ބައެއް މީހުންނަކީ ގިނަގިނައިން ނިދިން ހޭލެވޭ މީހުންނެވެ. އިރުއިރުކޮޅުން ވެސް ހޭލެވޭ މީހުންނެވެ. މިކިޔައިދެނީ އެފަދަ މީހުންނަށް އޮތް ރަނުގެ ފުރުޞަތުގެ ވާހަކައެވެ. ހޭލެވޭއިރަށް އަވަހަށް ދުޢާކޮށްލަންވީއެވެ. ޢިޖާބަކޮށްދެއްވަވާނެ މަގު މިއޮތީއެވެ!
ޠަހާރަތުގެ މަތީގައި (ވުޟޫކޮށްގެން) ނިދައިފިނަމަ އެމީހަކާއިއެކުގައި މަލާއިކަތަކު ވާނެއެވެ. ހޭލެވޭ ކޮންމެ ފަހަރަކު މަލާއިކަތާ އެމީހަކަށްޓަކައި ދުޢާ ކުރައްވާނެތެވެ. "ޔާﷲ! އިނބަ އިލާހުގެ މިއަޅާގެ ފާފަ ފުސަވައި ދެއްވަވާނދޭވެ! ފަހެ އޭނާ ރޭކުރަނީ ޠަހާރަތުގެ މަތީގައެވެ."
އަދި ނިދީގެ ތެރެއިން ހޭލެވި އެފަދަ މީހަކު ކުރާ ދުޢާ ﷲ އިޖާބަކުރައްވަވާނެއެވެ.
(صحيح الترغيب والترهيب 597،598)
މިއިން އެނގިގެންދަނީ ވުޟޫކޮށްގެން ނިދުމުގެ މާތްކަމެވެ. ވުޟޫކުރުމަކީ ނުހަނު ފަސޭހައިން ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމެކެވެ. އެހައި ކުޑަކުޑަކަމަކުން މިހައި މަތިވެރިކަން ލިބެން އޮއްވައި ދޫކޮށްލަން ހެޔޮ ވެދާނެހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން