"ޔާ ﷲ! އަތްމަތިދަތިކަމާއި ހިތާމައާއި ހިތްދަތިކަމުގައި މިއަލާ އާއި މިއަޅާގެ ޢާއިލާ ދިރިއުޅެމުންދާތާ އެތައް ދުވަހެއްވީއެވެ. އަދިވެސް އަޅަމެން މިތިބީ ހަމަ އެޙާލަތުގައެވެ. އަޅަމެންނަށް ކުރިމަތިވެފައިވާ ކަންކަމުގެ ސަބަބުން އަޅަމެންނަށް ލިބިފައިވާ ނިކަމެތިކަމާއި ދަތިތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ!
ޔާ ﷲ! އަޅަމެންނަށާއި ދަތިޙާލުގައިވާ އެންމެންނަށް އަވަސް ޙައްލެއް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! ބަލިޙާލުގައިވާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! ބަލި ނުވެ ތިބި އެންމެންނަށް ބަލިތަކުން ރައްކައުތެރިކަން މިންވަރުކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! އަޅަމެންނަށް ވަނީ މަގުން ކައްސައިލެވިފައެވެ. ފާފަތައް ކުރެވިފައެވެ. އަޅަމެންނަށް ޢަފޫކުރައްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އިނބަ ﷲ އަށް ވަކީލްކުރާ އަޅުންގެ ތެރެއިން އަޅަމެން ލައްވަވައި ދެއްވަވާނދޭވެ!" އާމީން
ޤުރްއާނާއި ސުންނަތުން ފެންނަންހުރި ދުޢާތަކުގެ އިތުރުން އެމީހެއްގެ ކިބައި ކުޅަދާނަކަންހުރިމިންވަރަކުން ރިވެތި ޢިބާރާތްތައް ބޭނުންކޮށްގެން އަމިއްލައަށްވެސް ދުޢާކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ދުޢާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އަދި ދުޢާކުރުން ވެސް ލައްވަވާފައިވަނީ ހަމަ އަޅުކަމެއްގެ ގޮތުގައެވެ. ވީމާ ދުޢާކުރުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން