އިންސާނުންގެ ފުރާނައަކީ އެއްވެސް އަގެއް ނެތް އެއްޗަކަށްވެ އެއްވެސް ކުށެއް ނެތި މީހުން މަރައި ޤަތުލްޢާންމުތައް ހިންގަމުން ގެންދާނެ ކަމާއި އެއީ ފަހުޒަމާނުގެ ޢަލާމާތެއްކަން އޮތީ އެނގޭށެވެ! އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ މިފަދަ ކަންކަމަށް ވިސްނައި އަމިއްލަ ނަފްސް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އެބާވަތުގެ ނުބައި ކަންކަމުން އަމިއްލަ ނަފްސް ސަލާމަތްކުރަން މަސައްކަތްކުރުމެވެ.
ދުނިޔެއަސް އެއިރު މަޝްހޫރުވެގެންދިއަ ކުޑަކުޑަ ޙާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. މިއީ ސޯމާލިއާގެ މަންމައެއްގެ ވާހަކަތަކެވެ. މިއީ މުސްލިމް އެތައް ޤައުމެއްގެ މިއަދުގެ ޙާލަތެވެ! ކޮންމެ ދުވަހަކީ މިފަދަ އެތައް ޙާދިސާތަކެއް ހިނގަމުންދާ ދުވަހެކެވެ. އެތައް ބައަކު މަރުވަމުންދާ ދުވަހެކެވެ. އެތައް ބައަކު ގެއްލި، ވިއްސި ވިހާލވަމުންދާ ދުވަހެކެވެ!
"ޓެރަރިސްޓުން ހަމަލާދޭން ފެށުމުން ސަލާމަތްވުމަށް ގެއިން ނުކުތީ 6 ދަރިން ގޮވައިގެންނެވެ. އެއިރުވެސް ވަށައިގެން ހަމަލާތައް އާދެއެވެ. ދެދަރިންނަކީ ދުވެވޭވަރުގެ ދަރިންނެއް ނޫނެވެ. އަނެއްބައި ބަރިން ގެންގުޅެން ޖެހުނީ އަތުގައި ހިފައިގެންނެވެ.
ފަސް އެނބުރި ބަލައިލާނެ ފުރުޞަތެއް ނުލިބެއެވެ. އެޙާލުގައި ދުވަމުން ދަނިކޮށް ހޭނެތިގެން ވެއްޓުނީއެވެ. ހޭއަރައިގެން ވިސްނައިލެވުނު ބަޑިޖަހާ އަޑެއް ނުއިވެއެވެ. ކައިރީގައި ތިބީ އުރައިގެން ގެންގުޅުނު ދެކުދިންނެވެ. ހޯދަހޯދައިވެސް އަނެއް 4 ކުދިންނެއް ނުފެނުނެވެ. އެމީހުން އަތުލައިގަނެގެން ގެންދިއައީ ނޫންކަމެއްވެސް ނުއެނގެއެވެ. ނޫނީ ފިލަން ދުވަމުން ގޮސް ބައަކާއިއެކު ދެވުނީ ނޫން ކަމެއް ވެސް ނުއެނގެއެވެ. މިހާރު 6 މަސް ފާއިތުވީއެވެ. އަދި އެއިން ކުއްޖެއްގެ އެއްވެސް ކަބަރެއް ނުވެއެވެ!"
މިއީ މީގެ ދެއަހަރުކުރީގެ ޙާދިސާއެކެވެ. ހަމަ މިއަދުވެސް ހިނގަމުންދާ ކަންކަމެވެ. އެއް ބައަކު ފައުޅުގައި ހަނގުރާމަތައްކޮށް ގިނަބައަކު މަރަމުން ގެންދަނީއެވެ. އަނެއްބައަކު ރޭގަނޑު މީހުން ނިދުމުން ފަޤީރުންގެ އަވަށްތަކަށް އަރައިގަނެ ޤަތުލު ޢާންމުތައް ހިންގައި އެތައް ބައަކު މަރަމުން ގެންދަނީއެވެ.
ހަތިޔާރު ނުގެންގުޅޭ މީހަކު ނެތެވެ. ކުޑަކުދިންވެސް ގެންގުޅެނީއެވެ. ކުޑަކުދިން ހަތިޔާރު ހިފައިގެންގޮސް ސްކޫލްތަކުގައި ކުޑަކުދިންތަކަށް ޙަމަލާދީ މަރަމުން ގެންދަނީއެވެ. މީހުން މެރުން މިވަނީ މިހައި ޢާންމުކަމަކަށްވެފައެވެ. އެއްވެސް ބިރެއްނެތި ކުރާ ކަމަކަށްވެފައެވެ.
މިކަންކަމުން އެނގިގެންމިދަނީ ދުނިޔެ ނިމެން ދާދިގާތްވެއްޖެކަމެވެ. ޤިޔާމަތްވުން ދާދިގާތްވެއްޖެކަމެވެ. އަހަރެމެން އެންމެން އެކަމަށް މަސައްކަތްކުރިނަމަވެސް ދުނިޔެ ނިމުމެއް ނުހުއްޓުވޭނެއެވެ. ނަމަވެސް ބިރުވެތިވެ ތިމާއަކީ ހެޔޮލަފާ މީހަކަށްވެވިދާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އަޅެއްގެ ގޮތުގައި މަރުވާން މަސައްކަތްކުރެވިދާނެއެވެ.
މިހުރިހާ ވާހަކަތަކެއް ދެއްކުމުގެ ބޭނުން ދެންމެ މިބުނީއެވެ. އީމާންކަން ވަރުގަދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮލަފާ އަޅެއްގެ ގޮތުގައި މަރުވާން ގަދައަޅައި މަސައްކަތްކުރާށެވެ. އާޚިރަތް ދުވަހަށް ބިރުވެތިވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން