ކައިވެނި ރޫޅި އެކަނިވެރިވެ ހިތްދަތިކަން ލިބުމުން ލިބެން އޮތް ބޮޑު ނިޢްމަތް ދޫކޮށްލައި ނަރަކައަށް ވެއްޓިގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކައިވެނި ރޫޅި އެކަނިވެރިވެ ހިތްދަތިކަން ލިބުމުން ލިބެން އޮތް ބޮޑު ނިޢްމަތް ދޫކޮށްލައި ނަރަކައަށް ވެއްޓިގަންނަނީ ކީއްވެ؟

އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވިނަމަވެސް ކައިވެނި ރޫޅުމުން އެންމެ ބޮޑު ދެރައެއް ލިބެނީ އަންހެނުންނަށެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމައެވެ. ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުކުރަނީ މީހަކަށްވާތީއެވެ. އެހެންވެ ދަތިޙާލުގައި ދިރިއުޅެންޖެހޭތީއެވެ.

އެހެންކަމުން ކޮންމެ އަންހެނަކުވެސް ވިސްނާށެވެ! ކައިވެނި ރޫޅި ދެރަ ނިކަމެތިގޮތެއް މެދުވެރިވެއްޖެނަމަ އެއީ ތިމާއަށް ދެއްވެވި ވަރަށް ބޮޑު ނިޢްމަތެއް ކަމުގައެވެ. އެހެނީ ދަތިޙާލުގައި ހިތްދަތިކަމުގައި އުޅެން ޖެހުމުން ﷲ ތަޢާލާގެ މަތިން ހަނދާންކުރެވުން ގިނަވާނެއެވެ. ﷲ ތަޢާލާގެ ރަހްމަތަށް އެދެވުން ގިނަވާނެއެވެ. އަޅުކަންކުރެވުން ގިނަވާނެއެވެ.

ކައިވެނި ރޫޅުމުން މިބުނި މަގުން ޢަމަލުކޮށްފިނަމަ އެކަން ވެގެންދާނީ ތިބާއަށް ލެއްވެވި ބޮޑު ރަޙްމަތަކަށެވެ. ނަމަވެސް ގިނަ ބައަކަށް ކަންކަން ކުރެވެނީ އެހެންނަކުން ނޫނެވެ. ކައިވެނި ރޫޅުމުން އެއީ ލިބުނު ބޮޑު މިނިވަންކަމެއް ކަމަށް ބަލައި ޢަމަލުކުރަންފަށަނީ ދިމާ އިދިކޮޅަށެވެ. ކުރަން ފަށަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ. އެއިރުން އެއީ ކައިވެނި ރޫޅި އެކަނިވެރިވެ ހިތްދަތިކަން ލިބުމުން ލިބެން އޮތް ބޮޑު ނިޢްމަތް އަމިއްލައަށް ދޫކޮށްލައި ނަރަކައަށް ވެއްޓިގަންނަނީ ނޫންހެއްޔެވެ؟

ދެން މިބުނަނީ ތިއަ ލޮބުވެތިކަނބަލުން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތަކުގެ ވާހަކައެވެ. ކައިވެނި ރޫޅި ހިތްދަތިކަން ލިބޭ ޙާލުގައި ކެތްތެރިކަމުގައި ސާބިތުވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވެއްޖެނަމަ ދެން ދެއްވަވާނީ މާއުފާވެރި ދިރިއުޅުމެކެވެ. އިން ޝާ ﷲ އެހެން މިބުނަނީ ތިބާއަށް ކުރިމަތިވި ޙާލަތަކީ ތިބާއަށް ކުރިމަތި ކުރެއްވެވި އިމްތިޙާނެކެވެ. ފާސްވެއްޖެނަމަ އިނާމު ނުލިބި ނުލިބި ނުދާނެއެވެ. ހަމައެގޮތަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާންތަކުން ފާސްވީމާ އެކަމަށް ޙައްޤު ޖަޒާ ނުދެއްވައި ދޫކޮށްނުލައްވަވާނެތެވެ. އެއީ މާބޮޑަށް ޔަޤީންކުރަންޖެހޭނެ ކަމެކެވެ.

ވީމާ މިބުނެވުނު ބަސްކޮޅަކީ ކައިވެނި ރޫޅި ހިތްދަތިކަމާއި އެހެނިހެން ގޮތްގޮތުންވެސް ތަކްލީފްތައް އުފުލަންޖެހޭ އުޚުތުންނަށް ފައިދާކުރާނެ ބަސްކޮޅެއް ކަމަށް އުންމީދުކުރަމެވެ. ޢަމަލުކޮށް ފައިދާ ހޯދުމާއި ﷲ ތަޢާލާ ދެއްވެވި ފުރުޞަތު ނަގާލައި ނަރަކައަށް ވެއްޓިގަތުން އޮތީ ހަމަ އެމީހެއްގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން