މިހާރަކަށް އައިސް ޒަވާޖީ ޙަޔާތުގެ ކަންކަމުގައި ބައެއް މީހުން ދެކެނީ އެއީ އަމިއްލަ ކަމެއްގެ ގޮތުގައެވެ. ބޭވަފާތެރިވުމާއި އޮޅުވައިލުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އޮތީ ތެދުވެރިވުމެވެ.
އަނބިމީހާ ވަރިވާން ބޭނުންވެއްޖެނަމަ ތެދުބަހުން ބުނެ ވަރިއަށް އެދޭށެވެ. ފިރިމީހާ އަށްވެސް އޮތީ ހަމައެގޮތެވެ. އަދި ފިރިމީހާކަމަށްވީތީ، ހުރިހާ ބާރެއް ލިބިގެންވާކަމަށްހީކޮށް އަނބިމީހާއަށް ސިއްރުން ކަންކަން ކޮށްގެން ނުވާނެއެވެ. ދެވަނަ އަންތބަކު ހޯދަން ބޭނުންވި ނަމަވެސް އޮޅުވާނުލައި ތެދުވެރިކަމާއިއެކު އަނބިމީހާގެ ގާތުގައި ބުނަންޖެހޭނެއެވެ.
އެހެން މިބުނަނީ ސިއްރުން ކަންކަން ކުރުމުން އެކަންހާމަވާ ދުވަހު ދެން ނުކުންނަ މައްސަލަތައް މާގޯސްވީމައެވެ. ބައެއް ޙާލަތްތަކުގައި އަނބިމީހާއަށް ލިބޭ މާޔޫސްކަމުގައި ކެތްތެރިނުވެވިގެން އަމިއްލައަށް ދުނިޔެކުރުން ފަދަ އެންމެ ބޮޑެތި ފާފަތައްވެސް އެބަ ކުރެވެއެވެ. ވީމާ ދެމީހުންގެ ދިރިއުޅުމާއި ގުޅުންހުރި އެބާވަތުގެ ކަންކަމަކީ އެކެއްގެ ޙައްޤެއް ކަމަށް ބަލައިގެން ދެކޮޅުޖެއްސޭކަށް ނެތެވެ. އެއީ އެއަށްވުރެ މާ ސީރިއަސް މައްސަލައެކެވެ.
މިއަދަކީ ދިރިއުޅުމުގެ ކަންކަމުގައި ދެމަފިރިންނަށް ކަންކަން ހަމަހަމަ ޒަމާނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤުތައް ހޯދެން އޮތް ޒަމާނެކެވެ. ވަރިވާން ބޭނުންވުމުން ވަރިނުކުރިނަމަ ފިރިމީހާ ގޮވައިގެން ކޯޓަށް ދެވެއެވެ. ވަރިކުރަން ބޭނުންވެއްޖެނަމަ ވަރިކުރުމުގެ ބާރު ފިރިންނަށް ލިބިގެންވެއެވެ. ވީމާ އޮޅުވާލައިގެން ކަންކަން ކުރަން އުޅެންވީ ކީއްވެގެން ހެއްޔެވެ؟
އަނެކާއަށް އޮޅުވައިލާއިއރު ވިސްނަންވީ ބައިވެރިޔާ ތިމާއަށް ކަމެއް އޮޅުވައިލުމުން ތިމާއަށް ކުރާނެ އަސަރަށެވެ. ވީމާ ތިމާވެސް އޮޅުވައިލުމުން އޭނާއަށްވެސް ހަމައެއަސަރުތައް ކުރާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ތެދުވެރިކަމާއިއެކު ކަންކަންކުރާ އަޅުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން