ތިމާ މަރުވުމަށްފަހުގައިވެސް ހުއްޓުމެއް ނެތި ދެމިގެންދާ ގޮތުގަ ޘަވާބު ހޯދެންއޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
ތިމާ މަރުވުމަށްފަހުގައިވެސް ހުއްޓުމެއް ނެތި ދެމިގެންދާ ގޮތުގަ ޘަވާބު ހޯދެންއޮތްކަމެއް!

އެންމެންނަކީ ޢިލްމީ ފޮތްތައް ލިޔެ، ސްކޫލް މަދުރަސާތައް އަޅައި ފެންވަޅުތަކާއި ފެންކޯރުތައް ހަދައިދީގެން ތިމާ މަރުވުމަށްފަހު ޘަވާބު ހޯދޭނެ ފެންވަރުގެ މީހުން ކަމުގައިނުވެދާނެއެވެ. ނަމަވެސް މިބުނަނީ ކޮންމެ މީހަކަށްވެސް އެމީހާ މަރުވުމަށްފަހު ޘަވާބު ހޯދަން ކުރެވިދާނެ ކަމެއްގެ ވާހަކައެވެ. 

އެހެނީ ގެއްލިގެންދާ ނުވަތަ ގެއްލިގެން ދިޔުމާ ކައިރިވެފައިވާ ސުންނަތެއް ދިރުވުމަކީ ވަރަށްވެސް ދަރުމަ ބޮޑު ކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ބަޔާންކޮށްދެއްވާފައެވެ. 

ޙަދީޘް ކުރެއްވިއެވެ. (من أحيا سنة من سنتي قد أميتت بعدي فإن له من الأجر مثل من عمل بها من غير أن ينقص من أجورهم شيئاً) 

މާނައަކީ: "ތިމަންކަލޭގެފާނަށް ފަހުގައި ތިމަންކަލޭގެފާނުގެ ސުންނަތްތަކުގެ ތެރެއިން މަރުވަމުން ދާ ސުންނަތެއް ދިރުވާ މީހަކަށް އެސުންނަތަކަށް ޢަމަލުކުރި މީހެއްގެ ދަރުމައިން އެންމެ ތަންކޮޅެއްވެސް އުނިނުވެ، އޭނާ އާއި އެއްވަރަށް ދަރުމަ ލިބޭނެއެވެ." 

މިއީ މިއަދު އަޅުގަނޑުމެން އެންމެން ވެސް ވިސްނައި ޢަމަލުކުރަންވީ ޙަދީޘްފުޅެކެވެ. އެއިރުން މި ޙަދީޘްފުޅުގައިވާ ފަދައިން އެމީހަކަށް ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ! އިން ޝާ ﷲ 

އެގޮތުން ކުރެވިދާނެ އެއްކަމަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް އިޙްޔާކުރުމެވެ. އެއީ ކުރިން މިބުނިފަދައިން ދެމިގެންދާނެ ޘަވާބު ދެއްވަވާނެ ޢަމަލެކެވެ. 

ހިތާމަ އާއިއެކުވެސް ބުނަން ޖެހެނީ ޛުލްޙައްޖާ މަހުގެ ފުރަތަމަ 10 ދުވަހުގެ މަތިވެރިކަން ގިނަ އަދަދެއްގެ މުސްލިމުން މިއަދު ހަނދާންނެތިފައިވާކަމަށެވެ. އެދުވަސްތައް އިޙްޔާކުރުމުގައި ފަރުވާކުޑަކުރެވިފައިވާ ކަމެވެ. 

އަހަރެމެން އެންމެންވެސް ރަމަޟާން މަހަށް ތައްޔާރުވަމުއެވެ. ނަމަވެސް ޛުލްޙައްޖާ މަހުގެ 10 ދުވަހަކަށް ތައްޔާރެއް ނުވަމުއެވެ. ބަދަލުގައި ތައްޔާރުވަނީ އަޟްޙާ ޢީދަށެވެ. އެއީ 10 ވަނަ ދުވަހެވެ. ކުރިއަށް އޮތް 9 ދުވަސް ނައިސް 10 ވަނަ ދުވަސް އަންނަނީ ކިހިނަކުންހެއްޔެވެ؟ 

ކިޔަމަންތެރިކަން އަދާކުރުމަށް އެންމެ އެދެވިގެންވާ ދުވަސްތަކުގެ ތެރޭގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ހިމެނިގެންވެއެވެ. މާތް ﷲ އެދުވަސްތައްވަނީ އެހެން ދުވަސްތަކަށްވުރެ މަތިވެރި ކުރައްވާ މާތް ކުރައްވާފައެވެ.  فعن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މިދިހަ ދުވަހަށްވުރެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް)، ހެޔޮ ޢަމަލުކުރުން މާތް ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ". ޞަޙާބީން ސުވާލު ދެންނެވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުންވެސްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުންވެސް މެއެވެ. ނަމަވެސް އެމީހެއްގެ ނަފްސާއި މުދާހިފައިގެން ނިކުމެ އެނބުރި ނާދެވުނު މީހާ މެނުވީއެވެ". 

ވިސްނާށެވެ! އެންމެ މުހިންމު 10 ރެއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކެވެ. އެންމެ ލޮބުވެތިކަން ބޮޑު ދުވަސްތަކަކީ ޛުލްޙައްޖާ މަހުގެ ފުރަތަމަ 10 ދުވަހެވެ. އަހަރެމެން އިހްމާލްވެ ދޫކޮށްލައިގެން މިއުޅެނީ މިފަދަ މަތިވެރި ދުވަސްތަކެކެވެ! 

ވީމާ މިމަތިވެރި ސުންނަތް ދިރުވައި އާލާކުރުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! އެފުރުޞަތު މިއަހަރު މިހާރު މިވަނީ ގެއްލިފައެވެ. މިވާހަކަ ދައްކައިލުމުގެ ބޭނުމަކީ އަންނަ އަހަރަށްވެސް މިކަމަށް ތައްޔާރުވުމެވެ. އެކަމުން ކުރާނެ ފައިދާ ބަޔާންކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން