މައިންބަފައިން ދަރިންނަށް، ދަރިން މައިންބަފައިންނަށް ތެދުމަގު ދެއްކެވުން އެދި ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މައިންބަފައިން ދަރިންނަށް، ދަރިން މައިންބަފައިންނަށް ތެދުމަގު ދެއްކެވުން އެދި ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވަނީ ކީއްވެ؟

އަހަރެމެންގެ ތެރެއިން އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުންގެ ދަރިންނަށް ތެދުމަގު ދެއްކެވުން އެދި ތަކުރާރުކޮށް ދުޢާކުރަމުންގެންދާއިރުވެސް ދަރިން އިޞްލާޙްނުވާކަމެވެ. ﷲ ގެ މަގަށް ދަރިން ރުޖޫޢަނުވާކަމެވެ. 

މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. މައިންބަފައިންނަށް ވަރަށް އަސަރުކުރާނެ މައްސަލައެކެވެ. އެހެނީ ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހުންގެ ދަރިންނަކީ ހެޔޮލަފާ ޞާލިޙް ދަރިންކަމުގައިވުމެވެ. 

ލޮބުވެތި ބެލެނިވެރިންނޭވެ! ކަންބޮޑުނުވާށެވެ! ރަސޫލާ ގެ ސިޔަރަތަށް ބަލާށެވެ! ޢާއިލާގެ ބޭފުޅުން އިސްލާމްވެވަޑައިގަތުމަށް އެދިވަޑައިގެން ދުޢާ ނުކުރައްވަވަނީތޯއެވެ؟ ނޫނެކެވެ. ދުޢާކުރެއްވެވިއެވެ. ނަމަވެސް އިސްލާމްވެވަޑައިގަތީ ބައެއް ބޭފުޅުންނެވެ. 

މިމައްސަލަ އޮތީ ހަމައެކަނި މައިންބަފައިންނަކަށް ނޫނެވެ. ދަރިންނަށްވެސް މިމައްސަލަ އެބައޮތެވެ. ބައެއް މައިންބަފައިން ފައިސާ ހޯދަނީ ޙަރާމްގޮތްގޮތުންނެވެ. ޙަރާމް ވިޔަފާރިކޮށްގެންނެވެ. އަނބިދަރިންނަށް ޚަރަދުކުރަނީ ޙަރާމް ގޮތުގައި ހޯދާ ފައިސާއެވެ. ޙަރާމްތަކެތި ކައިބޮއި ހަދައެވެ. ޙަރާމް ކަންކަން ކުރެއެވެ. 

އެފަދަ ބެލެނިވެރިންނަށްޓަކައި އެމީހުންގެ ދަރިން ހެޔޮދުޢާކުރެއެވެ. ނަމަވެސް ހުރިހާ މައިންބަފައިން އިޞްލާޙެއް ނުވެއެވެ. އެއްބައަކު އިޞްލާޙްވެއެވެ. އަނެއްބައަކު އިޞްލާޙް ނުވަނީއެވެ. އެކަން އެހެން އެގޮތަށް މެދުވެރިވާ އެއް ސަބަބަކީ އިޞްލާޙްވާން އެމީހަކު މަސައްކަތްނުކުރާތީއެވެ. ތެދުމަގު ހޯދޭނީ ހޯދަން އެމީހަކު މަސައްކަތްކުރުމުންނެވެ. 

ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުންކޮށްގެން ﷲ ތަޢާލާއަށް އުރެދި އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅެމުންދާނަމަ އެމީހާއަށްޓަކައި އެހެންމީހުން ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމުގައި ހުރަސްތަކެއް ހުރެދާނެކަން ޤަބޫލުކުރަމާ ހިނގާށެވެ. 

އެހެން މީހުންނަށްވެސް ތެދުމަގު ދެއްކެވުންއެދި ދުޢާކުރާށެވެ. ދުޢާކުރުމާއިއެކުގައިވެސް އެމީހަކަށް ވިސްނައިދީގެން ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވޭތޯ މަސައްކަތްކުރާށެވެ. އެންމެ މުހިންމީ އެމީހަކު ހެޔޮމަގުންވިސްނައި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން