ވަކިދުވަހަކު ނުވަތަ އެކުވެރިންނާ އެއްދުވަހަކު ބުރުގާއަޅަން ތިއަމަޑުކުރަނީ ޖަމާޢަތްތެރިން ތިބާގެ މޫނު ނިވާކުރުވާނީ ކޮންވަޤުތަކުކަން އެނގޭތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ވަކިދުވަހަކު ނުވަތަ އެކުވެރިންނާ އެއްދުވަހަކު ބުރުގާއަޅަން ތިއަމަޑުކުރަނީ ޖަމާޢަތްތެރިން ތިބާގެ މޫނު ނިވާކުރުވާނީ ކޮންވަޤުތަކުކަން އެނގޭތީ ހެއްޔެވެ؟

ބައެއް މީހުން ތައުބާނުވެ ފާފަތައް ކުރަމުން ގެންދެއެވެ. ބައެއް މީހުން ތައުބާވާން މަޑުކުރަނީ އަންނަ އަހަރު ޙައްޖަށްފުރަންވުމުންނެވެ. އެގޮތަށް ވިސްނައިގެން ތިއްބާ ޙައްޖަށް ނުދެވި މަރުވަނީ ކިތައް މީހުންހެއްޔެވެ؟ 

އަޢުރަ ނިވާކުރުމުގައިވެސް ހަމަ އެމައްސަލަ އެބަ ދިމާވެއެވެ. ސްކާފް އަޅައި ނިވާވާން ބޭނުންވެއެވެ. ނަމަވެސް ރޯދަމަހަށް ނުވަތަ ޢަރަފާތު ދުވަހަށް ނުވަތަ އެކުވެރިންގެ ތެރެއިން ބައަކު އެކަންކުރާ ދުވަހަށް މަޑުކުރަނީއެވެ. އެހެން ހުއްޓައި މަރުވަނީއެވެ. މަރުވުމުން ވަޅުލާނީ ކަފުންކޮށް މޫނު ނިވާކުރުވާފައެވެ. 

ވިސްނާލަންޖެހޭ ކަމަކީ ތިމާ ﷲ އަށް ކިޔަމަންތެރިވެ ﷲ އަންގަވާފައިވާ އެންގެވުމަށް ޢަމަލުކޮށް އަޢުރަ ނިވާނުކޮށް ހުއްޓައި ޖަމާޢަތްތެރިން ތިބާގެ އަޢުރަ ނިވާކުރުވުމަކުން ތިބާ އަމިއްލައަށް އެކަންކުރިކަމަށް ނުވާނެކަމެވެ. ތިބާގެ ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުލިގެންދާނީ ނުކިޔަމަންތެރިއެއްގެ ގޮތުގައި ކަމެވެ. އެއިރުން ދެން ކަންތައްތައް މެދުވެރިވާނެ ގޮތާއިމެދު ވިސްނައިލާށެވެ. 

މިވާހަކަ ބުނަލަން މިޖެހެނީ "ސްކާފް އަޅަން ފަށަން އެންމެ ރަނގަޅު ދުވަހަކީ ކޮބައިތޯ؟" ފަދަ ސުވާލުތައް ބައެއް އަންހެނުންކުރާތީއެވެ. އަހަރެންގެ ޖަވާބަކީ އެންމެ ދުވަހެއްވެސް ލަސްނުކޮށް މިއަދު ކަމަށެވެ. އެއީ ކުރިން މިބުނި ފަދައިން މަރުވާނެ ދުވަސް ނުއެނގޭތީއެވެ. 

ހަމައެއާއިއެކު ވިސްނައިލާށެވެ. އިޚްލާޞްތެރިކަމާއިއެކު އަޅުކަމެއް ކުރަން ފަށައިފިނަމަ އެމީހާގެ ހިތަށް ބަދަލުތަކެއް އަންނަންފަށާނެއެވެ. އިތުރު އަޅުކަންކުރަން ޝައުޤުވެރިވެވެން ފަށާނެއެވެ. ދާދި އަވަހަށް އެތައް ބައިވަރު ހެޔޮ ޢަމަލުތައް ކުރަންފެށޭނެއެވެ. އެކަންކަމުގައި ސާބިތުވުމުގެ ހިތްވަރުވެސް ލިބޭނެއެވެ. ވީމާ އެއްވެސް ހެޔޮކަމެއް ކުރަން ވަކިދުވަހަކު ފަށަން މަޑުނުކުރާށެވެ! އެކަންކުރުމުގެ ވިސްނުން ތިމާއަށް ލިބޭވަގުތަކީ އެކަމެއްކުރަން ފަށަން އެންމެ ރަނގަޅު ވަޤުތު ކަމަށް ޤަބޫލުކުރާށެވެ. އެއިރުން އެމީހާގެ ދަރަޖަ އުފުލިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން