ޤިޔާމަތް ދުވަސް އޮތީ ހާދަ ގާތުގައިކަން އެނގޭއިރު ތިބާއަށް ތައްޔާރުވެވުނީ ކިހާވަރަކަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤިޔާމަތް ދުވަސް އޮތީ ހާދަ ގާތުގައިކަން އެނގޭއިރު ތިބާއަށް ތައްޔާރުވެވުނީ ކިހާވަރަކަށް ހެއްޔެވެ؟

ޤިޔާމަތް ދުވަސް އޮތީ ދާދިގާތުގައިކަން ހުރިހާ މުސްލިމުންނަށްވެސް ޤަބޫލުކުރެވޭނެއެވެ. ޤިޔާމަތް ދުވަހަކީ ތިމާއަށް ކާމިޔާބު ދުވަހަކަށްވުމަށް އުންމީދުވެސް ކުރާނެއެވެ. އެހެނަސް އެއީ ހަމައެކަނި އުންމީދުކުރުމަކުން ކާމިޔާބު ކުރެވޭނެ ދުވަހެއް ނޫނެވެ. 

ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީހުންނަށެވެ! ފަތިހު ނިދީން ހޭލެވިއްޖެ ނަމަ އެދުވަހުގެ އިރުއޮއްސެންދެން ދުނިޔޭގައި ނުހުރެދާނެ ކަމަށާއި އިރުއޮއްސިއްޖެނަމަ އިރުއަރަންދެން ދުނިޔޭގައި ނުހުރެދާނެކަމަށް ޤަބޫލުކުރަން އޮންނަނީ މި ސަބަބަށްޓަކައެވެ! 

ﷲ ގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ." (އަލްމަޢްރިޖް: 6) 

މިއީ ޤިޔާމަތްދުވަހާއިމެދު ޣާފިލުވެގެން ތިބި މީހުން ދެކޭ ގޮތެވެ. ނަމަވެސް އެދުވަހާއިމެދު ޣާފިލުނުވާ މީހުން އެދުވަހާއިމެދު ދެކެނީ އެދުވަހަކީ އެދުވަހަކީ ދާދިގާތުގައި އޮތް ދުވަހެއްގެ ގޮތުގައެވެ. އެހެނީ މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތްވެފައެވެ. އެހިސާބުން އެމީހަކަށް ޤިޔާމަތް ދުވަސް އެވަނީ ފެށިފައެވެ. މަރުވެ ވަޅުލެވުމާއިއެކު ފެށިގެންދާ ބަރުޒަޚްގެ ޢާލަމްގެ ދުވަސްތަކަކީ ފުރަތަމަ މަރުހަލާއެވެ. 

ދުނިޔޭގެ ޙަޔާތަކީ އިންސާނާއަށް ބާރުތަކަކާއި އިޚްތިޔާރުތަކެއް ﷲ ތަޢާލާ ދެއްވަވާފައިވާ ދުވަސްތަކެކެވެ. އެބާރުތައް އަނބުރައި ގެންދަވަންދެންނެވެ. މިސާލަކަށް ބުނާނަމަ ޕެރެލައިޒްވުން، ކޯމާއަކަށް ދާން ޖެހުން ނުވަތަ ނުކުޅެދުންތެރި ޙާލަތެއް ކުރިމަތިވުން ފަދަ ހިތާމަވެރި ގޮތެއް މެދުވެރިވަންދެން އެމީހަކަށް އެމީހަކު ބޭނުން ގޮތަކަށް ބައެއް ކަންކަން ކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. 

ކިތަންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކު ނަމަވެސް އެމީހަކަށް މަރުގެ މަލާއިކަތާ ފެންނަ ހިސާބުން ފެށިގެން އެމީހާގެ ހުރިހާ ބާރުތަކެއް އެމީހާއަށް ގެއްލިގެންދެއެވެ. ވީމާ އެވަގުތުން ފެށިގެން އެމީހަކަށް އެވަނީ ޤިޔާމަތް ދުވަސް ފެށިފައެވެ. 

- ސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން