މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު އިސްލާމް ދީނުގެ ވާހަކަދައްކާއިރު އެއީ ޞުލްޙަކަމަށް އެބަ ބުނެއެވެ. ނަމަވެސް އެއީ ފުރިހަމަ މާނައެއް ނޫނެވެ. އިސްލާމް ދީނަކީ ޞޫލްޙައިގެ ދީންކަމަށް ބުނަންޖެހެނީ އިސްލާމް ދީނުގައި އަނިޔާވެރިކަން ނެތުމުންނެވެ. ނަމަވެސް އެއީ ދީނުގެ ހުރިހާ ކަމަކީ ޞުލްޙަ ކަމަށް ހަދައި ނިންމައިލެވެން އޮތްކަމެއް ނޫނެވެ.
އިސްލާމް ކަމަކީ ކޮބައިކަން މާނަކުރާނަމަ ބުނަންޖެހޭނީ އިސްލާމްކަމަކީ ﷲ ތަޢާލާ އާއި ﷲ ގެ ރަސޫލް ﷺ އަށް ފުރިހަމަ ގޮތުގައި ކިޔަމަންވުން ކަމަށެވެ. އެކަން ނުކުރެވޭނަމަ އިސްލާމް ކަމެއް ނެތެވެ.
މިއަދު މައްސަލައަކަށްވެގެން މިއުޅެނީ އިސްލާމް ދީނަކީ އެމީހަކު ބޭނުންވާ ގޮތްކަމަށް ހަދާތީއެވެ. އެކަން އެހެނެއް ނުކުރެވޭނެއެވެ. އިސްލާމް ދީން މިކިޔަނީ ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ސުންނަތަށެވެ. އެއްވެސް މީހަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އިސްލާމް ދީން ބާވައިލެއްވެވި ގޮތަށެވެ.
ވީމާ އަހަރެން އެދެނީ ފުރަތަމަ ކަމަކަށް އިސްލާމް ދީނަކީ ކޮބައިކަން ދަސްކުރުމަށެވެ. އިސްލާމް ދީނަށް ޢަމަލުކުރެވޭނީ އިސްލާމް ކަމަކީ ކޮބައިކަން އެނގިގެން ކަމަސްވާތީއެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން