ދުލުން ދުޢާކުރިޔަސް ހިތުން ދުޢާކުރަންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދުލުން ދުޢާކުރިޔަސް ހިތުން ދުޢާކުރަންޖެހޭ ސަބަބު-

އަހަރެމެން ދުޢާކުރަނީ ދުލުންނެވެ! ﷲ ގެ ޙަޟްރަތުގައި ކަންކަމަށް އެދި ދަންނަވަނީ ދުލުންނެވެ.  

ހިތްދަތިކަމެއް ނަމަވެސް އެހެންކަމެއް ނަމަވެސް ދުޢާކުރަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ވަގުތު ﷲ އަށް ދުޢާކުރަން ދޫ ޙަރަކާތް ކުރުވަން އުނދަގޫވެދާނެއެވެ! ގިސްލައި ރޮވޭވަރުންވެސް އެކަން މެދުވެރިވެދާނެއެވެ!  

އެ ޙާލަތުގައި ދޫ މަޑުން ބާއްވާފައި އިޚްލާޞްތެރިކަމާއިއެކު ހިތުން ދުޢާކުރާށެވެ! ދުލުން ދުޢާކުރި ނަމަވެސް ﷲ ބައްލަވައިވޮޑިގެންވަނީ ތިބާގެ ހިތަށް ކަމުގައިވާތީއެވެ.  

މިކަން ފާހަގަކުރަން މިޖެހެނީ ގިނަބައަކު ދުލުން ދުޢާކޮށް ޛިކުރްތައްކިޔައިހަދާއިރުވެސް ހިތުގައި އޮންނަނީ ތަފާތު އެހެން ކަންތައްތަކެކެވެ. ދުލާއި ހިތް ދިމައެއް ނުވެއެވެ. އެއިރުން ތިބާ އެދަނީ ބޮޑުތަނުން ފޭލްވެގެންނެވެ.  

ދުޢާކުރާއިރުވެސް ނަމާދުކުރާއިރުވެސް ހިތާއި ދޫ ދިމާނުވާނަމަ އެކަން ފުރިހަމައެއް ނުވާނެއެވެ. އެއީ އިކްލާޞްތެރިކަމާއިއެކު ކުރެވުނު ކަމަކަށްނުވާނެއެވެ. ނަމާދުކުރާއިރު ޚުޝޫޢަތްތެރިވާން ޖެހެނީ އެހެންވެގެންނެވެ. ޚުޝޫޢަތްތެރިވެވޭނީ ދުލުންކިޔާ އެއްޗަކާއި ހިތާއި ދިމާކުރެވުނުވަރަކުންނެވެ. ސީދާކުރެވުނުވަރަކުންނެވެ.  

ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް ހިތާއި ދޫ ސީދާކުރަން މަސައްކަތްކުރާށެވެ. ހިތާއިދޫ ސީދާކުރުމަކީ ކޮބައިކަން އަދިވެސް ބުނެލާނަމެވެ. އެއީ ދުލުން ކިޔާ އެއްޗެއް ހިތްމައްޗަށް ގެނައުމެވެ. މާނަ ނުއެނގޭ ޢަރަބި ބަސްތަކެއް ކިޔާނަމަ އެކިޔާ ލަފްޒްތައް ނަމަވެސް ހިތްމައްޗަށް ގެންނަންވާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން