ވިސްނާށެވެ! ކިތަންމެ އަގުބޮޑު އެނދާ ގޮދަޑީގަ ނިދިޔަސް މަރުވުމުން އޮންނަން ޖެހޭނެ ތަންމައްޗަކީ ވެލިގަނޑެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ވިސްނާށެވެ! ކިތަންމެ އަގުބޮޑު އެނދާ ގޮދަޑީގަ ނިދިޔަސް މަރުވުމުން އޮންނަން ޖެހޭނެ ތަންމައްޗަކީ ވެލިގަނޑެވެ!

ބައެއް މީހުން ނިދައިލާނެ އަރާމު އެނދާއި ގޮދަޑިއާއި އެފަދަ ތަކެތި ހޯދަން އެތައް ހާސް ރުފިޔާއެއް އެބަ ޚަރަދުކުރެއެވެ. ފަޤީރަކަށް އެންމެ ރުފިޔާއެއް ޞަދަޤާތްކޮށްލުން އެއީ ވަރަށް ބުރަކަމެއް ކަމަށް ދެކެމުން ދުނިޔޭގައި އަރާމުގައި ނިދާނެ އެނދާއި ގޮދަޑިއާއި އެނޫންވެސް  ތަކެތި ގަންނަން އެތައް ހާސް ރުފިޔާއެއް އެބަ ޚަރަދުކުރެއެވެ.   

ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ކިތަންމެ އަގު ބޮޑު އެނދެއް ހޯދައިގެން ކިތަންމެ އަރާމު ތަންމައްޗެއްގައި ނިދިނަމަވެސް ނިދޭނީ މަރުވަންދެންނެވެ. މީހެއްގެ ޢުމުރުން 100 އަހަރު ހަމަވަނީ މަދު މީހެއްގެއެވެ. އެވްރެޖް ޢުމުރަކީ 60 އަހަރާއި 70 އަހަރުކަމަށް ބެލެވެއެވެ.  

އެހިސާބުން މިޖެހެނީ މަރުވާށެވެ. މަރުވުމުން ރުހުނަސް ނުރުހުނަސް ޖެހޭނީ ހަމަ ވަޅުލެވޭށެވެ! ތިބާ އެތަންމައްޗެއްގައި އެންމެ ގިނަ ދުވަހު އޮންނާނެ ތަންމައްޗަކީ ބިމުގައި ހުރިވެއްޔެވެ! ފަސްގަނޑެވެ! ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވި ނަމަވެސް ޙަޤީޤަތަކީ މިއީއެވެ.  

ވީމާ އެތަންމައްޗަކީ އަރާމު ތަންމައްޗަކަށް ހަދަން މަސައްކަތްކުރާށެވެ! މާނައަކީ މަރުވެ ވަޅުލެވުމުން އޮންނަން ޖެހޭ ތަންމައްޗަކީ އަރާމު ތަންމައްޗަކަށް ހަދާށެވެ! އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ތަންމަތި އަރާމުކަމުން ފަތިސް ނަމާދަށް ނުހޭލެވޭނަމަ އެތަންމައްޗަކީ އަރާމު ތަންމައްޗެއްކަމަށް ނުދެކޭށެވެ! އެއީ ތިބާގެ ހަލާކުކަމަށް ދެކޭށެވެ!  

ރަސޫލް () އަވަހާރަފުޅު ލެއްޕެވީ ބުރަކަށިފުޅުދަށުގައި އޮތް ކުނާފުޅުގެ ފާހަގަތައް ބުރަކަށިފުޅުން ފެންނަ ފަދަ ޙާލުކޮޅުގައެވެ. އެއަށްވުރެ އަރާމު ތަންމައްޗެއް ހަދިޔާކުރައްވަން ޞަޙާބީއަކު އުޅުއްވެވުމުން އެކަންވެސް ރަސޫލް () ވަނީ ޤަބޫލުފުޅު ނުކުރައްވަވައިފައެވެ. އެއްސަބަބަކީ ތަންމަތި އަރާމުވުމުން ނަމާދަށް ހޭފުޅުނުލެއްވެވިދާނެ ކަމެވެ.  

އެކަމުން އެނގިގެންދަނީ މުހިންމީ ނިދާނެ އަރާމުތަންމައްޗެއް ނޫން ކަމެވެ. ނިދީން ހޭލައި ދަމުނަމާދުކުރުމާއި ފަތިސް ނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުން ކަމެވެ! ނިދާނެ ތަންމަތި ހޯދާއިރު މިކަންކަމަށް ވިސްނައިގެން ކަންކަން ކުރާށެވެ! އެތައް ހާސް ރިޔާލައަކަށް ގަންނަ އަރާމު ތަންމައްޗަކަށްވުރެ ޞަދަޤާތްކުރާ އެންމެ ރިޔާލައަކުން ލިބޭނެ ފައިދާ އެތައް ގުނައެއް ބޮޑުވެދާނެއެވެ!  

މީގެ މާނައަކީ ތަނަވަސްކަން ހުރިނަމަ އަރާމު ތަންމައްޗެއްގައި ނުނިދުމެއް ނޫނެވެ. އަރާމު ތަންމައްޗެއް ހޯދުމަށްވުރެ ކައްވަޅާއި ޤިޔާމަތް ދުވަހުގެ އަރާމު ލިބިގަންނަން މަސައްކަތްކުރުމުގެ މުހިންމުކަމާއި އެކަމުން ކުރާނެ ފައިދާ މާބޮޑުކަން ބަޔާންކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން