު ސުވާލުކުރިއެވެ. "މަންމަ ގެންދަން ބުނި ހަދިޔާ ކޮބައިހެއްޔެވެ؟"
މަންމަ: "ދަރިފުޅާއެވެ! މިހާރުވެސް ވަރަށް ގިނަ ހަދިޔާ ފޮނުވައިފީމެވެ. މިހާރުވެސް މިދަނީ ފޮނުވަމުންނެވެ. މަންމަ މިފޮނުވާ ހަދިޔާ ލޮލަކަށް ނުފެންނާނެއެވެ. އެކަމަކު ޒަހޫއަށް އެންމެ ބޮޑަށް ފައިދާކުރާނީ މަންމަ މިފޮނުވާ ހަދިޔާތަކުންނެވެ.
ދަރިފުޅާއެވެ! މުސްލިމަކަށް އޭނާގެ އަޚާއަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ އޭނާގެ ހެޔޮ ދުޢާއެވެ. ދަރިފުޅުވެސް ހަދިޔާއެއް ފޮނުވަން ބޭނުންނަމަ ދުޢާކުރާށެވެ! ޒަހޫއަކީ މޮޅު ކުޖަކަށްވޭތޯއެވެ. ﷲ އަށް ބިރުވެތިވާ ތަޤްވާވެރި ކުއްޖަކަށްވޭތޯއެވެ. ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ލިބި އަތްމަތި ތަނަވަސްކުއްޖަކަށްވޭތޯއެވެ!
އެނގޭހެއްޔެވެ؟ ދަރިފުޅު އެހަދިޔާ ފޮނުވީމާ ދަރިފުޅަށްވެސް ހަދިޔާލިބެއެވެ. ޒަހޫއަސް ނުއަންގައި ޒަހޫއަށްޓަކައި ހެޔޮހިތުން ހެޔޮހިތުން ދަރިފުޅު ދުޢާކޮށްދިނީމާ މަލާއިކަތް ބޭކަލުން ދަރިފުޅަށްވެސް އެފަދައިން ދެއްވުން އެދި ދުޢާކުރައްވާނެކަން ޞައްޙަ ޙަދީޘުން ޘާބިތުވާން އެބައޮތެވެ."