ކޮންމެ މީހަކުނަމަވެސް އިޚްލާޞްތެރިކަމާއެކު ދުޢާކުރުމުން އެމީހާގެ ފާފަ ފުއްސަވައިދެއްވަވާނެކަން ޔަޤީން ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ކޮންމެ މީހަކުނަމަވެސް އިޚްލާޞްތެރިކަމާއެކު ދުޢާކުރުމުން އެމީހާގެ ފާފަ ފުއްސަވައިދެއްވަވާނެކަން ޔަޤީން ދުޢާ!: މުފްތީ މެންކް

ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ވަރަށް މުހިންމު ދުވަހެކެވެ. އެހެނީ މަރުވާނީ މިއަދުނޫންކަންވެސް ނުއެނގޭތީއެވެ. ވީމާ ވަކިދުވަހެއް ނެތި ކޮންމެ ދުވަހަކީވެސް އެންމެ ގިނައިން އަޅުކަންކޮށް ދުޢާކުރަންވީ ދުވަހެކެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަންވީ ދުވަހެކެވެ. މަރަށް ތައްޔާރުވުމަކީ އެއީއެވެ.   

ދުޢާކުރަން ބަލާއިރު ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެ ދުޢާއެއް ކުރުމުން އެމީހަކު އެދޭކަންތައް ޙާޞިލުވާނެ ކަމުގެ ޔަޤީންކަން އެންމެ ބޮޑު ދުޢާއެއް ކުރުމަށެވެ. ދުޢާތައް ހޯދައި ދަސްކުރަނީ އެހެންވެގެންނެވެ!  

ފާފަ ފުއްސަވައި ދެއްވެވުން އެދި ކުރަން އެންމެ ފުރިހަމަ، އެންމެ ޔަޤީންކަން ބޮޑު ދުޢާއަކީ ﷲ ތަޢާލާ އާދަމްގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެވެ. އެހެނީ އާދަމްގެފާނު އެދުޢާ ކުރެއްވެވީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވުމުން ކަމުގައިވާތީއެވެ!

އެއިރު އާދަމްގެފާނު ހުންނެވީ އުޑުގައެވެ. ސުވަރުގޭގައެވެ. ވީމާ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ އާދަމްގެފާނަށް އުނގެނިވަޑައިގެންފައެއް ނުވެއެވެ.  

އާދަމްގެފާނު ކުރެއްވެވި ދުޢާއަކީ: 

رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ 

" އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސް ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް: 23)  

ނިކަންވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ކުރެއްވެވުނު ފާފައިގެ ބޮޑުކަމަށެވެ! އެގަހުން ފަރިއްނުކުޅުއްވަވަން އާދަމްގެފާނަށް އަމުރުފުޅު ކުރެއްވެވީ ސީދާ ﷲ ތަޢާލާއެވެ. އެއްވެސް މަލާއިކަތަކު މެދުވެރިކުރައްވަވައެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް މި ދުޢާކުރެއްވެވުމުން ﷲ ތަޢާލާ އާދަމްގެފާނު ކުރެއްވެވި ފާފަ ވަގުތުން ފުއްސަވައިދެއްވެވީއެވެ.  

ވީމާ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް އަދި ކިތަންމެ ބޮޑު ފާފަތަކެއް ކުރެވިފައިވީނަމަވެސް މި ދުޢާކުރާށެވެ! ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ! ނަމަވެސް ދުޢާކުރަންވާނީ އާދަމްގެފާނު ފަދައިން އިޚްލާޞްތެރިކަމާއިއެކުގައެވެ. ޝަރުޠަކީ އިޚްލާޞްތެރިކަމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން