ކޮންމެ ސަބަބެއް އޮވެގެން ނަމަވެސް އެއްވެސް މީހަކު ދެކެ ބިރުގަތުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކޮންމެ ސަބަބެއް އޮވެގެން ނަމަވެސް އެއްވެސް މީހަކު ދެކެ ބިރުގަތުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ! 

"އެއުރެންނީ (އެބަހީ: ރަސޫލުންނީ) اللَّه ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބައެކެވެ. އަދި އެބޭކަލުން އެކަލާނގެ ދެކެ ބިރުވެތިވެތެވެ. އަދި އެބޭކަލުންނީ ﷲ ފިޔަވައި އެހެންފަރާތަކަށް ބިރުވެތިވާ ބައެއްނޫނެވެ. އަދި ޙިސާބުބައްލަވަނިވި ކަލަކު ކަމުގައި ﷲ ފުދިވޮޑިގެންވެއެވެ." (އަލްއަޙްޒާބް: 39) 

"ހަމަކަށަވަރުން، އެއީ، ހަމަ ޝައިޠޯނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިއަބަައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިއަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިއަބައިމީހުން، މުއުމިނުން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ބިރުވެތިވާށެވެ!" (އާލްޢިމްރާން: 175) 

މި 2 އާޔަތުންވެސް އެނގިގެން މިދަނީ ބިރުގަތުން އޮތީ ހަމައެކަނި ﷲ ތަޢާލާއަށްކަމެވެ. އާޚިރަތް ދުވަހަށްކަމެވެ. ޢާޚިރަތް ދުވަހު ހިސާބު ބައްލަވާނީ ﷲ ތަޢާލާކަމެވެ. އެކަމުގައި އެއްވެސް ދެވަނަ ފަރާތެއްގެ ބައިވެރިވުން އެއްވެސް ވަރަކަށް ނުއޮންނާނެކަމެވެ. 

ވީމާ އެއްވެސް މީހަކު އެހެން މީހަކު ދެކެ އެއްވެސް ކަމެއްގައި ބިރުގަތުމެއް ނެތެވެ! ބިރުގަންނަންވީ ހުރިހާ ކަންކަން މިންވަރުކުރައްވަވާ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި ވަޒީފާއަށް ބިރުނުގަންނާށެވެ! އވަޒީފާ ދެއްވެވީ ﷲ ތަޢާލާއެވެ! އެކަމަށް ﷲ ތަޢާޅާ މިންވަރު ނުކުރެއްވެވި ނަމަ އެއްވެސް މީހަކަށް އެއްވެސް ވަޒީފާއެއް ނުލިބޭނެއެވެ. 

ވީމާ ވަޒީފާއަށް ބިރުން ޙައްޤުބަސް ބުނަން ނުކެރިފައި ހުރިނަމަ އެކަމުން އެނގެނީ އެމީހާގެ އީމާންކަމެއް ނެތްކަމެވެ. ނުވަތަ އީމާންކަން ކުޑަކަމެވެ. އެއީ ވަޒީފާ އާއި އެހެން ހުރިހާ ކަމަކަށްވުރެ މާގެއްލުން ބޮޑުކަމެކެވެ.

ޔަޤީންކުރަންވީ ދިރިއުޅުމުގައި ކުރިމަތިވެދާނެ ކަންކަމަށް ބިރުގަތުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެއް ނޫންކަމެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ. އެހެނީ އަހަރެމެން އީމާންވެ ޤަބޫލުކޮށްގެން މިތިބީ ﷲ ތަޢާލާ އަހަރެމެންނާއިމެދު ލިޔުއްވަވާފައި ނުވާ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ކުރިމަތިވާ ކޮންމެ ކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވާނީވެސް ﷲ ތަޢާލާ ކަމެވެ. 

މިކަންކަން ޤަބޫލުނުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ! ވީމާ އީމާންކަމަށް ކިތަންމެ ކުޑަ ނަމަވެސް ލޮޅުމެއް އަރައިފާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. 

ހަމަ އެއާއިއެކު ކުރމަތިވެދާނެ ކަންކަމަށް ރައްކައުތެރިވެ ތިބުމަކީ މުސްލިމުންނަށް ކުރަންޖެހޭ ކަމެކެވެ. ކަންކަމާއިމެދު ފުންކޮށް ވިސްނައި ރައްކަތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ބިރުގަތުމާއި އެއީ މުޅިން ދެކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން