އަޅުގަނޑުގެ ފިރިމީހާ ކޮންމެ ކަމެއްގައިވެސް އޮޅުވާލައި މަކަރުހަދަނީއެވެ! ދުލުން އެންމެ ތެދެއްވެސް ނުބުނެހުރެ 2 ވަނަ ކައިވެނިވެސްކޮށްފިއެވެ. ފިރިމީހާ ވީމާ އަނބިމީހާއަށް މަރުހަދާ އޮޅުވާލަން ހުއްދަތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ލޯބި ނުވާ ހާލު މަކަރު ހަދައި އޮޅުވައިލުމުން އެވެވެނީ މުނާފިޤަކަށެވެ! އެދެވެނީ ނަރަކަ އަޑިއަށް ކަމުގެ ބިރު ވަރަށް ބޮޑެވެ!
މިރޭ ބަސްކޮޅެއް ބުނެލެވޭތޯ މިބަލަނީ ލޯބިން ވައްކަންކުރުމާއި މަކަރާއި ހީލަތް ހެދުމާއި ބެހޭ ގޮތުންނެވެ. މީގެ ކުރިންވެސް ބައެއް ދަރުސްތަކުގައި މިކަމުގެ ވާހަކަތައް ވާނީ ދެއްކިފައެވެ. އެއީ ހަމަ އެކަމާއިމެދު ސުވާލުކުރާ މީހުން ގިނަވުމުންނެވެ!
ކޮންމެ ކަމަކުންވެސް ވައްކަން ކުރެވޭނެ އެވެ. މަކަރާއި ހީލަތްވެސް ހެދޭނެއެވެ. އެހެންކަމުން އިންސާނުން އެކަކު އަނެކަކު ދެކެ ވާ ލޯބިން ވެސް ވައްކަންކޮށް މަކަރާއި ހީލަތް ހެދޭނެއެވެ. ގިނަ ބައަކު އެކަން ކުރެއެވެ. އެކަންކުރާ މީހުންގެ އަދަދު ގިނަކަމުން ގިނަ ބައަކު ޝަކުވާ ވެސް ކުރެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިން އެކަކު އަނެކަކަށް ދެ މޫނު ދެއްކުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ލޯބިނުވެ ލޯބިވާކަމަށް ހެދިގެން އުޅުމެވެ. ބައިވެރިޔާ ދެކެ ލޯބި ނުވާއިއރުވެސް ލޯބިވާކަމަށް ދައްކައި މަކަރު ހަދައިގެން އުޅެމުން ގެންދިއުމެވެ. އެކަކު އަނެކަކަށް ޚިޔާނާތްތެރިވަމުން ވަފާތެރިނަ ކަމަށް ހެދި އޮޅުވައިލުމެވެ!
މިކަމުގައި ތަފާތު ދެ ޙާލަތެއް ވެއެވެ. ފުރަތަމަ ޙާލަތަކީ އަނެކާގެ ކިބައިން ލިބެން އޮތް ދުނިޔަވީ ފައިދާއެއްގެ ދަހިވެތިކަމުގައި މަކަރުހަދައިގެން އުޅުމެވެ. މިފަދަ މީހުންނަކީ މަކަރުވެރިންނެވެ. ހީލަތްތެރިންނެވެ. ލޯބިން ވައްކަންކުރާ ވަގުންނެވެ! އަދި ކީއްހެއްޔެވެ؟ އެމީހުންނަށް އެދެވެނީ މުނާފިޤުންގެ މަގުންނެވެ. ބިރުހުރި ކަމަކީ ނަރަކައިގެ އެންމެ ޢަޒާބު ގަދަ ވަތްގަނޑުތަކުގައި ތިބޭނީ މުނާފިޤުން ކަމެވެ.
ދެވަނަ ބައަކީ ލޯބި ނުވި ނަމަވެސް ދުނިޔަވީ ސަބަބަކަށްޓަކައި އެކުގައި އުޅެން މަޖުބޫރުވާ މީޙުންނެވެ. މިސާލަކަށް ނިކަމެތި އަންހެނަކު ދަރިންކޮޅު ގޮވައިގެން ގޮސް ވަންނާނެ ތަނެއް، ދަރިންކޮޅު ބެލެހެއްޓޭނެ ގޮތެއް މެތުމުން ކިތަންމެ ލޯބި ނުވި ނަމަވެސް ފިރިމީހާ އާއިއެކު ދިރިއުލެން މަޖުބޫރުވެދާނެއެވެ. ކިތަންމެ ވރަކަށް އަނިޔާކުރި ނަމަވެސް ތަދުނުވާކަމަށާއި ލޯބިވާ ކަމަށް ދައްކައިގެން އުލެން ޖެހިދާނެއެވެ. މިއީ ހަމަ މުޅިން ތަފާތު ޙާލަތެވެ.
މިފަދަ އަނިޔާ ލިބެމުންދާ މީހުންގެ ޙާލަތު ﷲ ދެކެދެނެވޮޑިގެންވެއެވެ. ވީމާ ފަހުން ބަޔާންކުރި ޙާލަތުގައި އަނިޔާ ލިބޭ މައަކު ދަރިންގެ ޙައްޤުގައި ކެތްތެރިވުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވާނެ ކަމެކެވެ.
މިބުނި ދެ ޙާލަތުގެ އިތުރުންވެސް ވަރަށް ޚާއްޞަ ޙާލަތެއް އެބައޮތެވެ! އެއީ އެކު އުޅެމުންދަނިކޮށް ދިމާވާ ކަމެއްގެ ސަބަބުން އެކަކު އަނެކަކު ދެކެ ފޫހިވުމެވެ. އެ ޙާލަތުގައި ވެސް ވަކިނުވެ ދިރިއުޅުމެވެ.
މިބުނި ފަދަ ޙާލަތެއް ކުރިމަތިވެ ލޯބި ނުވާ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ވެސް ތެދުބަހުން ބުނަންވާނެއެވެ! އަދި ލޯބި ނުވުމަކީ އެކަކު އަނެކަކާއި ވަކިވާން ޖެހޭނެ ސަބަބަކަށްވެސް ނުހަދާށެވެ! އެހެނީ ﷲ ތައާލާޢަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ހާދަ މަތިވެރި އަޅުކަމެކެވެ. ތިމާ ބައިވެރިޔާ ދެކެލޯބި މިވަނީ ﷲ ތައާލާޢަށްޓަކައި ކަމަށް ހިތުގައި ކަނޑައަޅާ ހަމައިން ކުރިން ޖެހުނު މައްސަލަވެސް ހަނދާންނެތިގެންދާނެއެވެ. އުފެދުނު ފޫހިކަންވެސް ފިލާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން