މިނެދޭ ނާޅިން މިނެނުދީ ބައިވެރިޔާ ނުބައިކޮށް ކަންކަން ކުރާނަމަ އޭނާއަށް އިތުރަށް ރަނގަޅަށް ކަންކަން ކޮށްދޭށެވެ! ތިބާއަށް ކާމިޔާބު ލިބޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މިނެދޭ ނާޅިން މިނެނުދީ ބައިވެރިޔާ ނުބައިކޮށް ކަންކަން ކުރާނަމަ އޭނާއަށް އިތުރަށް ރަނގަޅަށް ކަންކަން ކޮށްދޭށެވެ! ތިބާއަށް ކާމިޔާބު ލިބޭނެއެވެ! އިން ޝާ ﷲ

ތިބާގެ ބައިވެރިޔާ ތިބާއަށް އިހްމާލްވާނަމަ ފުރަތަމަ ކަމަކަށް އޭނާއަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ. ތިބާއަށް ކަންކަން ކޮށްދެވޭނެ އެންމެ ފުރިހަމައަށް، އެންމެ ރަނގަޅަށް ކަންކަން ކޮށްދޭށެވެ. އެވަރުންވެސް އޭނާގެ ޢަމަލުތަކަށް ބަދަލެއް ނުއަންނަ ނަމަވެސް ރުޅި ނައިސް ބައިވެރިޔާ ގާތު އޭނާ އިތުރަށް ބޭނުންވަނީ ކޮންކަންތައްތަކެއްތޯ އާއި ތިބާގެ ހުރި އުނިސިފައަކީ ނުވަތަ އުނިކަމަކީ ކޮބައިތޯ ސުވާލުކުރާށެވެ. 

އޭނާގެ ކިބައިން ލިބޭ ޖަވާބުގައި އަދިވެސް ތިބާގެ ކިބައިން އިޞްލާޙްވުމަށް އެދޭ ކަންތައްތަކެއް ހުރިނަމަ އެކަންކަން އިޞްލާޙްކުރާށެވެ. ބައިވެރިޔާގެ ކިބައި ހުންނަ އުނިކަންތައްތަކާއި އިހްމާލްވާ ކަންތައްތަކުގެ ވާހަކަ ދައްކަންވާނީ އެއިގެ ފަހުންނެވެ. 

ނަމަވެސް ގިނަ މީހުންނަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. މިނެދޭ ނާޅިން މިނެދޭން ފަށަނީއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އޭނާގެ ނާޅިން ނުބައިކޮށް މިނާނަމަ އެކަން އޮންނާނީ އޭނާއަށެވެ. ތިބާ ކޮށްދޭންޖެހޭ ކަންކަން ވީހައި ރަނގަޅަކަށް ކޮށްދޭނަމަ ﷲ ތަޢާލާ ތިބާއަށް އެކަމުގެ ހެޔޮކަން ދެއްވަވާނެތެވެ. ނަތީޖާއެއްގެ ގޮތުން ކާމިޔާބު ލިބޭނީ ތިބާއަށެވެ. 

ދުނިޔޭގައި އުޅޭއިރު، ޚާއްޞަކޮށް ޒަވާޖީ ޙަޔާތުގައި އެންމެ ބޮޑަށް މަސައްކަތްކުރަންވާނީ އެމީހަކު އަދާކުރަންޖެހޭ ޒިންމާ ވީހައި ފުރިހަމައަށް އަދާކުރުމަށެވެ. ވަރަށް ގިނަ ފަހަރު އެކަމުގެ ސަބަބުން ތިބާއެދޭގޮތަށް ކަންކަން ޙައްލުވާނެއެވެ. އެހެނީ ޢާންމުގޮތެއްގައި އަނެކާ އިހްމާލްވެ ފަރުވާކުޑަކުރަންފަށާނީ ކޮންމެވެސް ސަބަބެއް އޮވެގެންކަމަށްވާތީއެވެ. 

އެއްވެސް މީހަކަށް އެމީހެއްގެ ކިބައިގައި ހުންނަ އުނިކަންކަން ނުވަތަ އެމީހަކަށް އިހްމާލްވެވޭ ކަންކަން އޮންނަނީ ފާހަގަނުކުރެވިފައެވެ. އެއީ ވަރަށް މަދުމީހަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށް ތިބާގެ ކިބައިގައިވެސް އުނިކަންތައްތަކެއް ހުރެދާނެކަން ޤަބޫލުކުރާށެވެ. 

މި ނަޞޭޙަތް ޤަބޫލުކުރަންވެސް ގިނަ ބއަކަށް އެހައި ފަސޭހައެއް ނޫނެވެ. ނަމަވެސް ޤަބޫލުކޮށް ޢަމަލުކުރި ގިނަ ބައަކަށް ވަނީ ނަޞޭޙަތުން ފައިދާކޮށްފައެވެ. ތިބާވެސް ނިކަން ޢަޖުމަ ބަލައިލަބަލާށެވެ.

 

- އަލަފް  

މިއަދު އޮންލައިން