ކޮންމެ މީހަކުވެސް އެމީހަކު ކުރާ އަޅުކަން ޙިމާޔަތްކޮށް އެކަމުގެ ފައިދާ ލިބިގަންނަން ބޭނުން ނަމަ މީހުންނަށް ނުބައި ބަސްތައް ބުނުމުން ދުރުހެލިވާން ޖެހެއެވެ. އެހެން މީހުންގެ ފަރުދީ ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހެއެވެ. އެންމެ ގިނައިން ކުރެވޭ އެއްފާފަކަމުގައި ވެފައި އޮންނަނީ އަނެކާގެ ކުރިމަތީގައި ދައްކަން ނުކުރޭނެ ވާހަކަ އެމީހަކު ނެތްތަނުގައި ދެއްކުމަކީ އެންމެ ބޮޑު އެއް ފާފައެވެ! ނެތިމޮށުމަކީ އެއްވެސް ޙާލެއްގައިކޮށްގެންވާނެ ކަމެއް ނޫނެވެ.
މިހާރަކަށް އައިސް ނެތިމޮށޭމީހުން ގިނަވެ އެ ބޮޑުފާފައަށް ގިނަ ބައަކު އަރައިގަންނަނީ އެއީ ފާފައެއް ކަމަށްވެސް ނުދެކެތިބެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން ލިބެންހުރި ބޮޑު ގެއްލުން ނިކަން ދެކިބަލާށެވެ!
މިދައްކަނީ މީހުންނަށް ނުބައި ބަސްތައް ބުނެ ދޮގު އިލްޒާމް އަޅުވައި މީހުން ބަދުނާމުކުރާ މީހުންގެ ވާހަކައެވެ. އެހެން މީހުންގެ ފަރުދީ ވާހަކަތައް ދައްކައި ފަޟީޙަތްކުރަމުން ހިނގާ މީހުންގެ ވާހަކައެވެ.
މީހުންނަށް ނުބައި ބަސްތައް ބުނުމުން ދޫ ސަލާމަތްކުރާށެވެ! މީހުންނަށް ނުބައި ބަސް ބުނުމަކީ އެމީހާކުރާ ހެޔޮމަލުތައް ގެއްލިގެންދާ ކަމެކެވެ. އަދި ކުރާ އަޅުކަމުގެ ދަރަޖަވެސް ކުޑަވެގެންދާ ކަމެކެވެ. އަދި ﷲ ތަޢާލާގެ ޙިމާޔަތްތެރިކަންވެސް ގެއްލިގެންދާ ކަމެކެވެ.
އެއީ ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނެ ބޮޑުފާފައެއް ކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.
--މުފްތީ މެންކްގެ ދަރުސަކުން